Advertisement

ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް މާދަމާގެ 4:30 އާ ހަމައަށް ފުރުސަތު ދީފި

8 އޮގަސްޓު 2023 - 11:55 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން؛ ކެންޑިޑޭޓު ނަން އަނބުރާ ގެންދަން ބޭނުންވާނަމަ މާދަމާ ހަވީރުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލައިފި - ފޮޓޯ: މިރާން ނާޝިމް / އަދަދު


ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް މާދަމާގެ 4:30 އާ ހަމައަށް ފުރުސަތު ދީފި

8 އޮގަސްޓު 2023 - 11:55 0

ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާނަމަ މާދަމާ ހަވީރުގެ ނިޔަލަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އަށް ކެންޑިޑޭޓަކު ވަނީ ކުރިމަތިލައިފަ އެވެ. މިއީ ފެހި ގާނޫނު އަސާސީއަށް ފަހު ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ފަހަރެވެ. 2008 ގައި ހަ ކެންޑިޑޭޓުން، 2013 ގައި ހަތަރު ކެންޑިޑޭޓުން، އަދި 2018 ގައި ދެ ކެންޑިޑޭޓަކު ވާދަކުރި އެވެ.

އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "އަދަދު" ނޫހަށް ވިދާޅުވީ، ކެންޑިޑެސީ ފޯމު ހުށަހެޅި ހުރިހާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބަލައިގެންފައިވާ ކަމަށެވެ. އަދި މާދަމާ ހަވީރު ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރަން ފެށުމުގެ ކުރިއަށް ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު އޮންނާނެ ކަން ފާހަގަ ކުރެއްވި އެވެ.

"މާދަމާ ހަވީރު 4:30 ގައި ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އޮންނާނެ، ނަން އަނބުރާ ގެންދަން އެއްވެސް ކެންޑިޑޭޓަކު ބޭނުންވާ ނަމަ އެ ފުރުސަތު އެ ވަގުތާ ހަމައަށް އޮންނާނެ،" ހަސަން ޒަކަރިއްޔާ ވިދާޅުވި އެވެ.

އާންމު އިންތިހާބުތަކުގެ ގާނޫނު ބުނާ ގޮތުން، އިންތިހާބަކަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އޮންނާނީ ކުރިމަތިލާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ވަގުތާ ހަމައަށެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުން؛

  1. އެމްޑީޕީ: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
  2. ޕީއެންސީ: މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
  3. ޖޭޕީ: މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
  4. ޑިމޮކްރެޓްސް: މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
  5. އެމްއެންޕީ: މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
  6. އަމިއްލަ ގޮތުން، އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން
  7. އަމިއްލަ ގޮތުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
  8. އަމިއްލަ ގޮތުން، ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ ހަސަން ޒަމީލް

ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 280،000 މީހުނަށް ލިބެ އެވެ. ފުރަތަމަ ބުރުގެ ވޯޓު ލުން ސެޕްޓެމްބަރު 9، ގައި އޮންނަ އިރު ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މަދުވެގެން ވޯޓުލާ މީހުންގެ 50 އިންސައްތަ އަދި އިތުރު އެއް ވޯޓު ހޯދަން ޖެހެ އެވެ. ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެ ވަރަށް ވޯޓު ނުލިބޭނަމަ، އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއްގެ ވޯޓު ލުން ބާއްވަން ޖެހެ އެވެ.

ޖުމްލަ 604 ވޯޓުފޮށި ބަހައްޓަ އެވެ. އެއީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 187 ފޮއްޓާއި، އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 78 ފޮށި، ރާއްޖެއިން ބޭރުގައި 13 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަތް ފޮއްޓެވެ. އަދި 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދީފައިވެ އެވެ.