Advertisement

ޔާމީނަށް އޮތް ތާއީދު މުއިއްޒަށް އަނބުރާލެވިދާނެތަ؟

9 އޮގަސްޓު 2023 - 13:30 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒު (ކ) އަދި އިދިކޮޅު ލީޑަރު ޔާމީން (ވ). އެ ޕާޓީގެ ތެރޭގައި ރިޔާސީ ޓިކެޓާ މެދު ދެބަސްވުންތަކެއް އުފެދުނު --- އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު


ޔާމީނަށް އޮތް ތާއީދު މުއިއްޒަށް އަނބުރާލެވިދާނެތަ؟

9 އޮގަސްޓު 2023 - 13:30 0

ބަދަލަކީ، ބައެއްފަހަރު، އެކަމުގެ ވަގުތުގައި ބަލައިގަންނަން އަދި ގަބޫލު ކުރަން ފަސޭހަކަމެއް ނޫނެވެ. އެކަމަކު ސިޔާސީ މައިދާނުގައި އެންމެ ކަށަވަރު ކަމަކީ ބަދަލެވެ.

ސިޔާސީ ޕާޓީ އުފައްދައި ހިންގުމުގެ ހުއްދަ ޖުލައި، 2005، ގައި ދިވެހިންނަށް ލިބުނު ފަހުން، އެތަކެއް ލީޑަރުންނެއް އުފެދިއްޖެ އެވެ. އެ ލީޑަރުންގެ ފިކުރާއި ވިސްނުން ބައްޓަންވީ ހަމައެކަނި އެންމެ ސިޔާސީ ޕާޓީއަކުން ނުވަތަ ހާދިސާތަކަކުން ނޫނެވެ. ޕާޓީ ބަދަލުނުވާ މަދު ބޭފުޅުންކޮޅެއް ތިއްބެވި ނަމަވެސް ގިނަ ބޭފުޅުން މިހާރު ތިއްބެވީ ކުރިން ތިއްބެވި ޕްލެޓްފޯމްތަކުގައެއް ނޫނެވެ.

ފުރަތަމަ އެއީ ދިވެހި ރައްޔިތުންގެ ޕާޓީގެ އިސް މެމްބަރެކެވެ. ދެން، ޕީޕަލްސް އެލަޔަންސްގެ ލީޑަރު އަބްދުﷲ ޔާމީނެވެ. އެއަށްފަހު އެއީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ކެންޑިޑޭޓެވެ. އޭގެ ފަހުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެވެ.

ޑރ. މުހައްމަދު މުއިއްޒަކީ ފުރަތަމަ އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރެކެވެ. އެއަށްފަހު، ހައުސިން މިނިސްޓަރެވެ. އޭގެ ފަހުން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ މެމްބަރެކެވެ. ފަހުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ނައިބު ރައީސެކެވެ. އަދި މިހާރު، ޕީޕަލް ނެޝަނަލް ކޮންގްރެސް އަދި އިދިކޮޅު އެންމެ ބޮޑު ކޯލިޝަނުގެ ލީޑަރެވެ.

ސުވާލަކީ، އިދިކޮޅު ޕީޕީއެމް އާއި ރައްޔިތުން ރައީސް ޔާމީންގެ ބަދަލުތައް ބަލައިގެން ފަދައިން ޑރ. މުއިއްޒާއި އޭނާ ބައްޓަންކޮށްފައިވާ ފިކުރާއި ޝަހުސިއްޔަތު ބަލައިގަންނާނެތޯ އެވެ؟

ޕީއޭގެ ލީޑަރުކަމުން ޔާމީން ފެއްޓެވި ދަތުރު

އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ރާއްޖޭގައި ހިންގަން ފެށިއިރު ޔާމީންއަކީ ސިޔާސީ ލީޑަރެއް ނޫނެވެ. އެމަނިކުފާނު 2005 ވަނަ އަހަރު އެންމެ ފުރަތަމަ ގުޅިވަޑައިގަތީ، ބޭބޭފުޅު އަދި އެއިރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ޑީއާރްޕީއާ އެވެ. އެއިރު ޔާމީނަކީ މައުމޫންގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރެކެވެ.

