Advertisement

ނާޒިމްގެ ރަސްމީ އިންތިހާބީ އެޖެންޓަކަށް މެމްބަރު އުޝާމް

25 ޖުލައި 2023 - 12:05 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ނާޒިމްގެ ރަސްމީ އިންތިހާބީ އެޖެންޓަކަށް ހަމަޖެއްސެވި އުޝާމް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ނާޒިމްގެ ރަސްމީ އިންތިހާބީ އެޖެންޓަކަށް މެމްބަރު އުޝާމް

25 ޖުލައި 2023 - 12:05 0

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ރަސްމީ އިންތިހާބީ އެޖެންޓަކަށް އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހަމަޖައްސައިފި އެވެ.

ނާޒިމްގެ އެޖެންޓުގެ ގޮތުގައި އުޝާމް ހަމަޖެއްސިކަން އުޝާމް ވަނީ "އަދަދު" އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

އުޝާމަކީ މީގެ ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ. މިއީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ފުރަތަމަ ދައުރެވެ. އުޝާމް ފާހަގަކުރެއްވެނީ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް މަސައްކަތް ކުރައްވާ މެމްބަރެއްގެ ގޮތުގަ އެވެ.

މިއީ ރިޔާސީ އިންތިހާބެއްގައި ނާޒިމް ވާދަކުރައްވާ ފުރަތަމަ އިންތިހާބެވެ. އަމިއްލަފުޅަށް އުފެއްދެވި އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމް ހޯއްދެވީ ނިމިދިޔަ ޖެނުއަރީ 14، ގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އިތުރު ބޭފުޅަކު ވާދަނުކުރެއްވުމުން ވޯޓަކާއި ނުލަ އެވެ.

ސިފައިންނާއި ފުުލުހުން ހިންގި މިއުޓިނީއެއްގެ ތެރެއިން 2011 ވަނަ އަހަރު އެއިރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހު ހިނގައިދިޔަ ކަންތައްގަނޑުގައި، ކުރިން ސިފައިންގެ ކާނަލެއްގެ މަގާމުގައި ހުންނެވި ނާޒިމް ބޮޑު ދައުރެއް އަދާކުރެއްވި އެވެ. އޭގެ ފަހުން، އޭނާ ވަޑައިގަތީ އަލަށް އުފެދުނު ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ މަގާމަށެވެ.

ރިޔާސީ ރޭހަށް ނުކުންނެވުމަށްފަހު މި މަހުގެ 19، ގައި ނާޒިމް ވަނީ ޕީޕީއެމް ރުހޭ ނަމަ، އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެވަޑައިގެންފަ އެވެ. އެކަމަށް އެއްބަސްވީ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއެކު ބޭއްވި ބައްދަލުވުމަކަށްފަހެވެ.

"އަޅުގަނޑުމެން އަދި ޕީޕީއެމާއި އެމްއާރުއެމް ވެސް ވާހަކަ ދައްކާނަން. މި ކަމަށް އެއްބަސްވެވޭތޯ، އަޅުގަނޑުމެން ތިން ޕާޓީން ބޭނުންވަނީ އެއް ކެންޑިޑޭޓަކު ނެރެން މި ރިޔާސީ އިންތިހާބަށް،" ޖޭޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވެސް ހުންނެވި ގާސިމް އެ ބައްދަލުވުމަށްފަހު ވިދާޅުވި އެވެ.

ނަމަވެސް، ޕީޕީއެމުން ވަނީ އެ ތިން ޕާޓީގެ ހުށަހެޅުމަށް ރައްދުދީ.، ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަކީ އެއްބަސްވެވޭ ކެންޑިޑޭޓަކަށް ހަމަޖެއްސުމަށް ހުށަހަޅައިފަ އެވެ. ޕީޕީއެމްގެ ނުރުހުމާއެކު އިދިކޮޅު އަނެއް ތިން ޕާޓީން ވެސް ވަނީ އަނބުރާ ރިޔާސީ ކެމްޕެއިނަށް ނުކުމެފަ އެވެ.