4 އޮގަސްޓު 2023 - 23:15 1
ނަޖާހު މަސްއޫދު
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަދަދުއަށް ދެއްވި އިންޓަވިއެއްގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
4 އޮގަސްޓު 2023 - 23:15 1
ސުޕްރީމް ކޯޓުން ބަލަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީގެ މައްސަލަ އެމަނިކުފާނާ ދެކޮޅަށް ނިމިއްޖެ ނަމަ ޕީޕީއެމްއިން އެހެން ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި ޕީއެންސީގެ ކެންޑިޑޭޓަކީ ޕްލޭން ސީ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޔާމީންގެ 11 އަހަރުގެ ޖަލު ހުކުމެއް އޮތުމުން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމުމުން، ބެކަޕް ކެންޑިޑޭޓެއްގެ ގޮތުގައި، ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައި އޮތް ޕީއެންސީން ކެންޑިޑޭޓަކު ނެރެން އެ ޕާޓީގެ ސެނެޓުން ނިންމައި އެ ކެންޑޭޓަކީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް އިއްޔެ ވަނީ ސެނެޓުގައި ނެގި ވޯޓަކުން ވަނީ ނިންމާފަ އެވެ.
އެހެންނަމަވެސް، ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި ކެންޑިޑެސީ މައްސަލައިގައި، އެމަނިކުފާނާ ދެކޮޅަށް މައްސަލަ ނިންމާ ހާލަތެއްގައި ޕީޕީއެމްއަށް އެހެން ކެންޑިޑޭޓަކު ހުށަހަޅަން ފުރުސަތު ދިނުމަށް އެދިފައިވާކަން މިއަދުގެ ޝަރީއަތުން ވަނީ ހާމަވެފަ އެވެ.
މިއަދު ޝިޔާމް "އަދަދު" އަށް ވިދާޅުވީ، އަބަދުވެސް ވިސްނުން ހުރީ ސުޕްރީމް ކޯޓަށް ހުށަހަޅާ ކެންޑިޑެސީގެ މައްސަލައިގައި ރައީސް ޔާމީނާ ދެކޮޅަށް ނިމިއްޖެ ނަމަ، ޕްލޭން ބީއެއްގެ ގޮތުގައި ޕީޕީއެމްއިން ކެންޑިޑޭޓަކު ނެރެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީއެންސީން ނެރޭ ކެންޑިޑޭޓަކީ ޕްލޭން ސީ އެވެ.
"ޕްލޭން ބީ އެ އޮތީ ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިފައި. ރައީސް ވެސް ބޭނުންފުޅު ވަނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެން. އެކަމަކު، އެ ޕްރޮސެސް ދާނީ ކޮންމެ ގޮތެއް ވިޔަސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެންތާ،" ޝިޔާމް ވިދާޅުވި އެވެ.
"ޕްލޭން ސީ މިދިޔައީ އޭގެ ކުރީގައި. ޕްލޭން ސީގަ ވާ ގޮތަކީ ޕީއެންސީގެ ކެންޑިޑޭޓެއް ޕްލޭން ސީގައި މި އޮތީ. އެނގިވަޑައިގަންނަވާނެ ޕީއެންސީއާ ޕީޕީއެމްއާ އެއްކޮށް މި މަސައްކަތް ކުރީ މިހާ ހިސާބަށް އެކަމަކު ކޮންމެ ގޮތެއް ވިޔަސް ޕީއެންސީން ކެންޑިޑޭޓެއް ނެރޭ ހިސާބުން އަޅުގަނޑުމެން ހެދިފައި އޮތް އަންޑަސްޓޭންޑިން އެ ދިޔައީ ޕީޕީއެމްއާ ޕީއެންސީއާ،"
ޕީޕީއެމް ޕީއެންސީ އެއްކޮށް އޮތް އިރު، ދެ ފަރާތުގެ ދެމެދުގައި "އަންޑަސްޓޭންޑިން" އޮތީ ޔާމީނާ ދެކޮޅަށް ކެންޑިޑެސީގެ މައްސަލަ ނިމިއްޖެ ނަމަ ޕީއެންސީގެ ކެންޑިޑޭޓު ނަން އަނބުރާ ގެންދަވާ ގޮތަށް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"އެކަމަކު އަންޑަސްޓޭންޑިންއެއް އެބަ އޮތް މީގެ ކުރީގައި ކޯލިޝަނެއްގެ ގޮތުގައި އޮތް އިރުގައި ޕީޕީއެމްގެ ކެންޑިޑޭޓެއް އޮންވާ ހިސާބުން ޕީއެންސީން ހޮވިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު އަނބުރާ ގެންދަވާ ގޮތަށް،" ޝިޔާމް ވިދާޅުވި އެވެ.
