ކުރީގަ ސިޔާސީ ކަންކަމަށް އޮތް ފޯރިއާއި މިހާރުގެ މަޑުމޯޅިކަން ދައްކުވައިދޭ ކުރެހުމެއް. ކުރެހުން: ރައްޔާން މުހައްމަދު/އަދަދު
ސަރުކާރާއި، ގާނޫނާއި، ޖުޑިޝަރީއަކީ އޭރު އެއް ޖަމާއަތަކުން ހިންގާ ކަމެކެވެ. އެންމެ އިސް ވެރިމީހާގެ އިތުރުން އޭނާ ރުހޭ ބަޔަކަށް، ބާރުތައް ހަވާލުކޮށް ހިންގާ ދައުލަތެކެވެ. ވެރިމީހާއަށް ސިޓީ ލިޔެ ފޮނުވައިގެން، އޭގެ އާދޭހުންް އާންމު މީހާ ހިދުމަތް ހޯދި ޒަމާނެވެ. ހުދުމުހުތާރު ވެރިކަމުގެ ނިޒާމެކެވެ.
ބާރުތައް ބެހިފައިވާ ޑިމޮކްރެޓިކް ނިޒާމަކަށް ދިވެހި ސިޔާސީ ސަގާފަތް އިންގިލާބު ކުރަން ޖެހޭ ކަމަށް އެއްބަސްވެވިގެން، އޭރު ސިޔާސީ ލީޑަރުންތަކެއް މަގުމައްޗަށް ނުކުތީ އެވެ. އެތައް އަޑުއުފުލަމަކާއި އިހުތިޖާޖަކާއި، މަގުމަތީ ހަރަކާތަކަށް ފަހު ހައްގުތައް ލިޔެފައިވާ ފެހި ގާނޫނު އަސާސީއެއް ލިބުނެވެ.
އިންގިލާބު ކުރި އާ ނިޒާމުގައި އެންމެ ބޮޑު އެއް ހައްގަކީ އިންތިހާބެވެ. ފަސް އަހަރުގެ މުއްދަތަށް، ސަރުކާރުގެ ބާރު ހަވާލުކުރާނެ ބަޔަކު ރައްޔިތުންގެ ފުރިހަމަ އަގުލައްބިޔަތަކުން ކަނޑައެޅުމެވެ. ވެރިކަން ހިންގުމުގެ ސިޔާސަތުތަކަށް ބަސް ބުނަން ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލެވޭ ހަރަކާތެކެވެ.
އިންގިލާބު ކުރެވުނު ނިޒާމު ދިވެހީން ބަލައިގަތީ ޖޯޝާއެކު އެވެ. އުންމީދުތަކެއް އޮވެގެނެވެ. ފުރަތަމަ ރިޔާސީ އިންތިހާބުގައި އެ ފޯރި ބޮޑުކޮށް ފެނުނެވެ. ކުރިއާލާ، އެ މީހަކަށް އެއްބަސްވެވޭ ސިޔާސަތުތަކެއް ނޫނީ ފަލްސަފާއެއް އޮތް ޕާޓީއަކާ ގުޅި، އެ ބަޔެއްގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ އުޅުނެވެ.
އޭގެ ފަހުން 15 އަހަރު ފާއިތުވެގެން ގޮސް ހަތަރުވަނަ ރިޔާސީ އިންތިހާބަށް މަހެއްހާ ދުވަހެވެ. ފުރަތަމަ އެ އޮތް ޖޯޝް މިއަދަކު ނެތެވެ. އެ ފޯރިއެއް މިހާރު ނުފެނެ އެވެ. ރަށްރަށަށް ރިޔާސީ ކެންޑިޑޭޓުން އައުމުން، ތަރުހީބުދީ ކެމްޕޭންގެ ހަރަކާތްތަކުގައި މާ ގިނަ ބަޔަކު ގޮސް ނޫޅެ އެވެ.
އިންތިހާބަށް މާ ބޮޑު ވިސްނުމެއް ނެތެވެ. ރީރަޖިސްޓްރީ ކުރި އަދަދަކީ އޭގެ އެއް ހެއްކެވެ. ރަށްވެހިފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓު ލާނަމަ، އަދި މާލޭގައި ކުރިން ވޯޓުލާން ރަޖިސްޓްރީނުވާ މީހަކު ނަމަ އަލުން ރަޖިސްޓްރީ ވާން ޖެހެ އެވެ. އޮންލައިންކޮށް ކުރެވެން އޮތް ފުރަތަމަ ފަހަރު އެ އަދަދު ވީ މަދެވެ.