ޑީޔާމީން އާރްޕީގައި ގާތްގަނޑަށް ތިން އަހަރު ހޭދަކުރެއްވި އެވެ. ރައްޔިތުންގެ މަޖިލީހު އޭރުގެ ބައެއް މެމްބަރުންގެ ތާއީދާއެކު ޕީޕަލްސް އެލަޔަންސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ޔާމީން ހުށަހެޅުއްވީ މެއި 5، 2008 ގަ އެވެ.

ޕިއޭ އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން:


އޭގެ ފަހުން ޔާމީންގެ ޕީއޭއިން ބޭބޭފުޅުގެ ޑީއާރްޕީއާ ސިޔާސީ ގޮތުން ކޯލިޝަނެއް ހެދި އެވެ. ޕީއޭއަކީ އެއިރު ހަރަކާތްތެރިވަމުންދިޔަ އަށް ޕާޓީގެ ތެރެެއިން އެންމެ ކުދި ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީއެކެވެ. ދެން ހުރި ކުދި ޕާޓީތަކަކީ، ޑރ. ހަސަން ސައީދުގެ ދިވެހި ގައުމީ ޕާޓީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ އެވެ.

ސިޔާސީ ގޮތުން ޔާމީންގެ މަގުބޫލުކަން އިތުރުވާން ފެށީ ޖުލައި 14، 2010 ގައި ސިފައިން އެމަނިކުފާނު ހައްޔަރުކޮށްގެން އާރަށަށް ގެންދިޔުމުންނެވެ. ޔާމީން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެއް ނޫނެވެ. އަދި ޔާމީން ސިފައިންގެ ބަންދުން ދޫކޮށްލަން ކޯޓުން ވެސް އަމުރުކުރި އެވެ. އެކަމަކު، އެއިން އެއްވެސް ކަމަކަށް ބެލުމެއްނެތި ޔާމީން ދޫކޮށްލީ 14 ދުވަހު އާރަށުގައި ބެހެއްޓުމަށްފަހު ޖުލައި 23، 2010 ގަ އެވެ.

ޔާމީންގެ މައްޗަށް ސަރުކާރުން ކުރި މައިގަނޑު ތުހުމަތަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން ވެރިކަން ވައްޓާލަން އުޅުމެވެ. އަދި އެބޭފުޅުންނަށް ރިޝްވަތު ދެއްވަން އުޅުނު ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އެއިރުގެ ރައީސް މުހައްމަދު ނަޝީދު ފޮނުވި ސިޓީތަކެއް ލީކުވި އެވެ.

އެގޮތުން އެއިރުގެ ހުޅުމީދޫ ދާއިރާގެ މެމްބަރު އަދި މިވަގުތު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ސީދާ ޔާމީން ރިޝްވަތު ދޭން އުޅުނު ކަމަށް އިލްޔާސް ތުހުމަތު ކުރައްވާ ނަޝީދަށް ފޮނުވި ސިޓީއެއް ވެސް ލީކުވި އެވެ. އިލްޔާސް އޭގައި ތުހުމަތު ކުރައްވާފައި ވަނީ "ޕީޕަލްސް އެލަޔަންސާ ގުޅުމުން ރަނގަޅު ގޮތްތަކެއްވާނެ" ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ.

ޔާމީން ހައްޔަރު ކުރުމުން އެމަނިކުފާނުގެ މަގުބޫލުކަން އިތުރުވަމުންދިޔަ ކަމަށް އެއިރު ޕީއޭގެ ސެކްރެޓަރީ ޖެނެރަލް އަދި މިހާރު ސްޓެލްކޯގެ ވެރިޔާ އަހުމަދު ޝަރީފް އާދަމް ވިދާޅުވެފައިވެ އެވެ.

ޕީއޭގެ ލީޑަރަކަށް ހުންނެވިއިރު ޔާމީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ:


ޔާމީން ޕީއޭ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ ސެޕްޓެމްބަރު، 2011 ގައި ކުރިން އިއުލާނު ކުރެއްވުމަށްފަހެވެ. މައުމޫން 2008 ގައި ރިޔާސީ އިންތިހާބަށް ނުކުންނެވިއިރު ރަނިން މޭޓަކަށް ނެންގެވި އަހުމަދު ތަސްލީމް އަލީއަށް ޑީއާރްޕީގެ ބާރު އެއްކޮށް ފުރޮޅާލުމުން މައުމޫން ނިންމެވީ އާ ޕާޓީއެއް ހަދާށެވެ.

