8 އޮގަސްޓު 2023 - 19:47 0
މުހައްމަދު އުޝާމް
މެންބަރު ހަސަން ޒަރީރު؛ ހަމަލާ ދިނީ ކާކުކަން ނޭނގޭ ކަމަށް ވިދާޅުވެ ޒަރީރުގެ ބަޔާން ބަދަލުކޮށްފި - ފޮޓޯ: މަޖިލިސް
8 އޮގަސްޓު 2023 - 19:47 0
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން ހަމަލާ ދިނީ އިބްރާހިމް އަބްދުﷲ (ގައްބަރޭ) ކަމަށް ބަޔާން ދެއްވުމަށް ފަހު، ހަމަލާދިނީ އޭނާ ކަން ޔަގީން ނުވާ ކަމަށް ވިދާޅުވެ ފުލުހުންގެ ތަހުގީގަށް އޭނާ ދެއްވި ބަޔާން ބަދަލުކުރައްވައިފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ޒަރީރު ނިސްބަތްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް އުޅޭ ގައްބަރޭ ހައްޔަރުކޮށް 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓި އެވެ. އެއަށް ފަހުގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލީ ޖުލައި 6، ގަ އެވެ.
ބަންދުން ދޫކޮށްލި އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، މިއަދު ބޭއްވި އަޑުއެހުމުގައި ގައްބަރޭގެ ދިފާއީ ވަކީލު ވަނީ ޒަރީރުގެ ބަޔާން ބަދަލުވެފައިވާ ކަން ފާހަގަ ކުރައްވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ފަނޑިޔާރުން ސުވާލުކުރެއްވުމުން، ފުލުހުންގެ ފަރާތުން ޝަރީއަތަށް ހާޒިރުވެ އިންނެވި ޕޮލިސް އޮފިސަރު ވިދާޅުވީ ޒަރީރު ދެ ފަހަރު ފުލުހަށް ބަޔާން ދިން ކަމަށެވެ.
ފުރަތަމަ ބަޔާނުގައި ހަމަލާ ދިނީ ގައްބަރޭ ކަން ޔަގީންކޮށްދިން ކަމަށާއި، ނަމަވެސް ދެވަނަ ބަޔާނުގައި ގައްބަރޭކަން ޔަގީންނުވާ ކަމަށް ވިދާޅުވެ ބަޔާން ދެއްވި ކަމަށް އެ އޮފިސަރު ވިދާޅުވި އެވެ.
"ދެވަނަ ފަހަރު ހާޒިރުކުރެވުނު އިރު އެ ފަރާތުން ބަޔާން ބަދަލުކުރަން ބޭނުން ވެގެން ބަދަލުކޮށްފައި ވާނެ. ފުރަތަމަ ސުވާލުކުރެވުނު އިރު [ގައްބަރޭކަން] އައިޑެންޓިފައި ކޮށްދިން. ފަހުން ބުނެފައި ވަނީ ކަށަވަރު ނުވާ ކަމަށް." ޕޮލިސް އޮފިސަރު ވިދާޅުވި އެވެ.
ޒަރީރު ދެއްވި ބަޔާން ބަދަލުކުރެއްވި ސަބަބާ ގުޅޭ ގޮތުން ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.
ޒަރީރާ ހަވާލާދެއްވައި، ޕޮލިސް އޮފިސަރު ވިދާޅުވީ ބިރުވެރިކަމެއްގެ ތެރެއަށް ވަންނަން ބޭނުން ނުވާތީ ކަމަށެވެ. އާންމުކޮށް ހުޅުވާލައިގެން ބޭއްވި އެ އަޑުއެހުމުގައި، ސަބަބުގެ ތަފުސީލެއް މާ ބޮޑަކަށް ނުދެއްވި އެވެ.
"ބަޔާން ބަދަލުކުރާ ސަބަބަކަށް ބުނީ އެ ފަރާތުން އިތުރަށް ޝާމިލުވާން ބޭނުން ނުވާ ކަމަށް. އެ ވަގުތު ބިރުވެރިކަމެއްގައި ހުރި ކަމަށް. މިއީ ނުރައްކާތެރި ކަމެއް ކަމަށް. އެފަދަ ޝަކުވާތަކެއް އެބަ ހުރި، އިންޓަވިއު ރެކޯޑިންތަކުން އެނގޭނެ، އިއްޒަތްތެރި ފަނޑިޔާރު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ބަޔާނާއި ދެވަނަ ބަޔާން ނެގުނު ދުވަހާ ދެމެދު 15 ދުވަސް ހިނގި އެވެ. އެހާ ވަރުގެ މުއްދަތެއް ހިނގީ އެއީ ޒަރީރަށް ފުލުހުންގެ އިދާރާއަށް ހާޒިރުނުވެވިގެން ކަމަށް ޕޮލިސް އޮފިސަރު ވިދާޅުވި އެވެ.
"އެ ދެމެދު ދޭތެރޭގައި ރަށުގައި ނެތުމާއި، ވަކީލާ އިތުރަށް މަޝްވަރާ ކުރަން ޖެހޭ ކަންކަން ހުރުމާއި، ކެމްޕެއިނަށް އެހެން ރަށްރަށުގައި އުޅެން ޖެހުމުން އެހާ ދުވަސް ނެގީ، ރަށަށް އާދެވުނު ދުވަހު ބަޔާން ނެގިފައިވާނެ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ ހުރިހާ ފަރާތެއްގެ ދިފާއީ ވަކީލުންނަށް ވެސް ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު، އަޑުއެހުން ނިންމާލި އެވެ. ގައްބަރޭއާއި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުގައި ބެހެއްޓުމާ ގުޅޭ ގޮތުން ފަނޑިޔާރުން ވަކި ގޮތެއް ނުނިންމަވަ އެވެ.
ޒަރީރަށް ހަމަލާ ދިނީ މެއި 1، ގައި މާލޭގެ ކެފޭއެއްގައި އޭނާ އިންނަވަނިކޮށެވެ. ގައްބަރޭއަކީ ޒަރީރު ވެސް ނިސްބަތްވާ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ. އޭނާއަކީ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސެވެ.
ނުރައްކާތެރި މާރާމާރީ ހިންގުމުގެ ތާރީހެއް ވެސް އޮތް ގައްބަރޭ، (32 އ.) ގެ މައްޗަށް މާރާމާރީ ހިންގުމުގެ ދައުވާތަކަކާއި، މަރުގެ ދައުވާއެއް ވެސް މީގެ ކުރިން އުފުލާފައިވެ އެވެ.
މީގެ ކުރިން 2007 ވަނަ އަހަރު، ހ. ކުބުރާ، އަލީ އިޝާރު މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި ގައްބަރޭ ވަނީ އިއުތިރާފުވެފަ އެވެ. އެއިރު އޭނާގެ އުމުރަކީ 16 އަހަރެވެ.
އެ މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ގައްބަރޭގެ މައްޗަށް ދައުލަތުން އުފުލި އެވެ. ނަމަވެސް ކުޑަކުދިންގެ ކޯޓުން ނިންމީ އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުނުވާ ކަމަށެވެ. އެ މައްސަލައިގައި ހުކުމް ކުރީ 2010 ވަނަ އަހަރެވެ.
ހުކުމެއްގައި ހުރެ ބޭހަށް ފޮނުވުން އިންޑިއާގައި ފިލައިގެން ވެސް އޭނާ އުޅުނެވެ. ގައްބަރޭއަކީ އޭރު ގޭންގް ލީޑަރެއް ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment