2021 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގައި ބަހައްޓާފައިވާ ފޮއްޓަކަށް މީހަކު ވޯޓު ލަނީ. -- ފޮޓޯ: އަދަދު
ސަހަރާތެރޭގެ ރަށްގަނޑަކަށް ބޭރުން އައިސް އެރި މީހަކު ބޯފެންވަޅު ކައިރި ހުއްޓިގެން ހުއްޓާ އެރަށުން މީހަކާ ދިމާވި އެވެ. ބީރަށްޓެހި ކަލޭގެ ޖަމަލު މައްޗަށް ފުރާ ސާމާނު އަރުވާފައި އޮތީ، ޖަމަލު އެއް އަރިއަށް ބަރު ނުވާނެ ގޮތް ބަލައިގެން ދެފަޅިއަށް ހަމަހަމަވާ ގޮތަށެވެ. ރަށު މީހާ އޭނާއާ ސުވާލުކުރި އެވެ. ހާދަހާވާ ގިނަ މުދަލެއް އަރުވާފައި ތިއޮތީ ތީގައި ހުރީ ކޮން އެއްޗެއްސެއްހެއްޔެވެ؟ ބީރަށްޓެހި ކަލޭގެ ޖަވާބުދިނެވެ. އެއްފަޅީގައި އަޅުވާފައި ހުރި ގޯނީގައިވަނީ ތިމަންނާގެ ކާބޯސާމާނާއި އުނުއަންނައުނެވެ. އަނެއްފަޅީގައި އަޅުވާފައި ހުރި ގޯނީގައި އެހުރީ އޭގެ ބަރުދަނަށްވާވަރަށް ވެލިއަޅާފައެވެ. އެއީ ވަޒަންހަމަކޮށްލުމުގެ ގޮތުން ޖަމަލުގެ އެއް އަރިއަށް ބަރުވެދާނެތީއެވެ.
ރަށު މީހާ ވިސްނާލާފައި ޖަވާބުދިނެވެ. ކާބޯސާމާނާއި އުނުއަންނައު ދެބަޔަށް ބަހާލާފައި ދެކޮޅަށް ހަމަޔަށް އަރުވާލާފައި، ވެލިގޯނި އެއްލާލަނިކޮށް ޖަމަލަށްވެސް ވަރަށް ބޮޑު ތަން ލުއިވާނެ އެވެ. އަދި ކަލޭގެ ތިބޭނުންވާ ފަދައިން އޭރަށް ވެސް ވަޒަންހަމަވާނެ އެވެ. އެހިނދު ބީރަށްޓެހި ކަލޭގެ ބުންޏެވެ. ތިޔައީ ހަމަ ރަނގަޅު ހިޔާލެކެވެ. ތިވިސްނުން އަހަރެންނަށް ނުވިސްނި އޮތީތީ ދެރަވެސް ވެއްޖެ އެވެ. ނިކަން ބުނެބަލާށެވެ! ތިބާއީ ކޮން ގަބީލާއެއްގެ ވެރިއެއް ހެއްޔެވެ؟ ނުވަތަ ތިބާއީ ކޮން ދީނެއްގެ ދަންނަބޭކަލެއް ހެއްޔެވެ؟
ރަށު މީހާ ބުންޏެވެ. ތިމަންނާއަކީ ތިއިން އެއްވެސް ވައްތަރެއްގެ މީހެއް ނޫނީމު އެވެ. ހަމަ އާދައިގެ ރައްޔިތަކީމެވެ. އެހިނދު ބީރަށްޓެހި ކަލޭގެ ވަރަށް ރުޅިއައިސްފައި ބުންޏެވެ. ވެރިއަކަށްނުވާއިރު، އަދި ދަންނަބޭކަލަކަށްވެސް ނުވާއިރު، މަށަށް ތިޔަ ލަފާދެނީ ކީއްވެ ހެއްޔެވެ؟ މިހެން ބުނުމަށްފަހު ހަމަ ކުރިން ހުރި ގޮތަށް ވެލިގޯނިއަޅުވައިގެން ދަތުރު ފުރިހަމަ ކުރަން ފެށި އެވެ.
ބީރަށްޓެހި ކަލޭގެއަށްވެސް އާންމު މީހާ ދިން ހިޔާލު އިންތިހާއަށް ކަމުދެ އެވެ. އަދި އޭނާއަށްވެސް ފަސޭހަވެފައި ރަނގަޅީވެސް އެގޮތްކަން އެނގޭމެ އެވެ. އެކަމަކު އެހިޔާލު ތަންފީޒުކުރުމާ އޭނާ ދެކޮޅު ހަދަނީ ހިޔާލު ދިނީ އާންމު ރައްޔިތަކަށްވެފައި، އާދައިގެ މީހަކަށްވާތީ އެވެ.