ޕީޕީއެމް އުފެއްދުމަށް އެއިރު ނެގި 10 މެމްބަރުންގެ ތެރެއިން ޕާޓީ ހެދުމުގެ މަސައްކަތް ކުރެއްވުމުގައި އެންމެ ފާހަގަކޮށްލެވުނީ ޔާމީން އެވެ. ޔާމީންއާއެކު ޕީއޭގައި އެއިރު ތިއްބެވި ހަތް މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު ވެސް ޕީޕީއެމްއާ ގުޅިވަޑައިގަތެވެ. އޭގެ ތެރޭގައި ފޮނަދޫ ދާއިރާގެ އޭރުގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހިމެނެ އެވެ.

ޔާމީންގެ މަގުބޫލުކަން އިތުރުވި އަނެއްކަމަކީ، ސިފައިންނާއި ފުލުހުން ހިންގި މިއުޓިނީއެއްގެ ތެރެއިން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުނު ވަގުތު އިދިކޮޅު ހަރަކާތްތައް ލީޑު ކުރެއްވުމެވެ. އެވަގުތު ވަރަށް ގިނަ އިދިކޮޅު "ލީޑަރުން" ތިއްބެވި ނަމަވެސް އެންމެ މުހިންމު މަސައްކަތްތައް ކުރެއްވުމުގައި ޔާމީންގެ ދައުރު ބޮޑެވެ.

އަލަށް އުފެދުނު ސަރުކާރުގެ މަގާމަކަށް އައުމުގެ ބަދަލުގައި ޔާމީން އަނެއްކާ ވެސް ފޯކަސް ކުރެއްވީ ގްރައުންޑް ލެވެލްގެ ސަޕޯޓު އިތުރު ކުރެއްވޭތޯ އެވެ. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ މާޗް، 2013، ގައި ބޭއްވީ އެ މަސައްކަތް ވަރަށް ބާރަށް ދަނިކޮށެވެ. ޔާމީންއާ ދެކޮޅަށް އެ އިންތިހާބުގައި ވާދަ ކުރެއްވީ އުމަރު ނަސީރެވެ. އެ އިންތިހާބު ޔާމީން ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް މިއަދާ ހަމައަށް ވެސް އުމަރު ތުހުމަތު ކުރައްވަ އެވެ.

ވަރަށް ފޯރިގަދަކޮށް ކުރިއަށް ދިޔަ 2013 ވަނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޔާމީން 61،000 ވޯޓު ހޯއްދެވި އެވެ. ދެ ވަނަ ބުރު ކާމިޔާބު ކުރެއްވީ 111،203 ވޯޓުންނެވެ.

ޑރ. މުއިއްޒުގެ ނަން ސިޔާސީ މައިދާނުގައި ވިދާލުން

ސިޔާސީ މައިދާނުގައި ޔާމީންގެ ނަން އެންމެ ގަދަޔަށް އިވެމުންދަނިކޮށް މުއިއްޒު، އަލަށް ސިޔާސީ މައިދާނަށް ނިކުންނެވީ އަދާލަތު ޕާޓީގެ ތެރެއިން 2011 ވަނަ އަހަރެވެ. އެންމެ ފުރަތަމަ ހުންނެވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގަ އެވެ.

އޭގެ އަހަރެއްފަހުން ނަޝީދުގެ ނައިބު ރައީސް ޑރ. ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެން އެކުލަވާލެއްވި ސަރުކާރުގެ ތެރެއިން އަދާލަތު ޕާޓީއަށް ލިބުނު ސްލޮޓެއްގައި ފެބްރުއަރީ 19، 2012 ގައި މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުުރެއްވި އެވެ.

ކެބިނެޓުގެ މަގާމަށް ވަޑައިގަތުމަށްފަހު މުއިއްޒު ވަރަށް ބާރަށް މަސައްކަތް ފެށްޓެވި އެވެ. އެކަމަކު، ފުރަތަމަ ވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ސިޔާސީ ކަންތައްގަނޑަކާ އެވެ. އޭނާ މަގާމަށް ވަޑައިގެންނެވި އިރު މާލޭ ސިޓީ ކައުންސިލުގައި އޮތީ ކުރިން ވެރިކަން ހިންގި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އަގުލަބިއްޔަތެވެ.

