Advertisement

ރައީސްގެ އިލްތިމާސެއް: "ހިތްހަމަނުޖެހުނަސް، ޖަޒުބާތުގައި ޖެހި، ވޯޓަށް އަސަރު ކުރާ ކަމެއް ނުކުރައްވާ"

2 އޮގަސްޓު 2023 - 12:52 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފިއްލަދޫގައި ބޭއްވި ޖަލްސާގައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ރައީސްގެ އިލްތިމާސެއް: "ހިތްހަމަނުޖެހުނަސް، ޖަޒުބާތުގައި ޖެހި، ވޯޓަށް އަސަރު ކުރާ ކަމެއް ނުކުރައްވާ"

2 އޮގަސްޓު 2023 - 12:52 0

މި ދުވަސްވަރު ޖަޒުބާތުގައި ޖެހިގެން ވޯޓަށް އަސަރު ކުރާ ފަދަ ކަމެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ސަޕޯޓަރުންނަށް މިއަދު އިލްތިމާސްކުރައްވައިފި އެވެ.

އަންނަ ސެޕްޓޭމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަން ރައީސް އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ހއ. ފިއްލަދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި އެދިވަޑައިގަތީ ޖަޒުބާތުގައި ޖެހި ވޯޓަށް އަސަރު ކުރާ ކަމެއް އެއްވެސް މީހަކު ނުކުރުމަށެވެ.

"އަޅުގަނޑުމެން ހިތްހަމަނުޖެހޭ ކަމެއް އޮތަތީވެ، ފަހަރުގައި، އޭގެ ޖަޒުބާތުގައި ވޯޓަށް އަސަރު ކުރާ ކަމެއް ނުކުރުން އެއީ އަޅުގަނޑުގެ މިއަދުގެ އިލްތިމާސެއް،" ރައީސް ވިދާޅުވި އެވެ.

ފިއްލަދޫގެ ރައްޔިތުން އިންތިހާބަށް ފޯކަސް ކުރައްވައި ގައުމީ މަސްލަހަތަށް އިސްކަން ދެއްވަން ވެސް މިއަދުގެ ޖަލްސާގައި ރައީސް އެދިވަޑައިގެންނެވި އެވެ.

ހިޔާލުތަފާތުވުންތައް މިވަގުތު ހުއްޓަސް މިއީ މުޅި ގައުމުގެ މަސްލަހަތު އިސްކުރަން ޖެހޭ ވަގުތު ކަމަށް ރައީސް ވިދާޅުވި އެވެ. ތަފާތު ހިޔާލުތަކާއެކީ ކުރިއަށްދާން ދަސްކުރަން ވާނެ ކަމަށާއި މިދިޔަ ފަސް އަހަރު އެމަނިކުފާނު އަމަލުކުރެއްވީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހުރި ހިޔާލުތަފާތުވުންތަކާއި ތަފާތު ހިޔާލުތައް އެއްތަންކޮށް މުޅި ގައުމަށް އެންމެ މަސްލަހަތު ހުރި އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލައިގެން އެކަން ނިންމަންވީ،" ރައީސް ވިދާޅުވި އެވެ.

"އެ ވެދާނެ އަޅުގަނޑަށް ނޫނީ ޝައިހް އިމްރާނަށް ނޫނިއްޔާ އަޅުގަނޑަށް ނޫނިއްޔާ އަޅުގަނޑުމެން ކޯލިޝަންގައި ތިބި ލީޑަރުންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް. އެހެންނަމަވެސް، އަޅުގަނޑުމެން އިސްކުރަން ވާނީ ގައުމީ މަސްލަހަތު، މުޅި ރާއްޖޭގެ ތަރައްގީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ދަތުރުފުޅުގައި ވަޑައިގަންނަވާ ހއ. އަތޮޅު ފިއްލަދޫ، އުތީމު އަދި ބާރަށުގެ ރައްޔިތުން ވެސް އިސްކުރަންވީ އެ މަސްލަހަތު ކަމަށާއި އެކަމުން ނުކުންނާނީ ރަނގަޅު ނަތީޖާ ކަމަށް ވިދާޅުވި އެވެ. އެ އަތޮޅަށާއި ބޮޑުލިތަދުންމައްޗަށް ވެސް އަދި މުޅި ގައުމަށް ވެސް އެކަމުން ލިބޭނީ ފައިދާ ކަމަށް ވިދާޅުވި އެވެ.

ޖަޒުބާތުގައި ޖެހި ވޯޓަށް އަސަރު ކުރާ ކަމެއް ނުކުރުމަށް ރައީސް އެދިވަޑައިގެންފައިވާއިރު، ރައީސްގެ ދަތުރުފުޅުތަކާ ދިމާކޮށް އިދިކޮޅު ޕީޕީއެމް އަދި ޑިމޮކްރެޓްސްއިން ކުރައްވާ މުޒާހަރާތަކާ މެދު ހިތްހަމަނުޖެހި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ އިދިކޮޅަށް އިންޒާރު ދެއްވައިފަ އެވެ.

މ. ދިއްގަރުގައި ބޭއްވި ރައީސްގެ ކެމްޕޭން ޖަލްސާއެއްގައި އިދިކޮޅުގެ މުޒާހަރާތަކާ ގުޅިގެން އިމްރާން ވިދާޅުވެފައި ވަނީ "އެ ސަކަރާތް" ޖަހަން ހައްދައިފިއްޔާ "އަޅުގަނޑުމެން މާ ވަރުގަދަވާނެ" ކަމަށެވެ.

އޭގެ އިތުރުން، ފުވައްމުލަކުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ ރައީސްގެ ދަތުރުފުޅުތަކާ ދިމާކޮށް އިދިކޮޅުގެ މުޒާހަރާތައް ކުރާ ނަމަ އެންމެ ރަށެއްގައި ވެސް އިދިކޮޅަށް ކެމްޕެއިން ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ފައްޔާޒު ވިދާޅުވީ، "ރައީސަކީ ވަރަށް ހިތްތިރި ބޭފުޅެއް. އަޅުގަނޑުމެންނަކީ އެހާ ހިތްތިރި ބައެއް ނޫން" ކަމަށެވެ.