ބޯމަތިވަމުން މިއޮއް އައިސް ލައިގަތީ އަހަރެމެންގެ ވެރިކަމަށް ކުރިމަތިލައިގެން އުޅޭ ބޭބޭފުޅުންގެ ކެމްޕޭން ދުވަސްވަރެވެ. އެކި މީހުން އެކި ވަރުން ވައުދާ ހުވާތައް މިއޮއްގެން ހުށަހަޅަނީ އެވެ. ގިނަ މީހުން ގަބޫލުކުރަނީ ތިމާގެ ޕާޓީ އެހެންނާ ތިމާ ގަޔާވާ ކެންޑިޑޭޓް ދައްކާ ވާހަކަ އެވެ. އަނެކާ ބުނަނީ ކިތަންމެ ހެޔޮ ވާހަކައެއް ނަމަވެސް އެޔަށް ކަނުލައި އެހުމުގެ ސިފަ އަޅުގަނޑުމެންގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް ދިރުވަންޖެހިފައިވާކަމަށް ފެނެ އެވެ.
ބަޔާންކުރެވުނު ވާހަކައިގައި އުޅޭ ބީރަށްޓެހި ކަލޭގެއަށްވުރެ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ހާލަތު ދަށްކަމުގައި ފެނެ އެވެ. މިހެން މިދެންނެވީ ބީރަށްޓެހި ކަލޭގެ ވެސް ދުށްގޮތުގައި އޭނާއަށް ލަފާނުދެވޭނީ ވެރިޔަކަށް އެހެންޏާ ޝޭޚަކަށް ނުވާ މީހާއަށެވެ. ވެރިއެއް ސައްޔިދެއް ނަމަ އެއީ އަދި ކޮންމެ ގަބީލާއެއްގެ ކޮންމެ ޕާޓީއެއްގެ މީހަކަސް އޭނާއަށް ލަފާދެވޭނެއެވެ. އަޅުގަނޑުމެން ވެއްޖިއްޔާ ފެންނަ މަންޒަރަކީ އަނެއް ގަބީލާގެ ވެރިމީހާ ދައްކާ ވާހަކަ އަޑުވެސް ނޭހުމެވެ. އޭނާ ކިޔަނީ ކީކޭތޯ ބަލައިވެސް ނުލުމެވެ.
ކަނުކޮށް ތަބާވުމާއި ވަކި މީހަކު ބުނެގެން މެނުވީ ބަސްގަބޫލުނުކުރުމުގެ ސިފައަކީ އިސްލާމްދީން ވަރަށް ބޮޑަށް ނަހީކޮށްފައިވާ ކަމެކެވެ. އަދި ޖާހިލިއްޔަތުގެ ސިފައެއްކަމުގައި ބަޔާންކުރެވިފައިވާ ކަމެކެވެ. އަލްބަޤަރާ ސޫރަތުގެ ސަތޭކަހަތްދިހަ ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވެ އެވެ. "އަދި ﷲ ބާވައިލެއްވި އެއްޗަކަށް ތިޔަބައިމީހުން ތަބާވާށޭ އެމީހުންގެ ގާތުގައި ބުނެފިނަމަ އެމީހުން ބުނާނެ އެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެން ތަބާވާހުށީ ތިމަންމެންގެ ކާބަފައިން އެގޮތެއްގެ މަތީގައި ތިބޭތީ ތިމަންމެންނަށް ފެނުނު ގޮތަށެވެ. ފަހެ، އެމީހުންގެ ކާބަފައިންނަށް އެއްވެސް ކަމެއް ނުވިސްނުނަސް، އަދި އެމީހުންނަށް ތެދުމަގު ނުލިބުނަސް ހެއްޔެވެ؟"
އިންސާނެއްގެ ސިފައިގައި އައިސް ތިންރޭމަތިން މާތް ޞަޙާބީ އަބޫހުރަރައިރާއާ ޝައިޠާނާ ދިމާވި ހާދިސާއަކީ މަޝްހޫރު ހާދިސާއެކެވެ. ތިންވަނަ ރޭގައި އޭނާ ބުނިކަމަށްވަނީ މިރޭ ތިމަންނާ ދޫކޮށްލައިފިއްޔާ ކަލޭގެފާނަށް ފައިދާކުރަނިވި ކަމެއް އުގަންނައިދޭނަމޭއެވެ. އެއަށްފަހު ބުނިކަމަށްވަނީ ކޮންމެ ރެޔަކު ނިދަން އޮށޯވެފައި އާޔަތުލްކުރުސި ކިޔަވައިފިނަމަ، ފަތިސްވެއްޖައުމަށް ދާންދެން ޝައިޠާނަކު ގާތްނުވާނެ ކަމަށާއި ﷲ ގެ ކިބައިން ފިލާނުދާނެ ރައްކާތެރިކަމެއް ލިބިގެންދާނެކަމަށެވެ. އަޅުގަނޑުގެ މައުލޫއަކީ މާތް ނަބިއްޔާ މިކަމާ ގުޅިގެން އަބޫހުރައިރާއަށް ޙަދީޘްކުރެއްވި ބަސްފުޅެވެ. "ދަންނާށެވެ! އޭނާ ކަލޭގެފާނަށް ތެދުބުނެފި އެވެ. އެކަމަކު އޭނާއަކީ ދޮގުވެރިއެކެވެ."
