ގދ. ފަރެސް މާތޮޑާގައި ދެ އަންހެނަކު ހިނގާފައި ދަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
މިއަދާ ހިލާފަށް އިހު ދިވެހިންނަކީ ދީނީ ގޮތުން މާ ހޭލުންތެރި ބައެއް ނޫނެވެ. ވުމާއެކު އަހަރުމެން ގަބޫލުކުރާ ކުރުންތައް ވެސް އެ ކަހަލަ ގޮތަކަށެވެ. އަހަރުމެންނަށް ދިމާވާ ކޮންމެ ކަމަކީ ޖިންނި ސައިތާނުންނާއި ހަންޑިތައް ފަދަ ތަކެތީގެ ފަރާތުން ކުރިމަތިވާ ކަންކަމެވެ. އެކަންކަމުން އަހަރުމެން ސަލާމަތް ވުމަށްޓަކައި ވެސް ފަންޑިތަ ހެދުމާއި ތަވީދު އެޅުން ފަދަ ކަމެއް ނޫނީ ނުކުރެ އެވެ. ނަމަވެސް ތަންތަން ކަނޑައިގެން ދިޔުމާއި ތަންތަން ބިނދުން ފަދަ ކަންކަމުގައި ދިވެހި ބޭސް ކޮށްއުޅެ އެވެ.
"ގައިކޮޅު ގައިގައި ދުރޭ" ބުނެ އުޅެނީ އެކަމަކުން ތިމާއަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކޮންމެ ކަމެއް ކުރަންޖެހޭ ހާލަތްތަކުގައެވެ. ނުވަތަ އެކަމެއް ކުރާއިރު ރޫހާނީ ފަރާތަކުން ސަލާމަތްވުމުގެ ބޭނުމުގަ އެވެ. ގައިކޮޅު ގައިގައި ދުރޭ ބުނެ ކަންތައްތައް ގިނައިން ކޮށްއުޅެނީ ހަވީރާއި ރޭގަނޑެވެ.
ގައިކޮޅު ގައިގައި ދުރުގައި ތިން ބަހެއް ވެއެވެ. އެއީ، ގައިކޮޅު، ގައިގައި، އަދި ދުރެވެ.
ގައިގޮޅު ގައިގައި ދުރުގައި ބުނެވޭ ވާހަކައަކީ ތިމަން އެބަ ކަމެއް ކުރަމެވެ. ވީމާ މި ތަނުގައި ތިބި ޖިންނި ޝައިތާނުން ތިމަންނައާ ދުރުވާށެވެ. ތިމަން ކުރާ ކަމަކުން ކަލޭމެންނަށް ލިބޭ ގެއްލުމަކުން އަހަރެން ސަލާމަތްވެގެން ވަމެވެ. މިހެން ބުނުމުން ދެން އެއިން އެއްޗަކަށް އަހަރުމެންގެ ފަރާތުން ގެއްލުމެއް ލިބުނުކަމުގައިވިޔަސް އޭގެ ޒިންމާ ތިމަން ނަގާކަށް ނުޖެހޭނެ އެވެ.
ގައިކޮޅު ގައިގައި ދުރު އާންމުކޮށް ބުނެއުޅޭ ކަންތައްތަކަކީ ގަޟާހާޖާ ކުރުން، އަތް ވީއްލާ އެއްޗެއް އެއްލުން، ބަދިގޭގައި ގެންގުޅޭ ފެންތެލި ފަދަ ތަކެތި އުކާލުން، ކުޅުޖެހުން، ގަހަކަށް އެރުން، ގަހެއްގައި ތޫނު އެއްޗަކުން ޖެހުން އަދި ވަލުތެރެއަށް ވަނުން ފަދަ ކަންތައްތަކުގަ އެވެ.
ދުއާއެއްގެ ގޮތުގައި ބޭނުންކުރަމުން އައި މިބަސްކޮޅު މިއަދު ވަނީ އަހުރެމެން ތެރެއިން އުވި ގޮސްފަ އެވެ. އިހު ތިބީން އަޅުގަނޑުމެންނަށް ގައިކޮޅު ގައިގައި ދުރު ކިޔަން ދަސްކޮށްދީ އުޅުނީ, މިހާރު އަހަރުމެންކުރާ ކޮންމެ ކަމެއްގައި ބިސްމި ކިޔާ އުސޫލުންނެވެ. ނުވަތަ އެކަމަކަށް ހާއްސަ ދުއާއެއް ކިޔާ ފަދައިންނެވެ. މިހާރުގެ މައިންބަފައިން ދަރިން ގާތު ފާހާނާއަށް ވަންނަން ވީމާ "މި ދުއާ ކިޔާށޭ، ނުކުމެފައި މި ދުއާ ކިޔާށޭ" ބުނާ ފަދައިންނެވެ.
އަހުރެންގެ މަންމައަކީ އިބުރާހީމް ކަލޭފާނުގެ ދޮށީ ދަރި ދޮން ކަނބުލޯއެވެ. ރަށްރަށުގައި އެންމެ ހޭލުންތެރި މީހުންގެ ތެރޭގައި ކަލޭފާނުން ހިމެނެ އެވެ. އަޅުގަނޑުމެން ކުޑައިރު ގެއިން ބޭރަށް ނެރޭއިރު ގައިކޮޅު ގައިގައި ދުރު، އަޅުގަނޑު ލައްވައި މަންމަ ކިޔުއްވަ އެވެ. އަދި ރޭގަނޑު ކޮންމެ ކަމެއް ދިމާވެގެން ގެއިން ބޭރަށް ނުކުންނަށް ޖެހުނަސް މި ގޮވެލި ގޮވާލާފައި ނޫނީ ބޭރަކަށް ނުނިކުމެވޭނެ އެވެ.
Comment