އެކަމަކު، ޝިޔާމް ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރުގައި ދެ ޕާޓީން ވެސް ވާދަ ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ޕީއެންސީން އަމަލު ކުރާނެ ގޮތެއް ނިންމާނީ އެ ޕާޓީން ކަމަށެވެ. އެކަމަކު، ކުރިން އޮތް "އަންޑަސްޓޭންޑިން" އެބަ އޮތްކަން އޭނާ ތަކުރާރުކުރެއްވި އެވެ.
ޕީއެންސީގެ ކެންޑިޑޭޓަކު މިހާރު ހުއްޓަސް ޕީޕީއެމްއިން ކެންޑިޑޭޓަކު ނެރުމާ ބެހޭގޮތުން "އަދަދު"އިން ސުވާލު ކުރުމުން ރައީސް ޔާމީންގެ ދަރިކަލުން ޒައިން ޔާމީން ވެސް ވިދާޅުވެފައި ވަނީ ރައީސް ޔާމީނާ ދެކޮޅަށް މައްސަލަ ނިމިއްޖެ ނަމަ ޕީޕީއެމްއިން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އަދި ދެ ޕާޓީން ވެސް ވަދާ ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
އެހެން ނަމަވެސް ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރިޔާސީ ޓިކެޓަށް ވާދަކުރައްވަން މުއިއްޒު ޕީއެންސީއަށް ބަދަލުވި ގޮތަށް، ޕީޕީއެމް އަށް އެނބުރި ވަޑައިގެން، ޓިކެޓަށް ވާދަ ކުރެއްވުމުގެ ފުރުސަތު އޮންނާނެ އެވެ.
"ހަމަ ޕީއެންސީން، އެ ފުރުސަތު ހުޅުވައިލި ގޮތަށް ޓިކެޓަށް ވާދަކުރެއްވުމަށް ޓަކައި މިޕާޓީ [ޕީޕީއެމްއަށް] އެނބުރި ވަޑައިގެންނެވުމުގެ ފުރުސަތު އޭނާއަށް އޮންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ޕީއެންސީގެ ސެނެޓުގައި ނެގި ވޯޓު މުއިއްޒު ކާމިޔާބު ކުރެއްވީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރާ ވާދަކުރައްވައި ދެ ވޯޓުގެ ތަފާތުންނެވެ. މުއިއްޒަށް 25 ލިބިވަޑައިގެންނެވި އިރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.
ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު އެމަނިކުފާނުގެ ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ވ. އާރަށު ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ހެދި އެވެ. އޭގެ އިތުރުން، އެ ހުކުމާއެކު ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އޮތުމުން އެއީ ސާބިތު ދަރަންޏެއް ކަމަށް ބަލައި އެ ސަބަބު ބަޔާންކޮށް ވެސް އިލެކްޝަނުން ފަހުން ލިޔުމެއް ފޮނުވި އެވެ.
ޔާމީންގެ ފަރާތުން ހުށަހެޅި ކެންޑިޑެސީގެ މައްސަލައިގައި ފުރަތަމަ ކަމަކަށް އެދިފައި ވަނީ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީގެ ނިންމުމީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ޔާމީނަކީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ހަމަވާ މީހެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އިންތިހާބުގައި ބައިވެރިވުމަށް ކުރަން ޖެހޭ އިންތިޒާމުތައް ހަމަޖައްސަން އީސީގެ މައްޗަށް އަންގައިދިނުމަށް ވެސް އެދިފައިވެ އެވެ.
Comment