Advertisement

ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީ ސާމްޕަލް އުފުލުން ގދ. ގައި ޓެސްޓުކޮށްފި

8 އޮގަސްޓު 2023 - 15:01 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ލެބޯޓްރީ ޓެކްނީޝަކު މަސައްކަތުގައި. ލެބޯޓްރީ ސާމްޕަލްތައް ޑްރޯން ބޭނުންކޮށްގެން އުފުލުމުގެ އިންތިޒާމު މިއަދު ޓެސްޓްކުރި. އަދަދު/ފައިލް ފޮޓޯ


ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީ ސާމްޕަލް އުފުލުން ގދ. ގައި ޓެސްޓުކޮށްފި

8 އޮގަސްޓު 2023 - 15:01 0

ޑްރޯންގެ ޒަރިއްޔާއިން ލެބޯޓްރީތަކަށް ސާމްޕަލް އުފުލުމުގެ އިންތިޒާމު ގދ. އަތޮޅުގައި ޓެސްޓް ކޮށްފި އެވެ.

ގދ. މަޑަވެލީގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އެކަން އިއުލާނު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ޑްރޯންގެ ހިދުމަތް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީތަކުގައި ސަޕްލައި ޓްރާންސްފާ ކުރުމުގެ މަސައްކަތް ފަށާނަން. މިހާރު ވަނީ މި އަތޮޅުގައި އެކަން ޓެސްޓު ކުރެވިފައި،" ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ރިޔާސީ ދެވަނަ ދައުރުގެ މެނިފެސްޓޯގައިވެސް ވަނީ ޑްރޯން ބޭނުންކޮށްގެން އެއް ލެބޯޓްރީން އަނެއް ލެބޯޓްރީ އަށް ސާމްޕަލް އުފުލުން ހިމަނާފަ ކެވެ.

ޑްރޯން ބޭނުންކޮށްގެން ސާމްޕަލް އަދި ބޭސް އުފުލުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ވެސް ދެމުން އަންނަ ހިދުމަތެކެވެ.

މީގެ އިތުރުން ދެވަނަ ދައުރެއް ލިބިއްޖެނަމަ ރާއްޖޭގެ ނެޝަނަލް ހެލްތު ސާވިސް ވަކި އިދާރާއަކަށް ހަދާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި އަހަރު ނިމުމުގެ ކުރިން މަދަނީ ހިދުމަތްތައް ދިނުމުގައި ޑްރޯން ބޭނުންކުރުމުގެ ހުއްދަ ދޫކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ޑްރޯން އެރުވުމާ ބެހޭ އުސޫލެއް ގެޒެޓުކޮށްފަ އެވެ.

.