މުއިއްޒު މިނިސްޓަރުކަމުގެ ހުވާ ކުރެއްވުމަށްފަހު:


ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރާއި ކައުންސިލާދެމެދު މައްސަލަޖެހި މިނިސްޓްރީން ކައުންސިލަށް ދޫކޮށްފައި ހުރި ބިންތައް އަލުމުގެ މަސައްކަތް މުއިއްޒު ފެއްޓެވި އެވެ. ނަމަވެސް ފަހުން ކައުންސިލާއެކު އޮތް ގުޅުން ރަނގަޅުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރުގެ މަގާމަށް ވަޑައިގެން މުއިއްޒު ހިންގެވި ބޮޑެތި ޕްރޮޖެކްޓުތަކުގެ ތެރޭގައި ސަރުކާރުގެ ހައުސިން ސްކީމްތަކުގެ މަސައްކަތް ހިންގުން ހިމެނެ އެވެ. އޭގެ އިތުރުން މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖެއް އެޅުމުގެ ވާހަކަ ވެސް 2012 ވަނަ އަހަރުގެ ތެރޭގައި ދެކެވުނެވެ.

ރައީސް ޔާމީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެން އެކުލަވައިލި ކެބިނެޓުގައި ވެސް މުއިއްޒު ހިމެނިވަޑައިގަތެވެ. އެކަމަކު، އޭނާއަށް މިފަހަރު މަގާމު ލިބިވަޑައިގަތީ އަހުމަދު ސިޔާމު މުހައްމަދުގެ މޯލްޑިވްސް ޑެވޮލަޕްމެންޓް އެލިޔަންސްގެ ސްލޮޓެއްގަ އެވެ. އަދާލަތު ޕާޓިން އިސްތިއުފާ ދެއްވީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހެވެ.

ދެ ވަަނަ ފަހަރަށް ޔާމީންގެ ކެބިނެޓަށް ވަޑައިގަތުމަށްފަހު ވެސް މުއިއްޒާއި މާލޭ ސިޓީ ކައުންސިލާދެމެދު މައްސަލަ ޖެހުނެވެ. އެންމެފަހުން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް މުއިއްޒު ނުކުޅެދިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ކައުންސިލުން ކޯޓަށް މައްސަލައެއް ވެސް ވެއްދި އެވެ. އެކަމަކު، ކޯޓުން ކަނޑައެޅީ އެގޮތަށް ނުނިންމޭނެ ކަމަށެވެ.

އެމްޑީއޭގެ ސްލޮޓެއްގައި މުއިއްޒު ހައުސިން މިނިސްޓްރީގައި ހުންނެވި ނަމަވެސް އޭނާ ރަސްމީކޮށް އެ ޕާޓީއާ ގުޅިވަޑައިގަތީ މެއި، 2014 ގަ އެވެ. ދެން، ފެބްރުއަރީ، 2015 ގައި އެ ޕާޓީގެ ފަރާތުން ބޭއްވި ކޮންގްރެސްގައި އެމްޑީއޭގެ ނައިބު ލީޑަރުގެ މަގާމަށް މުއިއްޒު އައްޔަން ކުރި އެވެ. އެ މަގާމަށް މުއިއްޒު އައްޔަން ކުރީ ޕާޓީގެ އަސާސީ ގަވާއިދުން ޕާޓީގެ ލީޑަރަށް ލިބޭ ބާރުގެ ދަށުންނެވެ.

މުއިއްޒުގެ ބެލުމުގެ ދަށުން ކުރި އެންމެ ބުރަ އަދި އެންްމެ ބޮޑު މަސައްކަތް ގޮތުގައި އޭނާ ފާހަގަ ކުރައްވަނީ ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ގެދޮރު އަޅައިދިނުމުގެ މަސައްކަތް ނިންމުމެވެ. ޑިސެމްބަރު 26، 2004 ގައި އެރި ސުނާމީގައި ދިވެހިރާއްޖޭގެ އެއިރުގެ އާބާދީގެ ފަސް ޕަސެންޓަށް ގެދޮރު ގެއްލުނެވެ.

ސުނާމީގައި ގެދޮރު ގެއްލުނު މީހުންނަށް ހިޔާވަހިކަން ހޯދުމުގެ މަސައްކަތް މުއިއްޒު 2012 ވަނަ އަހަރު މަގާމަށް ވަޑައިގަތުމަށް ފަހު ވެސް ކުރެއްވި އެވެ. އެ ޕްރޮޖެކްޓް އެއްކޮށް ނިންމާލިކަން ސުނާމީ އެރިތާ 10 އަހަރު ފަހުން ޑިސެމްބަރު 25، 2014، ގައި އޭނާ އިއުލާނު ކުރެއްވި އެވެ.