ދިވެހިންގެ އުޅުމަށް މި އައީ ކޮން ބަދަލެއް ހެއްޔެވެ؟ ނޫނީ މިއީ ޒުވާން އާ ޖީލާއެކު، އެ ޖީލުން ފެންނަ ބަދަލުތަކާއެކު ކުރެވޭ އިހުސާސެއް ހެއްޔެވެ؟ މި 15 އަހަރުގެ ތެރޭގައި ދިވެހީންނަށް ކުރި ތަޖުރިބާއިން ކާމިޔާބެއް އިހުސާސް ނުވެގެން އައި ބަދަލެއް ހެއްޔެވެ؟
"ވޯޓު ލާކަށް ނުދަން، ކޮންމެ މީހަކު ހޮވުނަސް ބަދަލެއް ނުފެނޭ، ޕާޓީ ލީޑަރާ ހެދި މޮޔަވެގެން ގޭތެރޭގައި ވެސް، ސީޔާސީ ވެގެން، ޒުވާބު ކުރުން ނޫން ކަމެއް ނުކުރޭ، ނިކަން ފޫހި މި ސިޔާސީ ކަންކަން،" އަލަށް ވޯޓު ލެވޭ ޒުވާނަކާ ދިމާވުމުން، ވޯޓު ލާން ދާނަންތޯ ސުވާލު ކުރުމުން އޭނާ ޖަވާބުދިނީ މި ގޮތަށެވެ.
ފެހި ގާނޫނު އަސާސީން ތަސައްވުރު ކުރި ސިފަތަކަކީ ރައްޔިތުންގެ އަޣުލަބިއްޔަތު ރުހުން އޮންނަ ސަރުކާރެއް ގާއިމުކޮށްގެން ހިދުމަތްތައް ދެމުން ދިޔުމެވެ. އަދި ރައްޔިތުން އެދޭ ގޮތާ ދުރަށް، ހިތްހަމަނުޖެހޭ ގޮތަށް އިންތިހާބު ކުރި ސަރުކާރުގެ މިސްރާބު ގޮސްފިނަމަ އަޑުއުފުލައި އިހުތިޖާޖު ކުރުމުގެ ހައްގު ދިނުމެވެ.
ފުރަތަމަ ދެ ސަރުކާރުން ފެނުނު މަންޒަރުތަކަކީ އެ ހައްގުތައް ހިފެހެއްޓުމެވެ. ގާނޫނަކުން ކަނޑައަޅައިގެން، ނޫނީ ގާނޫނުތަކުގެ ބޭރުން ވެސް އެ ކަން ކުރި މަންޒަރު ފެނެ އެވެ. ސިޔާސީ ލީޑަރުން ހައްޔަރު ކުރުމާއި، އިހުތިޖާޖަށް ނުކުމެއްޖެނަމަ ސަލާމަތީ ބާރުތައް މެދުވެރިކޮށް އެ އެއްވުންތައް ރޫޅާލަ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގަބޫލުކުރައްވާ ގޮތުގައި މަގުމަތީ ހަރަކާތްތަކާއި ކުރިން ތަޖުރިބާ ކުރި ސިޔާސީ ހަލަބޮލިކަމުގެ އިތުރަށް ކެމްޕޭން ފޯރިތަކެއް ނުފެންނަނީ ނުލިބި ހުރި ގިނަ ހައްގުތަކެއް ލިބޭ މުޖުތަމައެއް މިހާރު އޮތް ސަރުކާރުން ގާއިމްކޮށްދީފައިވާތީ އެވެ.
"އެއީ ސަރުކާރު ހިނގި ގޮތް ރަނގަޅު ކަމަށް ގިނަ ބަޔަކަށް ބަލައިގަނެވޭތީ. މިއަދު ފޯރިގަދަކުރުން ނޫން ކަން އޮތީ. ހަލަބޮލި ކުރުން ނޫން ކަން އޮތީ. ސިޔާސަތުތަކާއި ވައުދުތަކާއި އެ ކަން ކުރެވޭނެ ފުރިހަމަ ތަސައްވުރެއް ގެނެވޭނެ ބަޔަކާ އެކުގައި ހަމަޖެހޭ މާހައުލެއްގައި ތިބެގެން ވޯޓު ލާން،" އިމްރާން ވިދާޅުވި އެވެ.