މާތް ނަބިއްޔާ މިދައްކަވާ މަގަކީ ތެދު ނުކުމެގެން އައީ ކޮންމެ ތާކުން ކަމަށްވިޔަސް އެގަބޫލުކުރުމެވެ. ދޮގު ނުކުމެގެން އައީ ކޮންމެ ތާކުން ކަމަށްވިޔަސް އެޔަށް ފުރަގަސްދިނުމެވެ. އަޅުގަނޑުމެން ސިޔާސީ ކަންކަމުގައި ގޮތް ނިންމުމުގައިވެސް، މިފަލްސަފާއަކީ މުހިންމު ފަލްސަފާއެކެވެ. ކޮންމެ މީހަކު ވެސް ތެދެއްވެސް ބުނެފާނެ އެވެ. އަދި ކޮންމެ މީހަކުވެސް ދޮގެއްވެސް ހަދާފާނެއެވެ. އަދި ދޭ ހިޔާލު މޮޅުވެފައި ކާމިޔާބުވުމަށް ހިޔާލުދޭ ފަރާތަކީ ވެރިޔަކަށްވުން ލާޒިމެއް ނޫނެވެ. އަދި ޝޭޚަށްވުން ލާޒިމެއް ނޫނެވެ. ހަމަ މިބީދައިން ލީޑަރުންނާއި ރައީސުންނާއި ޝޭޚުން ކިޔާ ކޮންމެ ކޮންމެ އެއްޗަކީ ހައްގު ކަމުގައި ނުވެދާނެއެވެ. އެގޮތަށް ގަބޫލުކުރަން ހަމަ ހެޔޮވެސް ނުވާނެ އެވެ.
އިސްލާމްދީން ގޮވަނީ ހުޅުވިފައިވާ ދެދޮލުން ބެލުމަށެވެ. ދެކަންފަތުން އަޑުއެހުމަށެވެ. ބުއްދިން ވިސްނާފިކުރުކޮށް ދެނެގަތުމަށެވެ. ވިދާޅުވާށެވެ! ވޯޓަކީ ދެވޭ ހެކިބަހެކެވެ. ކުރިމަތިލާފައިތިބި މީހުންގެ ތެރެއިން މިކަމަށް ގާބިލުކަމުގައި އެންމެ ބޮޑަށް ފެންނަނީ އެވެނި މީހާއޭ ބުނެ ދެވޭ ހެކި ބަހެކެވެ. އެކަން ކުރަންވާނީ ކުރިމަތިލާފައިތިބޭ އެންމެން ދައްކާ ހުރިހާ ވާހަކައެއް އަޑުއަހައި ބެލުމަށްފަހުގަ އެވެ. އަދި އަންނިސާއު ސޫރަތުގެ ސަތޭކަ ތިރީސް ފަސްވަނަ އާޔަތަށް ފުންކޮށް ނަޒަރުކުރުމަށްފަހުގަ އެވެ. އެއާޔަތުގައި ވަނީ އަންނަނިވި ފަދައިންނެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އަދުލު އިންސާފު ގާއިމުކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަގީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، ﷲ އައުލާކަން ބޮޑެވެ. ތިޔަބައިމީހުން އަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބާނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުރިނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެ އެވެ."
މިއީ އެއާޔަތުގެ ތަރުޖަމާއެވެ. މިލިޔުން ކިޔާ ހަމަ ކޮންމެ މީހެއްގެ ކިބައިން އަޅުގަނޑު އެދެނީ މިއާޔަތުގެ ތަރުޖަމާ މިދުވަސްވަރު ދުވާލަކު އެއްފަހަރު ނަމަވެސް ކިޔައި މިއާޔަތާމެދު ވިސްނާފިކުރު ހިންގުމަށެވެ.
Comment