Advertisement

އިދިކޮޅު ލީޑަރުންނަށް ކުރަނީ ގްރީން ޒޯނުގައި މުޒާހަރާ ކުރުމާއި ފުލުހަށް ކިޔަމަން ނުވުމުގެ ތުހުމަތު

24 ޖުލައި 2023 - 18:59 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ ފަސް ބޭފުޅަކު ޖުމްހޫރީ މައިދާނުގައި އިހުތިޖާޖަށް އިށީނދެ ތިބި މަންޒަރު؛ މި ފަސް ބޭފުޅުން މިއަދު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އިދިކޮޅު ލީޑަރުންނަށް ކުރަނީ ގްރީން ޒޯނުގައި މުޒާހަރާ ކުރުމާއި ފުލުހަށް ކިޔަމަން ނުވުމުގެ ތުހުމަތު

24 ޖުލައި 2023 - 18:59 0

މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި އިށީނދެ ތިބެނިކޮށް ފުލުހުން ހައްޔަރު ކުރި، ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ ފަސް ބޭފުޅުން ފުލުހަށް ހާޒިރުކޮށް ކުރި ތުހުމަތަކީ ގްރީން ޒޯނު އޭރިއާގައި މުޒާހަރާ ކުރަން އުޅުމުގެ ތުހުމަތު ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

އެ ދުވަހުގެ ހަވީރު އިދިކޮޅު ކޯލިޝަންގެ އެ ލީޑަރުން އެ ތަނުގައި ތިއްބައި، ސްޕެޝަލް އޮޕަރޭޝަންސް ފުލުހުން ގޮސް ވަނީ އެ މީހުން ހައްޔަރުކޮށްފަ އެވެ. ހައްޔަރުކޮށްފައި އިރުކޮޅެއް ވަންދެން ބޭތިއްބުމަށް ފަހު ދޫކޮށްލީ ތަހުގީގަށް ފަހުން ހާޒިރުވުމަށް ޝަރުތު ކުރުމަށް ފަހެވެ.

މިއަދު އެކި ވަގުތުތަކުގައި އެ ބޭފުޅުން ހާޒިރުކޮށްފައިވެ އެވެ.

  • މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު - ހެނދުނު 10:00
  • ޕީއެންސީގެ ނައިބު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް - ހެނދުނު 11:00
  • ޕީއެންސީގެ ނައިބު، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު - މެންދުރު 12:00
  • ޕީޕީއެމްގެ ނައިބު، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް - މެންދުރު 1:00
  • ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު - ހަވީރު 4:00

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ފުލުހުން ކުރި ތުހުމަތުތަކީ ފުލުހަށް ކިޔަމަންތެރި ނުވުމާއި، ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ އިތުރަށް ގްރީން ޒޯނުގައި މުޒާހަރާ ކުރަން އުޅުން ކަމަށެވެ.

ފުލުހުން އެ ކުރާ ތުހުމަތުތަކަށް ޝިޔާމް އިންކާރު ކުރެއްވި އެވެ.

"އަޅުގަނޑުމެން ބަޔަކު އެއްކޮށްގެން މުޒާހަރާ ކުރާކަށް ނޫޅެން، އަޅުގަނޑުމެންގެ ހިޔާލުފާޅުކޮށް އެކަކު އަނެކަކަށް ވާހަކަ ދައްކަން ތިބީ، އަދި ފުލުހުން ހަމަ އަމުރުކުރާ އިރަށް އެ ތަނުން ތެދުވެ ފުލުހުންނާ އެކު ޖިޕަށް ގެންގޮސްލީއިރު ވެސް އެއްބާރުލުން ދިނިން،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ މައިދާނުގައި އިށީނދެ ތިބެ ވާހަކަ ދައްކަން ތިއްބައި އެ ތަނުން ދިޔުމަށް ނުވެސް އެންގޭނެ ކަމަށެވެ.

އިދިކޮޅު ލީޑަރުން ޖުމްހޫރީ މައިދާނަށް ވެދެވަޑައިގެން އިށީނދެ ތިއްބެވީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުލުމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އާދީއްތަ ދުވަހުން ފެށިގެން އޮގަސްޓް 7، ގެ މެންދުރުފަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ. ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނަށް ވާދައެއް ނުކުރެވޭނެ އެވެ.

އެމަނިކުފާނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި މަޑުޖެހިފައިވަނީ މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމަށް ފަހު އެވެ. އަދި ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށް އޭގެ ޝަރީއަތް ދަށު ކޯޓުގައި އެބަ ދެ އެވެ.

ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ވެސް މައްސަލައެއް ވެއްދެވި އެވެ. ނަމަވެސް އެ ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ. އެ މައްސަލަ ފަނޑިޔާރުންގެ މަޖިލިހަށް އިސްތިއުނާފު ކުރުމާ މެދު ވަކީލުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ނެރޭނެ ކެންޑިޑޭޓަކާ ގުޅޭ ގޮތުން ފާޅުގައި ވާހަކަ ދައްކަން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން އަންނަނީ ދެކޮޅު ހަދަމުންނެވެ. އެ ކަމުގެ މަޝްވަރާ އެތެރޭގައި ކުރެވެމުންދާއިރު، ކެންޑިޑޭޓާ މެދު އަދި ޕީޕީއެމުން އިންތިހާބުގައި ވާދަކުރުމާ މެދު ހިޔާލު ތަފާތުވުންތަކެއް އެބަ އުޅެ އެވެ.

ސާޅީސްހާހެއްހާ މެންބަރުން ތިބި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ބުނަމުން އަންނަނީ ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ހައްގު ލިބެން ޖެހޭ ކަމަށެވެ.