2 އޮގަސްޓު 2023 - 10:58 3
އާމިނަތު ނިއުޝާ
ރައީސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ފަތުރުވެރިކަން ފައްކާކުރުމަށް ބާރަށް ވަރުގެ ރަށެއް ނެތްކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
2 އޮގަސްޓު 2023 - 10:58 3
ގެސްޓުހައުސް ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދީ އެ ވިޔަފާރިއަށް ހާއްސަކޮށްގެން ފަންޑެއް ހުޅުއްވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ބާރަށަށް ވަޑައިގެން ރައީސް ވިދާޅުވީ، އަލަށް ވިޔަފާރި ފަށާ މީހުންނާއި، މިހާރު ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް ގެސްޓުހައުސްތަކަށް ފަންޑެއް ހުޅުވާ އޭގެ ތެރެއިން ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އޭގެ ސަބަބުން ރަށުގައި ތިބެ، ވަޒީފާގައި މަސައްކަތްކޮށް ރައްޔިތުންނާ އެކީގައި މަސައްކަތްކުރަން ފަސޭހަވެގެން ދާނެ. ތިޔަބޭފުޅުން އިންތިހާބުގައި ވޯޓުލުމުގެ ކުރިން މި ހުރިހާ ކަމަކާ ވިސްނަވާނެ," ރައީސް ސޯލިހު ވިދާޅުވި އެވެ.
ލޯކަލް ޓޫރިޒަމް ފައްކާކުރުމަށް ބާރަށަކީ ރަނގަޅު ރަށެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން, ކައިރީގައި އެއާޕޯޓެއް އޮތް ކަމަށާއި، އެއީވެސް ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް ތަނަވަސް ދޮރެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ލޯކަލް ޓޫރިޒަމް ފައްކާކުރުމަށް މިއަށްވުރެ ރަނގަޅު ރަށެއް އޮންނާނެއެކޭ އަޅުގަނޑު ނުދެކެން. ތިޔަބޭފުޅުން ތައްޔާރުވެވަޑައިގަންނަންވީ މިކަމަށް ދުރާލާ," ރައީސް ސޯލިހު ވިދާޅުވި އެވެ.
ބޮޑުތިލަދުންމައްޗަކީ ގުދުރަތީ ގޮތުން މުއްސަނދި އަތޮޅެއް ނަމަވެސް ގެސްޓުހައުސް ވިޔަފާރި ހިންގަނީ ހަތަރު ރަށެއްގަ އެވެ. އެއީ ދިއްދޫ، ކެލާ، ހޯރަފުށި އަދި ވަށަފަރުގަ އެވެ.
ބާރަށަށް ރައީސް ވެދެއްވި ވައުދުތަކުގެ ތެރޭގައި، ދައުރު ނިމުމުގެ ކުރިން ހުރިހާ ގެއަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، ސްކޫލުގެ މަސްޓިޕާޕަސް ހޯލާއި، ސްކޫލު އޮފީސް އިމާރާތްކުރުން ހިމެނެ އެވެ. އަދި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދައި ރިންގު ރޯޑެއް ގާއިމްކުރުން ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment