Advertisement

ފާރިސް ތާއީދު ސޮއި ހަމަކޮށްފި، ކެންޑިޑެސީ ފޯމު ހުށަހަޅާނެ ދުވަހެއް އަދި ނޭނގޭ

2 އޮގަސްޓު 2023 - 13:43 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މެމްބަރުންގެ އަދަދު ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އުވާލަން ނިންމާފައި އޮތް މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ފަރާތުން ފާރިސް މައުމޫން - ފޮޓޯ:އަދަދު


ފާރިސް ތާއީދު ސޮއި ހަމަކޮށްފި، ކެންޑިޑެސީ ފޯމު ހުށަހަޅާނެ ދުވަހެއް އަދި ނޭނގޭ

2 އޮގަސްޓު 2023 - 13:43 0

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އުވާލަން ނިންމާފައި އޮތް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރައީސް އަހުމަދު ފާރިސް މައުމޫނުގެ ތާއީދު ސޮއި ހަމަވެއްޖެ އެވެ.

ފާރިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު 1،500 ސޮއި ހަމަވެފައި ވާކަމަށެވެ. އަދިވެސް ސޮއިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައި ވާކަމަށް އޭނާ ވިދާޅުވެ އެވެ.

އޭގެ އިތުރުން އެމްއާރުއެމްގެ ކެމްޕޭނު ހަރަކާތުގައި ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮތް ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

އެމްއާރުއެމްގެ ނައިބުރައީސް ނާދިރާ މިއަދު "އަދަދު"އަށް ވިދާޅުވީ ތާއީދު ފޯމު ހަމަވެފައިވިޔަސް އަދި ކެނޑިޑަސީ ފޯމު ހުށަހަޅާނެ މުއްދަތެއް ނޭނގޭ ކަމަށެވެ. އަދި ފާރިސްގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުންނާނެ ފަރާތެއް ވެސް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނު ބުނާ ގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރުމުގެ ބަދަލުގައި އަމިއްލަ ގޮތުން އެ އިންތިހާބަށް ވާދަކުރާނަމަ މަދުވެގެން 1،500 މީހުންގެ ސޮއި ހިމެނޭ ތާއީދު ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ޖެހެ އެވެ.

އެމްއާރުއެމް އުވާލަން އީސީން ނިންމީ ގާނޫނުގައި ބަޔާންކޮށްފައިވާ 3,000 މެމްބަރުން ހަމަނުވުމުންނެވެ.

އެމްއާރުއެމް އަކީވެސް މި ސަރުކާރު ހިންގާ ކޯލިޝަނުގެ ބައިވެރިޔެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށްވެސް އެމްއާރުއެމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު އެރުވި އެވެ. ނަމަވެސް، އެ ޕާޓީން މިހާތަނަށް އެ ދައުވަތަށް ރަސްމީ ޖަވާބެއް ދީފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެދި ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފުރުސަތު 22 ޖުލައި އިން ފެށިގެން ހުޅުވާލާފައިވާއިރު، އެ މުއްދަތު ހަމަވާނީ މިމަހުގެ ފަސް ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.