Advertisement

ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތަށް އަރަބިއްޔާ ބަދަލުކޮށްފި

25 ޖުލައި 2023 - 09:08 1

ކުރިން ދަރުމަވަންތަ ސްކޫލް ހިންގި އިމާރާތް، އަރަބިއްޔާ ސްކޫލް ހިންގަން ތައްޔާރުކޮށްފައި. ފައިލް ފޮޓޯ: އަދަދު


ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތަށް އަރަބިއްޔާ ބަދަލުކޮށްފި

25 ޖުލައި 2023 - 09:08 1

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ނިމެންދެން އެ ސްކޫލް ހިންގާނެ އިމާރާތެއްގެ ގޮތުގައި، ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތް ހަމަޖައްސައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެޅި އަރަބިއްޔާގެ 10 ބުރީގެ އިމާރާތުގައި ރެނދުލައި، ބޭނުން ނުކުރެވޭ ވަރުވުމުން އަރަބިއްޔާގެ ކިޔެވުން ބަދަލުކުރީ ފޮރިން މިނިސްޓްރީ ހިންގަން ވަގުތީ ގޮތުން އެޅި އިމާރާތަކަށެވެ. ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުން އަންނަ އަރަބިއްޔާ ހިންގަން އެއީ ޖާގައިގެ ގޮތުން އެކަށީގެންވާ ތަނެއް ނޫނެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަރަބިއްޔާ ސްކޫލް މިހާރު ހިންގަމުން އަންނަ އިމާރާތަކީ ޖާގައިގެ ގޮތުން ވަރަށް ދަތި ތަނަކަށް ވާތީ ދަރުމަވަންތަ ހިންގި އިމާރާތަށް އެ ސްކޫލް ބަދަލުކުރާނެކަން އަރަބިއްޔާގެ ބެލެނިވެރިންނަށް ކުރިން އަންގާފައި ވާނެ ކަމަށެވެ.

"އެއީ [ދަރުމަވަންތަ ސްކޫލް ހިންގި އިމާރާތަށް އަރަބިއްޔާ ބަދަލުކުރީ] އާ އިމާރާތް ނިމެންދެން،" މިނިސްޓަރު ވިދާޅުވި އެވެ.

އަރަބިއްޔާ ހިންގަން، ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތް ލިބުނީ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް މިހާރު ނިމިފައިވާތީ އެވެ. ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތުގައި އަރަބިއްޔާ ހިންގަން ފެށުމަށް އެތަނުގެ އާބާތުރަ ފިލުވައި، އަރަބިއްޔާގެ ކުލައަށް އެ އިމާރާތުގެ ކުލަ ވެސް ވަނީ ބަދަލުކޮށްފަ އެވެ.

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން ބާ ޖަމާލުއްދީން ހުރި ބިމުގައި މަޝްރޫއު ފަށާފައިވެ އެވެ.