Advertisement

ފުލުހުން އެދިގެން "ހަސަން ކުރުސީ" އަކީ ކާކުކަން ހޯދަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި

1 އޮގަސްޓު 2023 - 17:28 2

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ އެކައުންޓުގެ ޕްރޮފައިލް


ފުލުހުން އެދިގެން "ހަސަން ކުރުސީ" އަކީ ކާކުކަން ހޯދަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި

1 އޮގަސްޓު 2023 - 17:28 2

ޓްވިޓާގައި "ހަސަން ކުރުސީ"ގެ ނަމުގައި ހިންގަމުންދާ އެކައުންޓުގެ ފަހަތުގައި ވަނީ ކާކު ނުވަތަ ކޮން ބައެއްތޯ ބަލަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.

ޓްވިޓާގައި ސަރުކާރުގެ އެކި ފަރާތްތަކަށް ފާޑުކިޔައި ކޮރަޕްޝަންގެ ތުހުމަތު ކުރަމުންދާ، "ހަސަން ކުރުސީ" އެކައުންޓު ހިންގަނީ ކާކުކަން ހޯދުމަށް ދިވެހި ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވާކަން "އަދަދު"އަށް ވަނީ ކަށަވަރުވެފަ އެވެ.

އަދި, ފުލުހުން ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ކުރުސީ އެކައުންޓުގެ ވެރި ފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން "އަދަދު" ނޫހަށް ޔަގީންކޮށްދީފަ އެވެ.

ބާރަ ހާހަށް ވުރެ ގިނަ މީހުން ފޮލޯ ކުރާ ކުރުސީ އެކައުންޓުގެ ވެރިފަރާތް ހޯދުމަށް ފުލުހުން ކޯޓު އަމުރާއެކު ރަސްމީކޮށް އެކަމަށް އެދެން ޖެހޭނީ ޓްވިޓާގަ އެވެ. އެކަމަކު، އެކައުންޓުތަކާ ގުޅޭ ޒާތީ މައުލޫމާތު ސަރުކާރުތަކުން އެދުނަސް ޓްވިޓާއިން އާންމުކޮށް ހާމައެއް ނުކުރެ އެވެ.

މިކަމާ ގުޅިގެން އެ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އޭނާއަކީ ކާކުކަން ހޯދަން "ހަރުކަށި ފަރާތްތަކާ ގުޅުން އޮންނަ" ދިވެހި ސަރުކާރުން މަސައްކަތް ކުރަމަކީ ޑިމޮކްރެސީއާ ހިލާފު ކަމެއް ކަމަށެވެ. އަދި ޓްވިޓާއިން އެ މައުލޫމާތު ހާމަކޮށްފި ނަމަ ވަރަށް ގިނަ ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބުންޏެވެ.

ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި އެކައުންޓް ހިންގާ ކަމަށް އެންމެ ފުރަތަމަ އަޑުފެތުރުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ގުޅުވަ އެވެ. އެއީ، ނަޝީދު ގެންގުޅުއްވާ ނުރަސްމީ އެކައުންޓް "އެލެކްސް އަހުމަދު"އަކީ އެމަނިކުފާނުކަން އާންމުކޮށް ހާމަވުމާއެކު އުފެއްދި އެހެން އެކައުންޓެއް ކަމަށް އެންްމެ ފުރަތަމަ ތުހުމަތު ކުރެވުނެވެ.

އެހެން ނަމަވެސް، އެ ވާހަކަތައް ނަޝީދު ވަނީ ދޮގުކުރައްވައިފަ އެވެ. އަދި އެކައުންޓާ އެމަނިކުފާނާ ގުޅުވާތީ އޮޅުން އަރާފައިވާ ކަމަށް ބުނެ ކުރުސީ އަކީ ކާކުކަން ހޯދަން އެދި ނަޝީދު ވެސް މިދިޔަ އޭޕްރިލް މަހު ފުލުހަށް މައްސަލައެއް ހުށަހެޅި އެވެ.

ކުރުސީގެ އެކައުންޓުން މި ދައުރުގެ ކުރީކޮޅު އެމްޑީޕީގެ ސަރުކާރާ އެއްކޮޅު ޓްވީޓުތައް ކުރަމުން ދިޔަ ނަމަވެސް، މިހާރު އެ އެކައުންޓުން ގެންދަނީ ސަރުކާރަށް ފާޑުކިޔައި ގިނަ ތުހުމަތުތަކެއް ކުރަމުންނެވެ.

އެގޮތުން، އައްޑޫ ސިޓީ ކައުންސިލުން ހިތަދޫގެ ގުދަނެއް ކުއްޔަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ތުހުމަތުތަކެއްކޮށް ކުރުސީ އެކައުންޓުން މިދިޔަ މެއި މަހު ޓްވީޓު ކުރުމުން މޭޔަރު އަލީ ނިޒާރު ވަނީ އެކަން ދޮގުކުރައްވައި، ފިތުނަ އުފައްދާ ކަމަށް ބުނެ ކުރުސީ އެކައުންޓު ހިންގަނީ ކާކުކަން ބަލަން ފުލުހުންގެ ކިބައިން އެދިފަ އެވެ. އަދި އެފަދަ ޓްވީޓުތައް ކުރުން ނުހުއްޓުވުމަކީ ވަޒީރުންގެ ފެއިލްވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކުރުސީގެ މައްސަލަ ބަލަމުންދާ ކަމަށް އެ ފަހުން ފުލުހުން ބުނި ނަމަވެސް، މިއަދާ ހަމައަށް މާ ބޮޑު ކުރިއެރުމެއް ލިބިފައި ނެތެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާ މެދުވެރިކޮށް ސިޔާސީ ފިކުރު ފެތުރުމާއި ކެމްޕެއިން އަދި އެންޓި ކެމްޕެއިން ކުރުމަށް އެކި ފަރާތްތަކުން ފޭކު ޓްވިޓާ އެކައުންޓުތައް ބޭނުން ކުރެ އެވެ. "އާޓިފިޝަލް އިންޓެލިޖެންސް" ޓެކްނޮލޮޖީ ބޭނުންކޮށްގެން، އަސްލާ އެއްގޮތަށް، ވުޖޫދުގައި ނެތް މީހުންގެ ފޮޓޯތައް އަސްލު ކަމަށް ދައްކައި އޮޅުވާލަ އެވެ.