Advertisement

ރަނިން މޭޓްގެ ގޮތުގައި އަސްލަމް ފުރަތަމަ ވެސް ދެއްވީ އިހުލާސްތެރިކަމުގެ ޔަގީންކަން

8 އޮގަސްޓު 2023 - 00:16 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެމްޑީޕީން ދ.ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައި މެމްބަރު މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ރަނިން މޭޓްގެ ގޮތުގައި އަސްލަމް ފުރަތަމަ ވެސް ދެއްވީ އިހުލާސްތެރިކަމުގެ ޔަގީންކަން

8 އޮގަސްޓު 2023 - 00:16 0

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިން މޭޓު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އޭނާގެ އިހުލާސްތެރިކަމުގެ ކަށަވަރުކަން ދެއްވުމުގެ ގޮތުން މިރޭ ވާހަކަ ދައްކަވައިފި އެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހަށް ޝުކުރު އަދާކުރެއްވުމަށް ފަހު އަސްލަމް ފުރަތަމަ ވެސް އެދިވަޑައިގެންނެވީ އޭނާއަށް އިތުބާރު ކުރުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިހުލާސްތެރިކަމާއި ތެދުވެރިކަމާ މެދު ޝައްކެއް އުފެދޭ ވަރުގެ އެއްވެސް ކަމެއް އޭނާގެ ކިބަޔަކުން ނުފެންނާނެ އެވެ.

"މި ވަގުތުގައި ދަންނަވައިލަން ބޭނުންވޭ، އަޅުގަނޑަށް ފުރިހަމައަށް އިތުބާރުކުރައްވާށޭ. އަޅުގަނޑަށް ފުރިހަމައަށް އިތުބާރުކުރައްވާށޭ. އަޅުގަނޑުގެ އިހުލާސްތެރިކަމާ މެދު ފުކެއް ވެސް ، އަޅުގަނޑުގެ އިހުލާސްތެރިކަމާ އަޅުގަނޑުގެ ތެދުވެރިކަމާ މެދު ފުކެއްގެ ޝައްކެއް އުފެދޭ މިންވަރު ކަމެއް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ކިބައިން ފެނިގެނެއް ނުދާނެ،" ރައްޔިތުންގެ މަޖިލީހުގައި ވިދިވިދިގެން ހަތަރު ވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދަވާ އަސްލަމް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހަައްމަދު ސޯލިހު ދެނެވަޑައިގަންނަވާތާ ތިރީހަކަށް އަހަރު ވެފައިވާ ކަމަށާއި އެންމެ ފުރިހަމައަށް ނޫނަސް އެމަނިކުފާނުގެ މިޒާޖާއި މަސައްކަތްޕުޅު ހުންނަ ގޮތް ގާތުން ދެކެވަޑަައިގެންފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ރައީސަށް ތައުރީފުކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އެންމެ ރަނގަޅު ސިފަޔަކީ ކެތްތެރިކަމާއި މަޑުމައިތިރި ކަމާއެކު ކަންތައްތައް ނިންމެވުމެވެ.

"ހަމަ އަޅުގަނޑަށް އެންމެ ކަމުދާ، އެންމެ މުހިންމު ސިފައަކީ އަޅުގަނޑުމެން އެންމެން ވެސް މި ހާމަކުރަމުންދާ ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު ވިސްނުންތެރިކަމާއެކު ކަންކަމުގައި ގޮތް ގިންމަވަމުން ގެންދެވުން،" އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ސަރުކާރުގެ ވެސް އެންމެ ބޮޑު ކާމިޔާބަކީ އެ ލީޑަޝިޕް. އެ ޑިސިޝަން ނެންގެވުމުގައި އެ ގެންގުޅުއްވި ހަރުދަނާ އުސޫލާއި އެ ހަރުދަނާ ޝަހުސިއްޔަތު."

އަސްލަމްއަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސެވެ. އަދި އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ. މިއީ މަޖިލީހުގައި އަސްލަމް އިންނަވާތާ ހަތަރު ވަނަ ދައުރެވެ. އޭނާއަކީ ކުރިން ފެށިގެން ވެސް ރައީސް ސޯލިހާއެކު ވަރަށް ގާތުން މަސައްކަތް ކުރާ ބޭފުޅެއް ކަމަށްވެ އެވެ.