31 ޖުލައި 2023 - 00:21 1
ސާއިފް ޝިޔާދު
މިރޭ ބޭއްވި ޖަލްސާގައި ފައްޔޒު ވާހަކަ ދައްކަވަނީ. އޭނާ ވަނީ ވާދަވެރިންނަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވާފައި ---- ފޮޓޯ: އެމްޑީޕީ
31 ޖުލައި 2023 - 00:21 1
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕާޓީތަކުން ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެމްޕޭނަށް ހުރަސް ނާޅައި އެންމެ ފުރަތަމަ ކެންޑިޑޭޓެއް ދެއްކުމަށް ވިދާޅުވެ އެ ޕާޓީ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާދަވެރިންނަށް ބަހުގެ ހަމަލާއެއް ރައްދު ކުރައްވައިފި އެވެ.
"އަޅުގަނޑު އެބައޮތް ވާދަވެރިންނަށް ނަސޭހަތެއް އަރުވަން. އާދެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެންގެ ކެމްޕޭނަށް ހުރަސް ނާޅުއްވައި ކެންޑިޑޭޓެއް ދެއްކޭތޯ ބައްލަވާށޭ. ކެންޑިޑޭޓެެއް ދައްކަވާފައި ކެމްޕޭނައިގެން ކުރިއަށް ވަޑައިގަންނަވާށޭ. ހަގީގަތަކީ ރައީސް ސޯލިހުއާ ޗެލެންޖު ކޮށްލަން ނުކެރިގެން, ކެންޑިޑޭޓެއް ދައްކަން ނުކެރިގެން ދައްކާހާ ބޭކާރު މަންޒަރުތަކެއް މި ދައްކަވަނީ. އެހެން ނަހައްދަވާ," ފުވައްމުލަކުގައި ބޭއްވި ކެމްޕޭން ރެލީގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 2018 ގައި ރައީސް އިބްރާހިމް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ކެމްޕޭން ކުރައްވަން ޖެހުނީ އިދިކޮޅު ފަރާތްތަކުގެ ސަރުކާރެއް އޮތް ވަގުތު ނުހަނު ބިރުވެރިކަމުގެ ތެރޭގަ އެވެ. އެހެން ނަމަވެސް, މިއަދު އެ ހާލަތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި, އެމްޑީޕީގެ ރިޔާސީ ކެމްޕޭނަށް ހުރަސް އަޅާ ކަމަށް ވާނަމަ އެހެން އެއްވެސް ފަރާތަކަށް ރާއްޖޭގެ އެއްވެސް ރަށެއްގައި ކެމްޕޭން ނުކުރެއްވޭނެ ކަމަށް ވިދާޅުވެ ވާދަވެރިންނަށް ފައްޔާޒު މިރޭ ބަހުގެ ހަމަލާއެއް ވެސް އަމާޒު ކުރެއްވި އެވެ.
"ރައީސަކީ ވަރަށް ހިތްތިރި ބޭފުޅެއް. އަޅުގަނޑުމެންނަކީ އެހާ ހިތްތިރި ބައެއް ނޫން. އަޅުގަނޑުމެންގެ ކެމްޕޭނަށް ތާއަބަދު ހުރަސް އަޅާ ކަމަށް ވަންޏާ ދިވެހިރާއްޖޭގެ އެންމެ ރަށެއްގައި ވެސް އެ ބޭފުޅުންނަށް ކެމްޕޭން ނުކުރެއްވޭނެ. އެހެންމަ އެކަން ހުއްޓާލަން މިހާރު މިހާރަށް މި ދަންނަވަނީ," ފުވައްމުލަކުގައި މިރޭ އޭނާ ވިދާޅުވި އެވެ.
ފައްޔާޒު މިހެން ވިދާޅުވިއިރު ރައީސް ސޯލިހު ވަޑައިގަންނަވާ ބައެއް ރަށްރަށުގައި އެމަނިކުފާނާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ގެންދަނީ އަޑު އުފަލުމުންނެވެ. ފުވައްމަލުކުގައި ވެސް އިދިކޮޅު އިހުތިޖާޖު ކުރިއިރު ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް މީހުން ގެންގޮސްފައިވެ އެވެ.
އެމްޑީޕީ ރޫޅާލާނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ވެސް ފައްޔާޒު މިރޭ ހޫނު ރައްދެއް ދެއްވި އެވެ. ނަޝީދު ގެންދަވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓާ އެކު އައްޑޫއަށް ދަތުރުފުޅެއް ކުރައްވަމުންނެވެ.
"އަޅުގަނޑުމެން ރޫޅާއެއް ނުލެވޭނެ. އެ ބޭފުޅުން ވެސް ކުރަންވީ ކަމަކީ ބާތިލު ވޯޓަށް ވުރެ ގިނައިން ލިބޭތޯ މަސައްކަތް ކުރުން. ދޮގު ފާޑުފާޑުގެ ވާހަކަ ދައްކައިގެން މީހުންގެ ބޮލަށް އެރެން ނަހައްދަވާ. ރީތި ކެމްޕޭނެއް ކުރައްވާ," ޑިމޮކްރެޓްްސްގެ ރިޔާސީ ކެމްޕޭނަށް އަމާޒު ކުރައްވައި ފައްޔާޒު ވިދާޅުވި އެވެ.
މިރޭ ވެސް ފައްޔާޒު ވަނީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ދައްކަވަމުން ގެންދަވާ ވާހަކަ ތަކުރާރު ކުރައްވާފަ އެވެ. އަދި, ބައެއް ފަރާތްތަކުން އެމްޑީޕީއަށް ފުވައްމަލަކުގައި ކުރި ނުހޯދޭނެ ކަމަށް ބުނަމުންދިޔަ ނަމަވެސް އެ ޕާޓީން މެޖޯރިޓީ ނަގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ހިތަށް އަރަނީ ފުވައްމުލަކުން މިވަރު ވާއިރު މުޅި ރާއްޖޭން ކިހާ ހިސާބެއްގައި ބާއޭ އޮންނާނީ. އާދެ އެއްބުރުން ބޮޑުތަނުން އިރާދުކުރެއްވިއްޔާ ރައީސް އިތުރު ދައުރަކަށް ހޮވާފައި ނިންމާލާނީ," އޭނާ ވިދާޅުވި އެވެ.
Comment