Advertisement

މަރުގެ ހުކުމެއް އޮތް ކުޑަކުއްޖެއްގެ "ވާނުވާ" ބަންދަށް ގާނޫނު އޮތްގޮތުން ކްރިމިނަލް ކޯޓުން ފަރުވާއެއް ނުދެވުނު!

24 ޖުލައި 2023 - 12:30 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކްރިމިނަލް ކޯޓު އިމާރާތް؛ ކުޑަކުއްޖަކަށް އިއްވާފައިވާ މަރުގެ ހުކުމަކާ ގުޅިގެން އޭނާ ހުރި "ވާނުވާ" ބަންދަށް އެ ކޯޓުން ފަރުވާއެއް ނުދެވޭނެ ކަމަށް ހުކުމްކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މަރުގެ ހުކުމެއް އޮތް ކުޑަކުއްޖެއްގެ "ވާނުވާ" ބަންދަށް ގާނޫނު އޮތްގޮތުން ކްރިމިނަލް ކޯޓުން ފަރުވާއެއް ނުދެވުނު!

24 ޖުލައި 2023 - 12:30 0

ފެބްރުއަރީ 19، 2012 ގައި ސައިކަލެއްގެ މަތީގައި އިންދާ ގ. ވޭރު އަބްދުލް މުހީތު މަރާލި މައްސަލާގައި އޭރު 18 އަހަރު ނުފުރޭ ސ. މަރަދޫ، ކުރުދުމާގެ، އަލީ އަތޫފުގެ މައްޗަށް އެންމެ ފަހުން ކޯޓަކުން ކޮށްފައިވާ ހުކުމަކީ ޖުވެނައިލް ކޯޓުން އޭނާއަށް މަރުގެ އަދަބު ދިނުމަށް ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓި ހުކުމެވެ.

"އަލީ އަތޫފު ބަންދުގައި ބަހައްޓާފައި ހުރީ ހައި ކޯޓުން ކޮށްފައިވާ ހުކުމުގެ ބާރުގެ ދަށުން ކަމަށް ބުނާނަމަ އަލީ އަތޫފު ބަންދުގައި އެ ހުރީ ގާނޫނީ ގޮތުން ތަންފީޒު ނުކުރެވޭނެ ހުކުމެއް ތަންފީޒު ކުރުމަށް ޓަކަ އެވެ. އެ ހުކުމުގެ ދަށުން އަލީ އަތޫފު ބަންދުގައި ހޭދަކުރަން ޖެހޭ މުއްދަތެއް ނޭނގޭނެ އެވެ. މިނިވަން ވާނެ އިރެއް ނޭނގޭނެ އެވެ. ހަގީގީ ވާނުވާ ބަންދަކީ މިއީ ކަމަށް ދެކެމެވެ."

ކްރިމިނަލް ކޯޓަށް އަލީ އަތޫފުގެ ފަރާތުން ހެބިއަސް ކޯޕަސްގެ އަމުރަކަށް އެދި ހުށަހަޅާފައިވާ މައްސަލާގައި، އެ ކޯޓުން ކުރި ހުކުމުގައި، ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ރައުޔުގައި ވަނީ މިހެނެވެ.

އަލީ އަތޫފްގެ މައްޗަށް މަރުގެ އަދަބުގެ ހުކުމެއް އިއްވާފައިވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރީގެ ތާރީހުގަ އެވެ. އެ ގާނޫނުގައި ބުނާ ގޮތުން ކުޑަކުއްޖަކު ކުރާ ޖިނާއީ ކުށަކަށް މަރުގެ އަދަބެއް ކަނޑަނޭޅޭނެ އެވެ.

ހުކުމް ނިހާއީ ކުރަން ވެގެން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރި ނަމަވެސް، ދައުލަތުން ވަނީ އުފުލާފައިވާ ދައުވާ އަނބުރާ ގެނެސްފަ އެވެ. ދައުލަތުން ބުނެފައި ވަނީ މައްސަލަ އަނބުރާ ގެނައީ، ގާނޫނުގައިވާ ގޮތުގެ މަތިން ރިހެބިލިޓޭޝަން އަމުރު ނެރެ، އެ ކަން ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި ކަމަށެވެ.

ކްރިމިނަލް ކޯޓުން މި މައްސަލާގައި ކުރި ހުކުމުގައި ވަނީ އަލީ އަތޫފުގެ މައްޗަށް ޖުވެނައިލް ކޯޓުން ހުކުމް ކުރި އިރު ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދުގައި ނެތް ނަމަވެސް އެ ގާނޫނުން ލިބިދޭ ލުއިތައް އަލީ އަތޫފަށް ވެސް ލިބިދޭން ޖެހޭ ކަމަށެވެ.

ގާނޫނު އަސާސީގެ 54 ވަނަ މާއްދާއާ ހަވާލާދީ، ކުށް ކުރި އިރު އަމަލުކުރި ގާނޫނަށް ފަހުގެ ތާރީހެއްގައި އިސްލާހެއް ގެނެސްފިނަމަ ނުވަތަ އާ ގާނޫނަކަށް އެ ހާލަތު ފެތޭނަމަ އެއިން އަދަބު ކަނޑައަޅާނީ ލުއި އަދަބު ހިމެނޭ އިރުގެ ގާނޫނީ ނުކުތާގެ ދަށުން ކަމަށެވެ.

ދެން ފާހަގަކޮށްފައިވާ ކަމަކީ ރިހެބިލިޓޭޝަން އަމުރަކީ މީހަކު ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ކަނޑައެޅޭނެ ހައިސިއްޔަތު ލިބިގެންވާ އަމުރެއް ނޫން ކަމަށެވެ. އަދި, އެ އަމުރަކީ ހައި ކޯޓުގެ ހުކުމާ ފުށު އަރާ އަމުރެއް ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދުގެ ރައުޔަކީ އޭނާ މިނިވަން ކުރަން ޖެހުން ކަމަށްވީ ނަމަވެސް ގާޒީ އިސްމާއީލް ޝަފީއާއި ގާޒީ އިބްރާހިމް ޒިހުނީގެ ރައުޔަކީ ޖުވެނައިލް ކޯޓުން ނެރެފައިވާ ރިހެބިލިޓޭޝަން އަމުރުގައި ގޯސްތަކެއް އުޅޭނަމަ ޖެހޭނީ އިސްތިއުނާފީ މަރުހަލާއިން އެ ކަމަށް ފަރުވާ ހޯދުމެވެ.

އެހެން ނޫންނަމަ ޝަރުއީ ތަރުތީބު އޮޅޭނެ އެވެ. އެހެންވެ ކްރިމިނަލް ކޯޓުން އެ ކަމަށް ފަރުވާ ދެވެން ނެތް ކަމަށް، މައްސަލަ ބެއްލެވި ގާޒީންގެ އަޣުލަބިއްޔަތުން ހުކުމް ކުރި އެވެ.