3 އޮގަސްޓު 2023 - 11:32 3
މުހައްމަދު އުޝާމް
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ވުމަށް ޕީޕީއެމްގެ މެންބަރަށް ހުންނެވި މުއިއްޒު ޕީއެންސީއަށް ސޮއިކުރައްވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
3 އޮގަސްޓު 2023 - 11:32 3
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީން ނެރޭ ކެންޑިޑޭޓަށް ވާން ކުރިމަތިލުމުގެ ބޭނުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.
ޕީއެންސީއަށް ސޮއިކުރެއްވުމަށް ފަހު މުއިއްޒު "އަދަދު" ނޫހަށް ވިދާޅުވީ ޕީއެންސީގެ ކެންޑިޑެސީ އަށް ވާދަކުރަން ނިންމެވީ، ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި އިންތިހާބުގައި ވާދަކޮށް، އިންތިހާބު ކާމިޔާބު ކުރުމަށް ފަހު، އެ މަނިކުފާނު ޖަލުން މިނިވަން ކުރުމުގެ ބޭނުމުގައި ކަމަށެވެ.
"އަޅުގަނޑު ވެސް ރައީސް [ޔާމީން] މިނިވަން ކުރުމުގެ ބޭނުމުގައި މިހާރު ޕީއެންސީގެ ފަރާތުން މި ހުޅުވާލި ޕްރައިމަރީގައި ވާދަކުރަނީ. އަޅުގަނޑުގެ އުންމީދަކީ މިކަން [ޕްރައިމަރީ ބާއްވަން] ކުރަން ނުޖެހުން," މުއިއްޒު މިއަދު "އަދަދު" އަށް ވިދާޅުވި އެވެ.
ޕީއެންސީން މިއަދު ހެނދުނު ބޭއްވި ސެނެޓު ބައްދަލުވުމުގައި ނިންމީ އެ ޕާޓީން ރިޔާސީ އިންތިހާބަށް ވާދަކުރުމަށާއި ކެންޑިޑޭޓު ކަނޑައެޅުމުގެ ބާރު މި ވަގުތަށް ސެނެޓަށް ދިނުމަށެވެ. އަދި ކެންޑިޑޭޓު ކަމަށް ކުރިމަތިލުމަށް މިއަދު މެންދުރުފަހު 2:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
މުއިއްޒުގެ އިތުރުން ޕީއެންސީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ވަނީ އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް އެ ދެ ޕާޓީ ހިމެނޭ ޖޮއިންޓް ލީޑަޝިޕަށް އަންގަވައިފަ އެވެ.
ޔާމީނަކީ ދެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާތީ ލީޑާޝިޕްގެ ވިސްނުން ފުރަތަމަ އޮތީ އެމަނިކުފާނަށް އެ އިހުތިޔާރު ދޫކޮށްލެއްވުމަށެވެ. ނަމަވެސް ޔާމީން އެދިވަޑައިގަތީ ޕީއެންސީގެ ސެނެޓުން އޭގައި ގޮތެއް ކަނޑައެޅުމަށެވެ. މިއަދު އެ ޕާޓީގެ ސެނެޓު ބައްދަލުވީ ޔާމީން އެ ގޮތަށް އެދިވަޑައިގަތުމުންނެވެ.
ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގައި އެ ފައިސާ ލޯންޑަކުރި ކަމަށް ސާބިތުވުމުންނެވެ.
ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފަ އެވެ. އިސްތިއުނާފު އަވަސް ކުރަން ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު ދުސްތޫރީ މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ކޯޓަށް ބަލައިނުގަތެވެ.
އެންމެ ފަހުން ރަނިން މޭޓުގެ ގޮތުގައި ޔާމީންގެ ފުރަތަމަ ނައިބު އަދި މިހާރު އެމަނިކުފާނުގެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަނޑައެޅުއްވުމަށް ފަހު ޔާމީނާއި ޖަމީލުގެ ނަން ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް، ކެންޑިޑެސީ ބަލައި ނުގަތެވެ.
އީސީގެ އެ ނިންމުން ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ޔާމީންގެ ވަކީލުން ހުށަހަޅާފައިވާ ގާނޫނީ ނުކުތާތަކުގެ ރައްދު ހުށަހަޅަން ސުޕްރީމް ކޯޓުން ވަނީ މިއަދު ހަވީރު 3:00 ގެ ނިޔަލަށް ފުރުސަތު ދީފަ އެވެ.
ކެންޑިޑެސީގެ މައްސަލަ ޔާމީނާ އެއްކޮޅަށް ނުނިމިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ހަމަޖައްސަން ޕީއެންސީގެ ސެނެޓްގެ ބައްދަލުވުން މިއަދު ބާއްވާއިރު، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގައި ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ އެކި ބޭފުޅުން އެބަ ތިއްބެވި އެވެ.
Comment