ސިޔާސީ މައިދާނަށް ނިކުމެވަޑައިގެންނެވި ފަހުން މުއިއްޒުގެ ވާހަކަ އިވެނީ ބޮޑަށް އޭނާ ހަވާލުވެ ހުންނެވި މަގާމުގެ މަސައްކަތާ ގުޅޭ ގޮތުންނެވެ. ނަމަވެސް އޭނާ ގެންދެވީ ސިޔާސީ މައިދާނުގައި ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މެއި 1، 2015 ގައި ލޭބާ ޑޭ ފާހަގަ ކުރަން އިދިކޮޅުން ބޭއްވި ބޮޑު މުޒާހަރާ ކުށްވެރިކޮށް މުއިއްޒު ވާހަކަ ދެއްކެވި އެވެ.

އޭގެ އިތުރުން، ރައީސް ޔާމީންގެ ޔޮޓުގައި ބޮމެއް ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނު މައްސަލައިގެ ތުހުމަތުވި އަހުމަދު އަދީބާ ދެކޮޅަށް މުއިއްޒު ވާހަކަ ދެއްކެވި އެވެ. އަދި ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކުމުން މުއިއްޒުގެ ކުރީގެ ޕާޓީ އަދާލަތު ޕާޓީއަށް ވެސް އޭނާ ފާޑުވިދާޅުވި އެވެ.

މުއިއްޒު ޕީޕީއެމްއާ ގުޅިވަޑައިގަތުމަށްފަހު:


އެމްޑީއޭގައި ހަތަރު އަހަރު މަސައްކަތް ކުރެއްވުމަށްފަހު އެ ޕާޓީން ވަކިވެވަޑައިގެން، ސެޕްޓެމްބަރު 24، 2018 މުއިއްޒު ޕީޕީއެމްއާ ގުޅިވަޑައިގަތެވެ. ޕީޕީއެމްއާ އޭނާ ގުޅުނީ ޔާމީންގެ ވެރިކަން ނިމުނު ފަހުންނެވެ. އޭގެ ފަހުން މާލޭގެ މޭޔަރުގެ މަގާމަށް މެއި 17، 2021 ގައި ވެރިކަން ހިންގާ އެމްޑީޕީގެ ކެންޑިޑޭޓަކާ ވާދަ ކުރައްވައި ބޮޑު އަގުލަބިއްޔަތުން މުއިއްޒު ވަޑައިގެންނެވި އެވެ.

ސެޕްޓެމްބަރު 9، 2023 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ބޯމަވިއިރު ވެސް މުއިއްޒު ހުންނެވީ ޕީޕީއެމްގަ އެވެ. އެކަމަކު، ރިޔާސީ އިންތިހާބުގައި ޔާމީންއަށް ވަދަ ކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ ހާލަތެއްގައި ޕީޕީއެމްގެ ސިސްޓާ ޕާޓީ ޕީއެންސީގެ ފަރާތުން ކެންޑިޑޭޓަކު ނެރެން ނިންމުމުން މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ޕީއެންސީއާ ގުޅުނެވެ. އަދި ހަމަ އެ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައި އިދިކޮޅުގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވި އެވެ.

ޕީޕީއެމްގެ ސަޕޯޓަރުންގެ ތާއީދު މުއިއްޒަށް އަނބުރާލެވިދާނެތަ؟

ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި މިވަގުތު 38،704 މީހުން އެބަތިއްބެވެ. އެއީ ދިވެހިރާއްޖޭގެ ދިވެހިންގެ އާބާދީގެ 10 ޕަސެންޓު މީހުންނެވެ. ސުވާލަކީ އެއީ ކޮން ބައެއްތޯ އެވެ؟ އެ މެމްބަރުން ކުރިން އުޅުނީ ކޮން ޕާޓީއެއްގައިތޯ އެވެ؟

ޖޫން، 2005، ގައި އުފެދުނު ޑީއާރްޕީއަކީ މައުމޫންގެ ވެރިކަން ނިމިމުކަށް އައުމާ ހަމައަށް ވެސް ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީ އެވެ. އެއިރު އެ ޕާޓީގެ މެމްބަރުންގެ އަދަދު 30،000 ގާތްކުރާ ކަމަށްވެ އެވެ. ޕާޓީތައް ހަދައިގެން ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ޕާޓީއަކާ އިއްތިހާދުނުވެ، މައުމޫނަށް 82،000 އަށް ވުރެ ގިނަ ވޯޓު ލިބުނެވެ.

