Advertisement

ޕީއެންސީން ވާދަކުރާ ކެންޑިޑޭޓު މިއަދު ހަވީރު ނިންމަނީ

3 އޮގަސްޓު 2023 - 11:12 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ޕީއެންސީން ވާދަކުރާ ކެންޑިޑޭޓު މިއަދު ހަވީރު ނިންމަނީ

3 އޮގަސްޓު 2023 - 11:12 0

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން މިއަދު ހަވީރު އެ ޕާޓީގެ ސެނެޓު ބައްދަލުވާ ގޮތަށް ނިންމައިފި އެވެ.

އެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 4:00 ގަ އެވެ. މިގޮތަށް ނިންމީ މިއަދު ބޭއްވި ސެނެޓުގެ ބައްދަލުވުމުންނެވެ.

މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ސެނެޓު ބައްދަލުވުމުގައި 47 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރެއިން 44 މެންބަރުންގެ އަގުލަބިއްޔަތުން ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފާސްކުރި އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ޕްރައިމަރީ ބާއްވައި ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނެ ވަގުތެއް ދެން ނެތެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވެ އެވެ. އެހެންވެ ޕާޓީގެ އަސާސީ ގަވާއިދަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

އެ ގޮތުން ކެންޑިޑޭޓު ކަނޑައެޅުމުގެ ބާރު ވަނީ ސެނެޓަށް ދީ، މިއަދު ހަވީރު ސެނެޓު ބައްދަލުވާ ގޮތަށް ނިންމައިފަ އެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކުން މިއަދު މެންދުރުފަހު 2:00 އަށް ސުންގަޑި ހަމަވާ ގޮތަށް ފުރުސަތު ދިނުމަށް ވެސް ސެނެޓުން ނިންމި އެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އޭނާއާ ވާދަކުރެއްވުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ބޭނުންވާ ކަމަށް އެނގިފައެ އެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި، ޔާމީން ރިޝްވަތު ނަންގައި އެ ފައިސާ ލޯންޑަކުރެއްވި ކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހުގަ އެވެ.

ޔާމީނަށް އިއްވާފައިވާ ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގެ ޝަރީއަތް ފަށައި ހަތަރު އަޑުއެހުމެއް ބޭއްވި އެވެ. އީދު ބަންދުގެ ފަހުން ބޭއްވުނީ އެންމެ އަޑުއެހުމެކެވެ. އެ ފަހުން، ފަނޑިޔާރުންގެ ޗުއްޓީ އޮތް ގޮތުން ހައި ކޯޓުގައި އެ ޝަރީއަތް ވަނީ މަޑުޖެހިފަ އެވެ.

ޔާމީންގެ އިސްތިއުނާފީ ހައްގުތަކާއި އިންތިހާބީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް، އިސްތިއުނާފު ޝަރީއަތް ލަސް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު މަތިން ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅި އެވެ. ދެ ފަހަރު ވެސް ކޯޓުން ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ.

ގާނޫނު އަސާސީގެ އެ މާއްދާ މާނަކުރުމާ މެދު ގާނޫނީ ބަހުސެއް ވެސް އެބަ އޮތެވެ. އެ މާއްދާގައި ބުނާ ހުކުމަކީ އިސްތިއުނާފީ މަރުހަލާތައް ނިމި ކަނޑައެޅޭ ނިހާއީ ހުކުމެއް ގޮތުގައި މާނަކުރަން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިދާނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ދެކެ އެވެ.