ފުރަތަމަ ދެ ސަރުކާރުގައި ހިނގި އެންމެ ބޮޑެތި މުޒާހަރާތައް ލީޑުކުރެއްވި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ މުޒާހަރާތައް ގިނަކޮށް ސިޔާސީ ހަލަބޮލިކަމެއްގައި އޭރު އޮތީ، ހައްގުތަކަކަށް ހުރަސް އަޅާފައި އޮތުމުންނެވެ. ހިޔާލު ފާޅުކުރުމާއި، މީޑިއާގެ މިނިވަން ކަން ނެތް ކަމަށެވެ.
"މިދިޔަ މުއްދަތުތަކުގެ ތެރޭގައި އެއްވެސް ޓީވީ ޗެނަލެއް ބަންދުކޮށް، އެއްވެސް ނޫހެއް ބަންދުކޮށް، ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، އަޅުގަނޑުމެން ނުކުރާނަން، އަޅުގަނޑުމެން މިއަދު މި ވަނީ އަމާން މާހައުލެއްގައި ސިޔާސީ ހަރަކާތް، ސިޔާސަތުތައް ވިއްކާނެ މާހައުލެއް އުފައްދައިފަ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން އެހެން ވިދާޅުވި ނަމަވެސް، ސަރުކާރާ ވާދަވެރި ޕާޓީތަކުންނާއި ގިނަ ޕޮލިޓިކަލް އެނަލިސްޓުން އެ ކަމަށް އެއްބަހެއް ނުވެ އެވެ.
ޑިމޮކްރެޓްސްގެ މެނިފެސްޓޯގެ މަސައްކަތް ބަލަހައްޓަވަން ހަވާލުކުރި ދެ މާލިމީންގެ ތެރޭގައި ހިމެނޭ ހުސައިން އަމްރު ވިދާޅުވީ، 2008 ވަނަ އަހަރު ފެނިގެން ދިޔަ ކަމަކީ ފުރަތަމަ ފަހަރަށް ޕާޓީތައް އުފެދިގެން ދިޔުމުން އައި ޖޯޝެއްގެ ތެރެއިން ފެނުނު ހަރަކާތްތެރި މަންޒަރުތަކެއް ކަމަށެވެ.
މިއަދު ޕާޓީތަކުގެ އެތެރޭގެ ކެމްޕޭން މަސައްކަތްތަކުގައި އާންމު މީހުން އެހާ ހަރަކާތްތެރިކޮށް ނުފެންނަ ސަބަބަކީ މީގެ ކުރީގައި އަޑުއުފުލަމުން ދިޔަ ކަންކަން ހައްލު ވެގެން ދިޔުން ކަމަށް، މީގެ ކުރިން އެމްޑީޕީގެ މެނިފެސްޓޯ ކޮމިޓީގެ ޗެއާކަން ކުރައްވާފައިވާ އަމްރު ގަބޫލެއް ނުކުރައްވަ އެވެ.
"މި އައި ބަދަލަކީ ވަކި ޕާޓީއަކަށް ތާއީދުކުރަން އެ ޕާޓީގެ ހަރަކާތުގައި ސީދާ ބައިވެރިވުމަށް ވުރެ ބޮޑަށް، ރަނގަޅު ސިޔާސަތުތައް ހުށަހަޅާ ޕާޓީއެއް ބަލާފައި، ދެން އެ ސިޔާސަތުތަކަށް ވޯޓު ދިނުން، ސިޔާސީ ހަރަކާތުގައި އެބަ ބައިވެރިވޭ، ބައިވެރިވާ ގޮތް ތަފާތީ،" އަމްރު ވދިާޅުވި އެވެ.
އާ ސިޔާސީ ހަރަކާތެއް ގެނައުމުގެ ވިސްނުމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދެވުމުގެ އެއް ބާނީ، އަދި އެ ޕާޓީގެ މުއައްސިސް އަހުމަދު އުޝާމް ވެސް ގަބޫލުކުރައްވާ ގޮތުގައި ފުރަތަމަ ދެ ސަރުކާރުގައި ކުރެވުނު ތަޖުރިބާތަކަށް ފަހު ރައްޔިތުން ތިބީ އިހުތިޖާޖު ކުރުން ދެކެ ފޫހިވެފަ އެވެ.