އޭގެ ފަހުން 2009 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޑީއާރްޕީއަށް 28 ގޮނޑި ލިބުނެވެ. އަދި ޔާމީން ލީޑު ކުރެއްވިި ޕީއޭއިން އަށް ގޮނޑި ކާމިޔާބު ކުރި އެވެ. ވެރިކަން ހިންގަމުން އައި އެމްޑީޕީއަށް ލިބުނީ 26 ގޮނޑި އެވެ. އެހެންކަމުން އެއިރު ވެސް އެންމެ ތާއީދު ބޮޑު ޕާޓީއަކަށް އޮތީ ޑީއާރްޕީ އެވެ.

އެކަމަކު، ގިނަ ގޮނޑި ލިބުނު ނަމަވެސް ރައްޔިތުންގެ އެންމެ ގިނަ ވޯޓު ހޯދީ އެމްޑީޕީންނެވެ. ދެން ފެނުނީ، ރައީސް ނަޝީދު ޑީއާރްޕީގެ ޒައީމް މައުމޫން އެ މަގާމުން އިސްތިއުފާ ދެއްވުމަށް ނަޝީދު ބާރުއަޅުއްވަން ފެއްޓެވުމުންނެވެ. ސިޔާސީ މަސައްކަތުން ރިޓަޔާ ކުރެއްވި ކަމަށް ވެރިކަމުން ފައިބައިވަޑައިގެންނެވި ދުވަހު މައުމޫން ވިދާޅުވި ނަމަވެސް އިދިކޮޅު ޕާޓީގެ ލީޑު ކުރެއްވުމުގައި ދެމި އެމަނިކުފާނު ދެމިހުންނެވި އެވެ.

ޖޫން 27، 2009 ގައި އެމްޑީޕީގެ ހަތަރު ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފުލާއެއްގައި ނަޝީދު ވިދާޅުވެފައިވަނީ "އަޅުގަނޑު އަނެއްކާ ވެސް ރައީސް މައުމޫނުގެ އަރިހުން ވަރަށް އިހުލާސްތެރިކަމާއެކު މިއެދެނީ އެ ބޭފުޅާ ޑީއާރްޕީގެ ޒައީމް ކަމުން އިސްތިއުފާ ދެއްވުމަށް"، މިހެންނެވެ.

އެމްޑީޕީގެ ހަތަރު ވަނަ އަހަރީ ދުވަހު ބޭއްވި ޖަލްސާގައި ނަޝީދު:


އޭގެ ފަހުން މާ ގިނަ ދުވަސްތަކެއް ނުވެ ފެބްރުއަރީ 16، 2010 ގައި ބޭއްވި ޕާޓީގެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރުގެ މަގާމަށް ތަސްމީނު އިންތިހާބުވި އެވެ. ރައީސް މައުމޫނަށް އެރުވީ ޒައީމްގެ ނަމުގައި ރަމްޒީ މަގާމެކެވެ. ޕްރައިމެރީއަކާ ނުލައި ޕާޓީގެ ލީޑަރަށް ރިޔާސީ ޓިކެޓު އަރުވާ ގޮތަށް ވެސް އެ ދުވަހު ފާސް ކުރި އެވެ.

އޭގެ ފަހުން މާ ގިނަދުވަސްތަކެއް ނުވެ ޕާޓީގެ އެތެރޭގައި މައްސަލަ ޖެހެން ފެށި އެވެ. އަދި ތަސްމީނުގެ އިތުބާރު އޮތްތޯ ބެލުމަށް ސެޕްޓެމްބަރު 23، 2010 ގައި ޕާޓީގެ ކައުންސިލުގައި ވޯޓެއް ނެގި އެވެ. އެ ވޯޓުން ފާސްވީ ތަސްމީނުގެ އިތުބާރު އޮތް ކަމަށެވެ.

