Advertisement

ވިޒިޓް މޯލްޑިވްސް ޕްރޯ 2023: ވާދަވެރި ހީޓަކަށް ފަހު ފަސް ވަނަ ބުރުން ޝާމް ކަޓައިފި

9 އޮގަސްޓު 2023 - 09:48 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

މޯލްޑިވްސް ޕްރޯގެ ހީޓަށް ފަހު ޝާމް: އޭނާ ވަނީ މި ފަހަރުގެ މުބާރާތުގައި ތަފާތު ދައްކާފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ވިޒިޓް މޯލްޑިވްސް ޕްރޯ 2023: ވާދަވެރި ހީޓަކަށް ފަހު ފަސް ވަނަ ބުރުން ޝާމް ކަޓައިފި

9 އޮގަސްޓު 2023 - 09:48 0

ވިޒިޓް މޯލްޑިވްސް އޯޕަންގެ 2023ގެ ފަސް ވަނަ ބުރުން ބަލިވެ ރާއްޖޭގެ އަލީ ޝާމް ރާފިއު އަށް މުބާރާތް ނިމިއްޖެ އެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ 14 ބޮޑީބޯޑަރަކު ވާދަކުރާއިރު ފިރިހެން އޯޕަން ބައިގައި މީގެ ތެރެއިން 12 އެތުލީޓުން ވާދަކުރި އެވެ. މި 12 ބައިވެރިންގެ ތެރެއިން ފަސް ވަނަ ބުރުން ޖާގަ ލިބުނީ ރާއްޖޭގެ އަލީ ޝާމް އަށް އެކަންޏެވެ.

ފަސްވަނަ ބުރުގައި ޝާމް ވާދަކުރީ ޗިލީގެ މޮއިސެސް ސިލްވާ އާއި ފްރާންސްގެ ފަބިއަން ތަޒާއާ އެވެ. ވާދަވެރިކޮށް ދިޔަ ހީޓުގެ އެއްވަނަ މޮއިސެސް ހޯދީ 13.35ގެ ސްކޯއަކުންނެވެ. ފަބިއަން އަށް 11.50ގެ ސްކޯއެއް ލިބުނުއިރު، ޝާމް އަށް ލިބުނީ 10.50ގެ ސްކޯއެކެވެ.

ޝާމް ފަސް ވަނަ ބުރުން ޖާގަ ހޯދީ ހަތަރުވަނަ ބުރުގައި ދުނިޔޭގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ ހަވާއީގެ މައިކް ސްޓެވާޓް ބަލިކޮށް އެ ހީޓުގެ އެއް ވަނަ ހޯދައިގެންނެވެ. ޝާމް ވަނީ މުބާރާތުގެ ދެ ވަނަ ބުރުގައިވެސް މައިކް ބަލިކޮށްފަ އެވެ.

ފަސް ވަނަ ބުރުގައި ކުރިއަށްދިޔަ އެހެން ހީޓުތަކަށް ބަލާއިރު ފުރަތަމަ ހީޓުން ކުރި ހޯދީ ޗިލީގެ ސާޝާ ޑަމްޖަނިކް އާއި ސްޕެއިންގެ ޚޯރްހޭ ހެނާންޑޭޒް އެވެ. މި ހީޓުން ކެޓީ ހަވާއީގެ ސެމީ މޮރެޓީނޯ އެވެ. ދެވަނަ ހީޓުން ކުރި ހޯދައި ޗިލީގެ ރޮޑްރިގޯ ސިލްވާ އާއި ފްރާންސްގެ މެކްސިމް ކެސްޓީއޯ އަނެއް ބުރުން ޖާގަ ހޯދިއިރު، އޮސްޓްރޭލިއާގެ ކޭން ބްރޫވާ ވަނީ ކަޓާފަ އެވެ.

ތިން ވަނަ ހީޓުން އެއް ވަނަ ހޯދީ ދުވަހުގެ އެންމެ މަތީ ސްކޯ ކަމަށްވާ 18.00ގެ ސްކޯއެއް ހޯދި ބްރެޒިލްގެ ޔޫރީ ވަލަޑާއޯ އެވެ. އޭނާ ވަނީ މުބާރާތުގެ ފުރަތަމަ 10.00ގެ ސްކޯވެސް މި ހީޓުގައި ހޯދާފަ އެވެ. ޔޫރީގެ ފަހަތުން ދެ ވަނަ އަމައުރީ ލެވާން ހޯދިއިރު، ހީޓުގެ ފުލަށްގޮސް ކެޓީ ހަވާއީގެ މައިކް ސްޓެވާޓް އެވެ.

މި ވަގުތު ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ހަވާއީގެ ޓެނާ މެކްޑެނިއެލް ވަނީ 15.00ގެ ސްކޯއަކާ އެކު ހީޓު ހަތަރެއް ކާމިޔާބުކޮށްފަ އެވެ. ދެ ވަނަ ހޯދީ 14.40ގެ ސްކޯއެއް ހޯދި ފްރާންސްގެ ކްލެމެންޓް ލޮޑޭހޯ އެވެ. އަދި 11.00ގެ ސްކޯއެއް ހޯދި ބްރެޒިލްގެ އެޑާ ލޫސިއާނޯ އަށް ވަނީ މުބާރާތް ނިމިފަ އެވެ.

ފަހު ތިން ހީޓަށް ބަލާއިރު މުބާރާތުން ކެޓި ތިން ބައިވެރިންނަކީ ސްޕެއިންގެ އާމިދު ސޮލިވަރޭސް، ފްރާންސްގެ ޔަން ސަލައުން އަދި ޕޯޗުގަލްގެ ޕެޑްރޯ ބެޓެންކޯޓެވެ.

ހަ ވަނަ ހީޓުން ފްރާންސްގެ ޕިއޭ ލުއިސް ކޮސްޓޭސް (ޕީއެލްސީ) އާއި ބްރެޒިލްގެ ގެބްރިއެލް ބްރާގާ އަނެއް ބުރަށް ދަތުރުކުރިއިރު، ސައުތު އެފްރިކާގެ ޓްރިސްޓަން ރޮބާޓްސް އާއި ފްރާންސްގެ ޒިގީ ކެވިއާ ވަނީ މުބާރާތުގައި ކުރިއަށް ދިޔުމުގެ ފުރުސަތު ހޯދާފަ އެވެ.

ފަސް ވަނަ ބުރުގެ ފަހު ހީޓުގެ އެއް ވަނަ ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން ޑޭވިޑް ހަބާޑް އެވެ. އޭނާގެ ފަހަތުން ދެ ވަނަ ހޯދީ ފްރާންސްގެ އީތަން ކެޕްޑެވީ އެވެ.