"މުޒާހަރާ ކޮށްގެން މަގުމައްޗަށް ނުކުމެ ހަޅޭއް ލަވައިގެން ވަކި ވާނެ މޮޅުތަކެއް ނެތް ކަމަށް މިއަދު ރައްޔިތުން ގަބޫލުކުރަނީ، ސަރުކާރު ރަނގަޅު ވެގެން މުޒާހަރާ ނުކުރަނީއެއް ނޫން، ސިޔާސީ ކަންކަމަށް ރައްޔިތުންގެ ޝައުގުވެރިކަން އެއްވެސް ވަރަކަށް ނެތީ،" އުޝާމް ވިދާޅުވި އެވެ.
ޕޮލިޓިކަލް އެނަލިސިސްޓް، ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ދެކެވަޑައިގަންނަވާ ގޮތުގައި މަގުމަތީގައި ފޯރިގަދަ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ސަގާފަތް ނެތި މި ދަނީ، ސަރުކާރަށް އޮތް ތާއީދު ބޮޑުވެގެނެއް ނޫނެވެ. އޭގެ ބަދަލުގައި ސަރުކާރު ހިންގާ ޕާޓީއާއި ވާދަވެރި ޕާޓީތައް ލީޑުކުރަން މިހާރު އޮތް އާ ލީޑާޝިޕުތަކަކީ މަގުމަތީ ހަރަކާތުން ރައްޔިތުން ބާރުވެރިކުރުމުގެ ސިޔާސީ ވިސްނުމާ ދުރު ބަޔަކަށް ވުމެވެ.
މީގެ ކުރިން މަގުމަތީ ހަރަކާތުގެ ސިޔާސީ ވިސްނުމުގައި މަސައްކަތް ކުރައްވާ ނަމަވެސް މިހާރު މަންޒަރުން ފަނޑުވަމުން އަންނަ ބައެއް ބޭފުޅުންނާއި ފަނޑުވެގެން ގޮސްފައިވާ ބައެއް ބޭފުޅުންގެ ނަންތައް ވެސް ޝަހީދު ފާހަގަ ކުރެއްވި އެވެ.
އޭގެ ތެރޭގައި ވެރިކަން ކުރާ އެމްޑީޕީން ވަކިވެގެން ދިޔަ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްޑީޕީގެ އެއް ބާނީ ގޯގޯ ލަތީފުގެ އިތުރުން ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ގާނޫނު އަސާސީ ޑްރާފްޓް ކުރެއްވުމުގައި އުޅުއްވި ޑރ. ހަސަން ސައީދުގެ ނަން ޝަހީދު ފާހަގަ ކުރެއްވި އެވެ.
އެމްޑީޕީގެ އިސް ލީޑަރަކަށް ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޑައިލޮގްގެ ތެރޭގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ޝަހީދު ވިދާޅުވި އެވެ. އަދި އެމްޑީޕީ އިސް ސަފުގައި ދެން ފެންނަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އަރިހުގައި އުޅުއްވި ބައެއް ބޭފުޅުންނެވެ. ޕީޕީއެމް ވެސް ފެންނަނީ މަގުމަތީ ހަރަކާތްތަކާ ދުރު، އާ ލީޑާޝިޕެކެވެ.
"ސިޔާސީ މަސައްކަތުގެ ކާސްޓު ބަދަލުވެފައި މި އޮތީ، އޭގެ އެއް ނިޝާނެއް އެއީ، އަންނި [އެމްޑީޕީ މިވީހާ ދުވަހު ލީޑުކުރެއްވި ޕޮލީޓިޝަން] އެ ޕާޓީން މިހާރު ބާކީވެ، މިހާރު ދެން އާ ޕާޓީއެއް ހަދައިގެން ކުރިއަށްދެވޭތޯ އެ އުޅުއްވަނީ، ކުރިން ނެގި ރާޅުގަނޑު މި އޮތީ ހިނދިފައި، ދެން ބަލަންވީ އެ ރާޅުގަނޑުންނާއި ހިނދުނު ވަގުތުކޮޅުން އާންމު މީހާއަށް ހެޔޮ ގޮތެއް ވެއްޖެތޯ،" ޝަހީދު ވިދާޅުވި އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން މިދިޔަ އަހަރު މަގުމަތިން އެކި މީހުންނާ ސުވާލުކުރަމުން 1،039 މީހުންގެ ހިޔާލު ހޯދާފައިވެ އެވެ. އެ ދިރާސާއިން ވެސް ދައްކަނީ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ސިޔާސީ ޕާޓީތަކާއި، ސިޔާސީ މީހުން ދެކެ ފޫހިވެފައިވާ މިންވަރެވެ. އިތުބާރެއް ނެތެވެ.
