Advertisement

ރޯގާ ޖެހިގެން މިދިޔަ ދެ ދުވަހު އޭޑީކޭ އާއި އައިޖީއެމްއެޗަށް 1،300 އަށް ވުރެ ގިނަ މީހުން ދައްކައިފި

30 ޖުލައި 2023 - 14:49 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރޯގާ ފެތުރިގެން އައިޖީއެމްއެޗަށް ގިނަ އަދަދެއްގެ ބަލި މީހުން ދައްކަން އައިސް އުޅެނިކޮށް؛ އައިޖީއެމްއެޗާއި އޭޑީކޭއަށް މި ދެ ދުވަހު ރޯގާ ޖެހިގެން 1،300 އަށް ވުރެ ގިނަ މީހުން ދައްކައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ރޯގާ ޖެހިގެން މިދިޔަ ދެ ދުވަހު އޭޑީކޭ އާއި އައިޖީއެމްއެޗަށް 1،300 އަށް ވުރެ ގިނަ މީހުން ދައްކައިފި

30 ޖުލައި 2023 - 14:49 0

މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ހޮޑު ލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރެން ފެށި ފަހުން މާލޭގެ މައި ދެ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭއާއި އައިޖީއެމްއެޗަށް 1،300 އަށް ވުރެ ގިނަ ބަލި މީހުން ދައްކާފައިވާ ކަން އެނގިއްޖެ އެވެ.

އައިޖީއެމްއެޗުން "އަދަދު" ނޫހަށް ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހު އެ ހޮސްޕިޓަލަށް ހޮޑުލުމާއި ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ ޖެހިގެން 500 އަށް ވުރެ ގިނަ ބަލި މީހުން ދައްކާފައިވެ އެވެ. އަދި އިއްޔެ 400 އަށް ވުރެ ގިނަ މީހުން އެ ހޮސްޕިޓަލަށް ދައްކާފައިވެ އެވެ.

އޭޑީކޭއިން ހިއްސާކުރި މައުލޫމާތަކީ ހުކުރު ދުވަހު އެ ހޮސްޕިޓަލަށް ދެއްކި ބަލި މީހުންގެ އަދަދަކީ 334 އެވެ. އަދި އިއްޔެ 133 މީހުން ދައްކާފައިވެ އެވެ. މިއަދު ހެނދުނު 9:00 ޖަހަން ދެކަށް 30 މީހުން ދައްކާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެހެންކަމުން ދެ ހޮސްޕިޓަލަށް މިދިޔަ ދެ ދުވަހު 1،300 އަށް ވުރެ ގިނަ މީހުން މި ވަނީ ދައްކައިފަ އެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކުއްލިއަކަށް މާލޭގައި ބަލި އިތުރުވީ ނޯރޯވައިރަސްގެ ސަބަބުންނެވެ. އަދި މިއީ ހަލުވި ކަމާއެކު ގައިންގަޔަށް އަރާ ރޯގާއެއް ކަމުން ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެ އެޖެންސީން އިލްތިމާސްކުރެ އެވެ.

މި ވައިރަހަކީ ބަންދު ތަންތަނުގެ އިތުރުން ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ހަލުވިކަމާ އެކު ފެތުރޭ ވައިރަސްއެއް ކަމުން އެޗްޕީއޭއިން ވަނީ މީހުން ގިނަ ތަންތަނަށް ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭއިން ވަނީ، ބަލީގެ އަލާމާތްތައް ފެންނަ ނަމަ ގޭގައި މަޑުކުރުމާއި, އަލާމާތްތައް ހުއްޓޭތާ 24 ގަޑިއިރު ނުވަނީސް ކައްކާ, ކާން ހަދައިދިނުން ފަދަ ކަންކަން ނުކުރުމާއި, ގިނަގިނައިން އަތްދޮވުން އަދި, ބަލި ޖެހިފައިވާ މީހާ ހޮޑުލާ, ނުވަތަ ބޭރަށް ހިންގާތަން ސާފުކޮށް, ޑިސްއިންފެކްޓް ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

މާލޭގައި ކުއްލިއަކަށް ބަލި ގިނަވެފައި މިވަނީ, މިނިވަން ދުވަހާ ގުޅިގެން, ގިނަ ބަޔަކު އެއްވެ ހަރަކާތްތައް ބާއްވާފައި ވަނިކޮށެވެ. އެގޮތުން, މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު އެއްވެ, އެކި ކަހަލަ ހަރަކާތްތައް ބާއްވާފައިވެ އެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މާލެ ސަރަހައްދުގައި މި ރޯގާ ފެތުރޭތާ ދެ ހަފްތާ ވެއްޖެ އެވެ.