2 އޮގަސްޓު 2023 - 16:54 0
2 އޮގަސްޓު 2023 - 16:54 0
ވޭގަސް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 2) - ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވާން ފްރާންސްގެ ވިންގް، އޮސްމާން ޑެމްބެލޭ ކެތްމަދުވެފައި ހުރި ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
ބާސެލޯނާ އިން އެމެރިކާގައި ކުރިއަށްގެންދިޔަ ޕްރީ ސީޒަން ޓުއާގައި ކުޅުނު ފަހު މެޗުގައި އޭސީ މިލާން އަތުން 1-0 އިން މޮޅުވިއިރު، އެ މެޗުގައި ޑެމްބެލޭ އިނީ ބެންޗުގަ އެވެ. ބާސެލޯނާ އިން އެ މެޗުގައި ޑެމްބެލޭ ބޭނުންނުކުރީ އޭނާގެ ޓްރާންސްފާއާ ގުޅޭ ވާހަކަތަކެއް ކުރިއަށްދާތީ، ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.
މިލާން މެޗަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޒަވީ ބުނީ ޑެމްބެލޭ، ކްލަބް ދޫކޮށްލަން ބޭނުންވާކަން އަންގާފައިވާ ކަމަށެވެ.
"އަހަރެން ވަރަށް ސާފުކޮށް މި ވާހަަކަ ކިޔައިދޭން ބޭނުން، އޭނަ (ޑެމްބެލޭ) ވަނީ ކްލަބް ދޫކޮށްލަން ބޭނުންވާކަން އަހަންނަށް އަންގާފައި. އޭނަ ވަރަށް ރަނގަޅަށް ކިޔައިދިން ޕީއެސްޖީން ރަނގަޅު ޕްރޮޕޯސަލެއް އޮތް ވާހަކަ، ދެން، އެހެންވީމަ، އޭނަ (ޑެމްބެލޭ) ގޮތް ނިންމައިގެން ހުއްޓައި، އަހަރެމެންނަށް ކުރެވޭނެ ކަމެއް ނެތް،" ޒަވީ ބުންޏެވެ.
ޑެމްބެލޭ، 26، އެންމެ ފަހުން ސޮއިކުރި ބާސެލޯނާގެ ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އެ ކޮންްޓްރެކްޓްގައިވާ ގޮތުން، މިދިޔަ މަސް ނިމުމުގެ ކުރިން ޑެމްބެލޭ ގަންނަން ދައްކަން ޖެހޭ ފީ އަކީ 50 މިލިއަން ޑޮލަރެވެ. އެކަމަކު، މި މަސް ފެށުމާ އެކު، ދެން ޑެމްބެލޭ ގަންނަން ކްލަބަކުން ބޭނުންނަަމަ ދައްކަން ޖެހޭ ފީ 100 މިލިއަން ޑޮލަރަށް އަރާނެ އެވެ.
ބޮރޫޝިއާ ޑޯޓްމަންޓް އިން ބާސެލޯނާ އަށް 2017 ވަނަ އަހަރު ޑެމްބެލޭ ބަދަލުވީ 97 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ. އެކަމަކު، ބާސެލޯނާ އަށް ބަދަލުވި ފަހުން ކުރިމަތިވި އަނިޔާގެ މައްސަލަތަކާ އެކު، އެ ކްލަބަށް ޑެމްބެލޭގެ ބޭނުން އެންމެ ރަނގަޅަކަށް ނުހިފުނެވެ.
Comment