ފެހި ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކޮމިޓީގައި އިންނެވި އިބްރާހިމް އިސްމާއީލް (އިބުރާ) ވިދާޅުވީ 15 އަހަރުގެ ތަޖުރިބާއަށް ފަހު މިއަދު ގިނަ ދިވެހި ރައްޔިތުންގެ ކަންބޮޑުވުމަކަށް އޮތް ކަމަކީ ވެސް ވޯޓުދޭ ހިތްވާ ކެންޑިޑޭޓަކު މިހާރު ނުފެނުމެވެ.
ސިޔާސީ މަސްރަހުން މި ފެންނަނީ އެ ބަދަލެވެ.
"ގިނަ މީހުންގެ މި ކަންބޮޑުވުން އެބަ ފެނޭ، މިހެން ދައްކާ ވާހަކަތަކަށް ބަލާއިރުގައި، ހަރު މީހުން ވެސް، ދޮށީ އުމުރުގެ މީހުން ވެސް، މެދު އުމުރުގެ މީހުން ވެސް، ޒުވާނުންގެ ތެރޭގައި އަދި މި ފްރަސްޓްރޭޝަން ބޮޑު،" މަންދު ކޮލެޖުގެ ބާނީ އިބްރާ، އޭނާގެ ހިޔާލު ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.
އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ވިދާޅުވީ ސިޔާސީ މަސައްކަތާއި ޑިމޮކްރެސީއާ މެދު ރައްޔިތުން ފޫހިވި ސަބަބަކީ އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ ލީޑަރުންގެ އަމަލުތައް ހުރުމެވެ.
"ސިޔާސީ ކަންކަމަށް ރައްޔިތުން ވަރަށް ބޮޑަށް ފޫހިވެފައި ތިބީ، ކޮންމެ ޕާޓީއަކުން ވެރިކަމަށް އައި ނަމަވެސް ބަދަލުނުވާނެ ކަމުގެ ވިސްނުމެއް އައިސްފައި މި އޮތީ، ސިޔާސީ ގޮތުން ބާރުވެރި މީހާއަށް ވަކި ގޮތެއް، ނިކަމެތި މީހާއަށް ވަކި ގޮތެއް އޮތް ތަން އަދިވެސް މި ފެންނަނީ،" އުޝާމް ވިދާޅުވި އެވެ.
ފުރަތަމަ ތިން ރިޔާސީ އިންތިހާބަށް ފަހު ސާފުވެގެން އައި އަނެއް ކަމަކީ، އެއް ސިޔާސީ ޝަހުސިއްޔަތަކަށް އަދި އެއް ސިޔާސީ ޖަމާއަތަކަށް އެކަނި ފުރިހަމަ އަޣުލަބިއްޔަތުގެ ތާއީދު ހޯދަން ދަތި ކަމެވެ. ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ 50 އިންސައްތަ އަދި އިތުރު އެއް ވޯޓުގެ ރޮނގު ހުރަސް ކުރެވެން އަންނަނީ އިތުރު ސިޔާސީ ވެރިންނާއި ޖަމާއަތްތަކާ ގުޅިގެންނެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކެވި ސިޔާސީ ދާއިރާގެ މާހިރުންނާއި، ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން ސިފަކުރައްވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިއުލާން ކުރުމަކީ މިހާރު ވިޔަފާރި އުސޫލުން ހިނގާ ކަމެކެވެ. 2018 ވަނަ އަހަރު އެކުލަވާލި ސަރުކާރުގައި ބައިވެރިވެފައިވާ ސިޔާސީ ވެރީންގެ ތާއީދު 2023 ވަނަ އަހަރު ވެސް ހޯއްދަވަން ރައީސް އުޅުއްވުމުން މި ވާހަކަތައް ފުރަތަމަ ވިދާޅުވި ބޭފުޅަކީ ނަޝީދެވެ.
