Advertisement

ނަޝީދުގެ ދައުވަތަށް ގޮތެއް ނިންމަވާނީ ރިޔާސީ ކެންޑިޑޭޓު ޔާމީން: ޕީޕީއެމް

30 ޖުލައި 2023 - 22:34 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން؛ ނަޝީދު ދެއްވާ ދައުވަތްތަކަށް ގޮތެއް ނިންމެވުމުގެ ބާރު އޮންނާނީ ކެންޑިޑޭޓަށް ކަމަށް ބުނެފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ނަޝީދުގެ ދައުވަތަށް ގޮތެއް ނިންމަވާނީ ރިޔާސީ ކެންޑިޑޭޓު ޔާމީން: ޕީޕީއެމް

30 ޖުލައި 2023 - 22:34 0

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް ޕީޕީއެމް ވުމަށް، ޑިމޮކްރެޓްސްގެ އެއް ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ދައުވަތަށް ގޮތެއް ނިންމުމުގެ ބާރު އޮންނާނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޔާމީން މި ވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގަ އެވެ. އެހެން ނަމަވެސް ޔާމީންގެ ކެންޑިޑެސީ ފޯމުގެ މަސައްކަތް ފަށައި، އެމަނިކުފާނުގެ ރަނިން މޭޓަކަށް ކުރީގެ ނައިބު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ހަމަޖައްސަވައިފަ އެވެ.

މިރޭ އައްޑޫ ސިޓީ ހިތަދޫގައި ޑިމޮކްރެޓްސް އިން ބޭއްވި ކެމްޕޭން ޖަލްސާގައި، ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ކުރީގެ ރައީސް ނަޝީދު ފުރަތަމަ ވެސް އިޝާރާތް ކުރެއްވީ ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ނެތް ކަމެވެ. އެހެންވެ އިލްޔާސްގެ ރަނިން މޭޓަކަށް ވުމަށް ޕީޕީއެމަށް ދައުވަތު ދެއްވި އެވެ.

ނަޝީދު ދެއްވި ދައުވަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ވޯޓު ކަރުދާހުގައި ޔާމީންގެ ނަން އޮންނާނެ ކަމުގެ އުންމީދު ކަނޑާލަން އަދިވެސް އަވަސް ކަމަށެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން، އަދި މިހާރު ކެންޑިޑޭޓު އެ ވަނީ ރަނިން މޭޓު ވެސް އިހުތިޔާރު ކުރައްވާފައި، އަޅުގަނޑުމެން މި ތިއްބެވީ އެ ރޫހުގައި މަސައްކަތް ކުރައްވަން،" ޝިޔާމް ވިދާޅުވި އެވެ.

ޔާމީނަކީ އަދިވެސް އެ ޕާޓީގެ ކެންޑިޑޭޓު ކަން ފާހަގަ ކުރެއްވުމަށް ފަހު ޝިޔާމް ދެން ވިދާޅުވީ ނަޝީދު ދެއްވާ ދައުވަތުތަކާ މެދު ގޮތެއް ނިންމެވުމުގެ ބާރު އޮތީ ވެސް ޔާމީނަށް ކަމަށެވެ.

"އަޅުގަނޑުމެން އަމިއްލައަކަށް ނޫން އެ ކަން [ކެންޑިޑޭޓުގެ ނިންމުންތައް] ނިންމަނީ. އެމަނިކުފާނަކީ ޕާޓީގެ ރައީސަށް ވެސް ވެފައި, ރިޔާސީ ކެންޑިޑޭޓަށް ވީމައާ އެކީ, ދެން މިވަގުތު ޖަލު ހުކުމެއްގައި ހުންނެވިއަސް, އެމަނިކުފާނު އެ ކަން [ދައުވަތު ގަބޫލުކުރުމާއި ނުކުރުމަށް] ނިންމަވާނީ،" ޝިޔާމް ވިދާޅުވި އެވެ.

ރަނިން މޭޓު ވެސް އެ ނިންމެވީ އެމަނިކުފާނު، ހާލަތާ ގުޅޭ ގޮތުން, ކެންޑިޑެސީއާ ގުޅޭ ގޮތުން ނިންމަވަން ޖެހޭ ނިންމެވުމެއް ނިންމާނީ އެމަނިކުފާނު،

ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފަ އެވެ. އިސްތިއުނާފު އަވަސް ކުރަން ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު މަތިން ދުސްތޫރީ މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ކޯޓަށް ބަލައިނުގަތެވެ.

ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.

އިލްޔާސްގެ ރަނިން މޭޓަކަށް ވުމަށް ނަޝީދު ޕީޕީއެމަށް ދައުވަތު ދެއްވިއިރު، އިލްޔާސްގެ ރަނިން މޭޓަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހަމަޖައްސަން އުޅޭ ކަމަށް ޑިމޮކްރެޓްސްގެ މަޖިލިސް މެންބަރަކު "އަދަދު" އަށް މިއަދު ކަށަވަރު ކޮށްދެއްވި އެވެ.