1 އޮގަސްޓު 2023 - 13:31 0
1 އޮގަސްޓު 2023 - 13:31 0
ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (އޮގަސްޓް 1) - ލިއޮނަލް މެސީއާ އެއް ޓީމެއްގައި ހުރެ ފުޓްބޯޅަ އިން ރިޓަޔާކުރުމަށް ވިސްނާތީ، މެސީ މިހާރު ކުޅެމުން އަންނަ އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވުމުގެ ޝައުގުވެރިކަން ހުރި ކަމަށް ބްރެޒިލްގެ ގްރެމިއޯ އަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް، ލުއިސް ސުއަރޭޒް ބުނެފި އެވެ.
ސުއަރޭޒް، 36، ބްރެޒިލްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ މެސީއާ އެކު ބާސެލޯނާ ޓީމަށް ކުޅުނުއިރު، އެއް ޓީމެއްގައި ހުރެ ރިޓަޔާކުރުމުގެ ވާހަކަ ދެކެވުނު ކަމަށެވެ. އެ ގޮތުން، އޭނާ އެތުލެޓިކޯ މެޑްރިޑަށް ދިއުމުން، އޭގެ ފަހުން މެސީ ވަނީ ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވެފައި ކަމަށް ސުއަރޭޒް ވަނީ ފާހަގަކޮށްފަ އެވެ.
"އަހަރެެމެން ވާހަކަ ދެއްކިން، އެމެރިކާ ލީގުގައި ކުޅެމުން ރިޓަޔާކުރަން، މިހާރު މެސީ އެ ހުރީ އެ ލީގުގައި، އިންޓަ މިއާމީގައި މެސީ އެ އަންނަނީ ހިތްހަމަޖެހިގެން ކުޅެމުން. އެއީ ކެރިއަރު ފަހުކޮޅުގައި ވާންޖެހޭނެ ގޮތަކީ ވެސް، ސުވާލަކީ އަހަރެން އެ ޓީމަށް ދާނެތޯ، މި ވަގުތު ގްރެމިއޯގައި އަހަރެންގެ ކޮންޓްރެކްޓެއް އެބައޮތް،" ސުއަރޭޒް ބުންޏެވެ.
ކުރިން ލިވަޕޫލާއި އަޔަކްސް އަށް ވެސް ކުޅެފައިވާ ސުއަރޭޒް ބުނީ ގްރެމިއޯއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮތް ނަމަވެސް އެ ކްލަބްގެ ބޯޑާ މަޝްވަރާ ކުރުމަށް ފަހު، މި ޑިސެމްބަރުގައި އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. އެއީ، ބްރެޒިލްގެ ލީގު ކަހަލަ ވަރުގަދަ ލީގެއްގައި އޭނާގެ އެ ދިމާވާ ކަކުލުގެ އަނިޔާތަކާ އެކު އެއް ލެވަލެއްގައި ގިނަ މެޗު ނުކުޅެވޭތީ ކަމަށް ސުއަރޭޒް ވަނީ ބުނެފަ އެވެ.
"ގްރެމިއޯ ސަޕޯޓަރުން އަހަންނަށް ވަރަށް ރަނގަޅު، އެކަމަކު، ބުނެލަން އޮތީ، 36 އަަހަރުގައި އަހަރެން މި އަނިޔާތަކުގެ ތެރެއިން އެންމެ ރަނގަޅަށް ނުކުޅެވޭތީ، ވަކިވެލަން ޖެހޭ ވަގުތު ކައިރީގައޭ މި އޮތީ،" ސުއަރޭޒް ބުންޏެވެ.
ސުއަރޭޒް ބުނީ ދެން ބަދަލުވާނެ ކްލަބެއް ނިންމާނީ ވަރަށް ވިސްނުމާ އެކު ކަމަށާއި، އެމެރިކާ ލީގު އެއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
ބާސެލޯނާގައި ސުއަރޭޒާ އެއް ޓީމަށް ކުޅުނު މެސީގެ އިތުރުން ސާޖިއޯ ބުސްކެޓްސް ވެސް ކުޅެމުން އަންނަނީ އިންޓަ މިއާމީ އަށެެވެ. އޭގެ އިތުރުން ޖޯޑީ އަލްބާ ވެސް އިންޓަ މިއާމީއާ އެކު، ޑީލެއް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Comment