ރައީސް ސޯލިހު މަސައްކަތްޕުޅު ކުރެއްވި ސިޔާސީ މަޝްވަރާތައް ނަޝީދު އޭރު ސިފަކުރެއްވީ "ޓްރާންސިޝަނަލް ޕޮލިޓިކިސް" ގެ މުއާމަލާތްތަކެއްގެ ގޮތުގަ އެވެ.
"ފުރަތަމަ ބުރުގައި ގިނަ ޕާޓީތަކުން ވާދަކުރީމައި ދެން ދާނީ ދެވަނަ ބުރަކަށް، އޭރަށް ކޯލިޝަން ހަދާނީ ތާއީދު ބޮޑު ޕާޓީއަކާއެކު، ސަރުކާރުގައި ހިއްސާ ދޭން ވާހަކަ ދެކެވޭނީ އެ ޕާޓީއަކަށް ލިބުނު ވޯޓެއްގެ ނިސްބަތަކަށް، އެހެން ވިޔަފާރީގެ މުއާމަލާތަކަށް އެ ބަދަލުވަނީ،" ނަޝީދު އޭރު ވިދާޅުވެފައި ވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބުނު ނާކާމިޔާބީއަށް ފަހު ޕާޓީގެ އެތެރޭގައި ސަރުކާރާ ދެކޮޅު ހަރަކާތްތައް ނަޝީދު އަޑީގައި ހުންނަވައިގެން ހިންގެވި އެވެ. ދެން ފެނުނު ކަމަކީ އެމްޑީޕީން އެއިން ބަޔަކު ވަކިކުރާން އުޅުމުން، އެންމެން ޕާޓީން ނުކުމެ އާ ޕާޓީއެއް އުފެއްދުމެވެ. އާ ޕާޓީއާއެކު ނަޝީދު ކުރިއަށް ނެރުއްވި ހިޔާލަކީ ސަރުކާރާ ދެކޮޅަށް ވާދަވެރިން އެއް ކެންޑިޑޭޓަކު ނެރުމުގެ ހިޔާލެވެ.
ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއާއި، އެމްއެންޕީއާއި، ޖުމްހޫރީ ޕާޓީން ގެންދިޔައީ އެންމެ ބޮޑު އިދިކޮޅު އިއްތިހާދު ޕީޕީއެމް/ޕީއެންސީން އެ ކަމަށް ރުހުމެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ފަރުދާގެ ފުރަގަހުގައި ހިނގަމުން ދިޔަ މަޝްވަރާތަކުގެ ސަބަބުން ވާދަކުރާ ކެންޑިޑޭޓުން ސާފުނުވާ ހިސާބަށް ގޮސްފި އެވެ. އެމްއެންޕީގެ އުޝާމް އެ ކަމަށް އެއްބަސްވެވަޑައިގެން ވާހަކަ ދެއްކެވި އެވެ.
"ރަށްރަށަށް ދާއިރު ވަރަށް ގިނަ މީހުން ކުރާ ސުވާލެއް އެއީ، ކަލޭމެންގެ ޕާޓީގެ ކެންޑިޑޭޓުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ހެއްޔެވެ؟ އިންތިހާބުގައި ކުރިމަތިލާ މީހުން ނޭނގޭ އިރެއްގައި ތާއީދުކުރާނެ މީހަކު ނޭނގި، އެ ފޫހި ކަމުގައި ވެސް ރައްޔިތުން އެބަ ތިބޭ،" ކެމްޕޭން ދަތުރުތަކުގައި ކުރެވޭ ތަޖުރިބާ އުޝާމް ހިއްސާ ކުރެއްވި އެވެ.
ޑިމޮކްރެސީއާއި ހެޔޮ ވެރިކަމުގެ ނިޒާމުގެ އިލްމުގެ ތަގުރީރުތައް ވެސް ދެއްވާ ޑރ. ޝަހީދު ވެސް ގަބޫލުކުރައްވަނީ ރިޔާސީ އިންތިހާބުގައި އެހާ ސީރިއަސް ނޫން ކެންޑިޑޭޓުންތަކެއް ވެސް މި ފަހަރު ފެންނަ ކަމަށެވެ. ކޯލިޝަންގެ ބައި ހޯދުމުގެ ވިޔަފާރިއަކަށް އެ ކަން މުޅިން ބަދަލުވެފައިވާ ކަމަށެވެ.