ޕާޓީގެ ތެރޭގައި މައްސަލަ އެންމެ ބޮޑުވި ވަގުތު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވީ ތަސްމީނާ ދެމެދު މައްސަލައެއް ނެތް ކަމަށާއި "ޑީއާރްޕީ ނުރޫޅޭނޭ، ފޮތިފޮއްޗެއް ވެސް ނުވާނޭ، ކުދިކުއްޖެއް ވެސް ނުވާނޭ" ކަމަށެވެ. އެކަމަކު އެއިރު މައުމޫން އާ ޕާޓީއެއް ހެދުމުގެ މަސައްކަތް އޮތީ ފައްޓަވައިފަ އެވެ.

ޕީޕީއެމް އުފެއްދުމުގެ މަސައްކަތް ފެށުމާއެކު ޑީއާރްޕީން ގިނަ އަދަދެއްގެ ބަޔަކު ކެނޑެމުންދިޔަ އެވެ. ޕާޓީއަށް ބޭނުންވާ 3000 މީހުންގެ ސޮއި ވެސް މަހެއްހާ ދުވަހުގެ ތެރޭގައި ހަމަވި އެވެ. އަދި ޑީއާރްޕީގެ މަޖިލިސް މެމްބަރުންތައް ޕީޕީއެމްއަށް ސޮއި ކުރަމުންދިޔަ އެވެ. ރައީސް މައުމޫންއަށް ތާއީދު ކުރާ އަދި މައުމޫންގެ ފިކުރު ބަލައިގަންނަ ގިނަ ބަޔަކު އެ ޕާޓީއަށް ހިޖުރަ ކުރި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ތަސްލީމާއެކު:


ޕީޕީއެމް ވަރުގަދަ ޕާޓީއަކަށްވެ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވެރިކަމާ ހަވާލުވިފަހުން ވެސް ޕާޓީގައި މައުމޫންގެ ފިކުރާއި ރޯލު ވަރަށް ބޮޑެވެ. ނަމަވެސް ޔާމީންގެ ވެރިކަމަށް ގިނަ ދުވަސްތަކެއް ނުވެ އޮކްޓޯބަރު 27، 2016 ގައި ޕީޕީއެމްގެ ލީޑަރަކަށް ހުންނަވައި ސަރުކާރަށް އޮތް ތާއީދު އަނބުރާ ގެންނެވިކަން މައުމޫން އިއުލާނު ކުރެއްވި އެވެ.

އޭގެ އެއް ދުވަސް ފަހުން އެމަނިކުފާނު ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި މައްސަލަ ޖެހުނީ ޕީއޭގެ މެމްބަރުން އެ ޕާޓީއަށް ވަނުމުން ކަމަށެވެ. އަދި ވިދާޅުވީ "އެހެން ވަނތް އިރު އެމީހުންނަކީ އަޅުގަނޑުމެން ފިކުރަށް ތަބާވާ ބައަކަށް ނުވޭ، މިސާލަކަށް ޕީއޭ،" ކަމަށެވެ.

މިފަހަރު ރައީސް މައުމޫން ޕާާޓީން ވަކިވުމުން ޕާޓީ ނިކަމެތިވި ތަނެއް ނުފެނުނެވެ. އަދި އެމަނިކުފާނާއެކު އެކަށީގެންވާ އަދަދެއްގެ ބަޔަކު ހިޖުރަ ކުރި ތަަނެއް ވެސް ނުފެނުނެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމް އެކަނި ނުކުމެ އެއް ލައްކައަށްވުރެ ގިނަ ވޯޓު ހޯދި އެވެ. މިފަހަރު ޕާޓީގެ މެމްބަރުން ތިބީ ޕާޓީގެ އެންމެ މަތީ ލީޑަރު ޔާމީންގެ ފަހަތުގަ އެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ބޯމަތިވެފައިވާއިރު މިފަހަރު ޕީޕީއެމްގެ ލީޑަރަކަށް ހުންނެވީ ރިޔާސީ ކެންޑިޑޭޓު މުއިއްޒެވެ. ޕާޓީގެ މެމްބަރުން އެކަމާމެދު ދެކޭ ގޮތެއް އަދި ނޭނގެ އެވެ. އެކަމަކު، ލީޑާޝިޕުގެ ތާއީދު މުއިއްޒަށް އޮތްކަން ރޭ ހާމަވެއްޖެ އެވެ. ސުވާލަކީ، މިފަހަރު ވެސް ޕީޕީއެމްގެ މެމްބަރުން އެ ޕާޓީގެ ލީޑަރާއެކު ތިބޭނެތޯ އެވެ.