Advertisement

ޑިމޮކްރެޓްސްގެ ފަހަތަށް އަރަން ދިން ދައުވަތުގެ ސުވާލަށް ޕީއެންސީން ޖަވާބެއް ނުދިން

3 އޮގަސްޓު 2023 - 17:56 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރުން: ޑިމޮކްރެޓްސްގެ ފަހަތަށް އެރުމަށް ދިން ދައުވަތުގެ ސުވާލަށް ޖަވާބެއް ނުދިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޑިމޮކްރެޓްސްގެ ފަހަތަށް އަރަން ދިން ދައުވަތުގެ ސުވާލަށް ޕީއެންސީން ޖަވާބެއް ނުދިން

3 އޮގަސްޓު 2023 - 17:56 0

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަނުކުރެވޭ ހާލަތުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރެން މިއަދު ނިންމިއިރު ދަ ޑިމޮކްރެޓްސްގެ ފަހަތަށް އެރުމަށް ދިން ދައުވަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބު ދިނުމަށް އިންކާރުކޮށްފި އެވެ.

ޔާމީނު ދެއްވި އިރުޝާދުގެ ދަށުން، ކޯލިޝަނުގައި ހިމެނޭ މެމްބަރުން މަދު ޕާޓީން ކެންޑިޑޭޓަކު ނެރެން އެ ޕާޓީގެ ސެނެޓުގައި މިއަދު ބޭއްވި ޕްރައިމަރީގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

ޕްރައިމަރީއަށް ފަހު ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވަނީ ޕްރެސް ކޮންފެރެންސެއް ދެއްވި އެވެ. އޭގައި "އަދަދު" އިން ކުރި ސުވާލަކީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސްގެ ރަނިން މޭޓަކަށް ޕީޕީއެމުން ވުމަށް އެ ޕާޓީގެ ބާނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ދައުވަތާ ގުޅޭ ގޮތުންނެވެ.

އޭގެ ޖަވާބުގައި، ޕްރައިމަރީ ކާމިޔާބު ކުރެއްވި ޑރ. މުއިއްޒު ވިދާޅުވީ އެ ކޮންފެރެންސްއަކީ މިއަދު ކުރިއަށް ދިޔަ ޕްރައިމަރީއާ ގުޅޭ ގޮތުން ބާއްވާ ކޮންފެރެންސްއެއް ކަމަށެވެ. އެހެންކަމުން ދަ ޑިމޮކްރެޓްސްގެ ދައުވަތާ ގުޅޭ ގޮތުން ޖަވާބު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕްރެސްއަކީ މިއަދު މި ކުރިއަށް ދިޔަ ކަންކަމާ [ޕީއެންސީގެ ރިޔާސީ ޕްރައިމަރީ] ގުޅޭ ގޮތުން ގެންދާ ޕްރެސްއެއް،" މުއިއްޒު ވިދާޅުވި އެވެ.

އިލްޔާސަށް ތާއީދު ހޯއްދަވަން ތ. ގުރައިދޫއަށް އިލްޔާސާއެކު ވަޑައިގެން އެ ރަށުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޕީއެންސީން ކެންޑިޑޭޓަކު ނެރެން ނިންމާފައި އޮތް ނަމަވެސް ރިޔާސީ އިންތިހާބުގައި މިހާރު އޮތް ސަރުކާރު ބަލިކުރެވެން އޮތީ ޕީޕީއެމް/ޕީއެންސީން ޑިމޮކްރެޓްސްއާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑަށް ވެސް އެނގޭ ޕީއެންސީގެ ކެންޑިޑޭޓަކު ވާދަކުރުން އެއީ އެކަށީގެންވާ ކަމެއް، އެހެން ނަމަވެސް މި ކަން، މިހާރު މި ހިނގަމުން އަންނަ ވެރިކަން އަޅުގަނޑުމެންނަށް ނިންމެން އޮތީ އަޅުގަނޑުމެނާ ތިޔަ ބޭފުޅުންނާ ގުޅިގެން ކަމީ، އެއްވެސް ބޭފުޅަކަށް އޮޅޭނެ ހަގީގަތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އޮތުމުން، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި އެވެ. އެ ނިންމުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ވައްދައިފަ އެވެ. ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެތޯ ސާފުވާނީ މާދަމާ ފަށާ އެ މައްސަލައިގެ ޝަރީއަތުން ކުރާ ހުކުމަށް ފަހުގަ އެވެ.

ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާފައިމިވަނީ، ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ނެރޭނެ ކެންޑިޑޭޓަށް ކަމަށެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީ ރައީސް ޔާމީން ކަމަށެވެ.