"މިނިވަން އިންތިހާބެއްގައި ދުރާލާ އެނގެން ޖެހޭ، ކެންޑިޑޭޓުން، އެހެންވިޔަކަސް ކެންޑިޑޭޓުން ނެރުމަކީ މިހާރު ވިޔަފާރިއަކަށްވީ، އެއީ ވިޔަފާރީގެ މުއާމަލާތެއް، ތިމަންނަމެނަށް ކިތައް މަގާމުތޯ، ދައުލަތުގެ ކިހާ ވަސީލަތެއްތޯ، ކިހާ ބިމެއް، ރަށެއްތޯ، އެއް ގޮތަކަށް ވެސް ސިޔާސަތުތަކުގެ ވާހަކައެއް ވެސް ނޫން،" ޝަހީދު ވިދާޅުވި އެވެ.
ޕާޓީތަކުން ރަށްރަށުގައި ގޮފިތަކެއް ހަދައި، ގޮފިތަކުގެ ހަރަކާތްތައް ހިންގަން ޖަގަހަތަކެއް ބެހެއްޓުމުގެ ބޭނުމަކީ ވެރިންނާއި ރައްޔިތުންނާ ދެމެދު ވާހަކަ ދެކެވޭ މިންވަރު އިތުރު ކުރުމެވެ. ގުޅުމެއް އުފެއްދުމެވެ. އެއިން ރައްޔިތުންގެ އުދާސްތަކާއި ހުރި ގޮންޖެހުންތައް ސާފު ކުރުމެވެ. މީގެ އިތުރަށް، މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތަކަށް އިލްމީ ބަހުސްތަކެއް ވެސް ކުރެވުމެވެ.
އިންސާނީ ހައްގުތަކުގެ ދާއިރާގައި މަސައްކަތްކުރައްވާ އަހުމަދު މުހައްމަދު (ފޯމީ) ގެ ނުކުތާއަކީ ވެސް 2008 ވަނަ އަހަރު ހޯދެވުނު އިންގިލާބަށް ފަހުގައި ސިޔާސީ ޕާޓީތަކުގެ ފުރިހަމަ ދައުރު އަދާ ނުކުރެވުމެވެ.
"ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ މަންދޫބުން، ވެރިން، ދެމެދު މި ހިނގާ ކޮންވަޒޭޝަަނަކީ ދޮރުން ދޮރަށް ހިނގާއިރު ގެއަށް އައިސް އެ ވަންނަ ގަޑި، އޭގެ ބޭރުންނެއް މި ޑިބޭޓުތަކެއް ނުހިނގާ، ގޮފިތަކުގައި، ޖަގަހަތަކުގައި އެ ބަހުސްތަކެއް ނުހިނގާ، އިންތިހާބަށް ފަހު އެއްވެސް ގުޅުމެއް ނޯވޭ،" ފޯމި ވިދާޅުވި އެވެ.
ކުރިން ބޭއްވި އިންތިހާބުތަކުގައި އެމްޑީޕީގެ ކެމްޕޭން މެނޭޖު ކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ އަމްރު ގަބޫލުކުރައްވާ ގޮތުގައި ވެސް ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވާ ނިޒާމުގައި ރާއްޖޭގައި އަމަލުކުރަން ފެށި ފަހުން މަދުވެގެން ދިޔަ ހަމައެކަނި ކަމަކީ، އިންތިހާބަށް އެކަނި ރައްޔިތުންގެ ހިޔާލުތައް ހޯދަން އުޅުމެވެ.
"މީގައި މަދުވާ ކަމަކީ އިންތިހާބު ނިމުމުން، އާންމު މީހުންނާ އެކުގައި، ސިޔާސަތުތަކާ ގުޅޭ ގޮތުން، ކައިރިކައިރީ، ގިނަގިނައިން، މަޝްވަރާ ހޯދުމުގެ ކަންކަން ކުރިއަށް ދިޔުން، ކޮންމެ ފަހަރަކު ވެސް އަޅުގަނޑުމެންނަށް އުޅެވެނީ އިންތިހާބެއް އައިމައި ރަށްރަށަށް ގޮސް ހިޔާލު ހޯދަން،" އަމްރު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު "ޖަޒީރާ ހޮޅުއަށި" ނަމުގައި މަޝްވަރާގެ ދެތިން ބައްދަލުވުމެއް ބޭއްވި އެވެ. އެއަށް ފަހުގައި އެއިން އެއްވެސް ކަމެއް ކުރިއަކަށް ވެސް ނުދެ އެވެ. އަލަށް ވޯޓުލެވޭ ބޮޑު ޖީލެއް އޮތް އިރު، އެ މީހުނާ ގުޅުން ބަދަހި ކުރަން މާ ބޮޑު މަސައްކަތްތަކެއް ނުކުރެވި އޮއްވައި، ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ ފަހުން އޭގެ އެއްވެސް ކަމެއް ދެން ނުފެނެ އެވެ.
"ސިޔާސީ އިސް ސަފުގައި މިހާރު ތިބި ވެރިންނާއި ޒުވާނުންނާ ގުޅުމެއް ނެތް، އެ ގުޅުން މިހާރު ވެފައި މި އޮންނަނީ ވަކި ބަޔެއްގެ ޖީބަށް ވަންނަ އެއްޗަކަށް، މިދިޔަ 10 އަހަރު ވެސް ފެނުނީ ވަރަށް ގިނަ ބަޔަކަށް ސިޔާސީ ވަޒީފާ އަދި ސަރުކާރު ކުންފުނިތަކުގެ ސްކޭލް ބޮޑުކޮށް ހަމަ ގިނަ ވަޒީފާ ދިނުން،" ކުރިން އޮތް ހުދުމުހުތާރު ސިފަތައް އަނެއްކާ ވެސް ފެންނަ ކަމަށް ޝަހީދު ވިދާޅުވި އެވެ.
ޝަހީދުގެ ހިޔާލަކީ އަމަލު ކުރެވޭ އެ ސިޔާސަތު ދޫކޮށްލުމެވެ. ނޫނީ ރައްޔިތުންގެ ބައިވެރިވުން ވަކި އިތުރެއް ނުވާނެ އެވެ. އަދި އަޑުއުފުލުމާއި މަޝްވަރާގެ މާލަންތަކެއް ގެނެވޭނީ، އަނެއްކާ ވެސް އިހުތިޖާޖާއި އަޑު އުފުލުމުގެ ސިޔާސީ ވިސްނުން އިސް ކުރެވިގެނެވެ.
"2003 ވަނަ އަހަރު ސިޔާސީ ޕާޓީތަކުގެ ނިޒާމު ގެނައީ އެންމެނަށް ބައިވެރިވެވޭ ހަމަހަމަ ސިޔާސަތުތަކެއްގެ ތެރެއިން އެ ބަޔަކަށް ހައްގުވާ ވަރެއް ލިބޭ މަގުތަކެއް ފަހިވެފައި އޮތުން، އެ ގޮތަކުން ރައްޔިތުންނަކަށް އެ ހައްގުވާ ކަމެއް ހަމަޖެހިގެނެއް ނުދިޔަ،" ޝަހީދު ވިދާޅުވި އެވެ.
އާ ގާނޫނު އަސާސީއަށް ވެރިކަމުގެ ނިޒާމު އިންގިލާބު ކުރަން އިންތިގާލީ މަރުހަލާއެއް ނެތި ދިޔުމަކީ ވެސް ކަންބޮޑުވުމެކެވެ. މިއަދު ފެންނަނީ ގިނަ ބަޔަކަށް ޑިމޮކްރެސީ އޭގެ ޒާތުގައި ފަރިތަކުރާނެ ގޮތާއި، އިހުތިޖާޖާއި ސިޔާސީ ހަރަކާތާއި، ސިޔާސަތުތަކުގެ ބަހުސް ކުރުމުގެ އޮނިގަނޑު އޮޅިގެން އުޅޭ ތަނެވެ. ކޮންމެ ފަރުދަކު ހިމެނޭހެން ދަސްކުރުމުގެ މަރުހަލާއެއްގައި މުޅި ގައުމު ތާށިވެފައި އޮތް ތަނެވެ. އަދި އެ އޮނިގަނޑުން ރައްޔިތު މީހާއަށް ހައްގު މިންވަރެއް ލިބޭނެ ކަމަކަށް ނުދެކުމުގެ މާޔޫސްކަމުގެ ތަސްވީރެކެވެ.
Comment