24 ޖުލައި 2023 - 10:17 0
މުހައްމަދު އުޝާމް
ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ ފަސް ބޭފުޅަކު ޖުމްހޫރީ މައިދާނުގައި އިހުތިޖާޖަށް އިށީނދެ ތިބި މަންޒަރު؛ މި ފަސް ބޭފުޅުން މިއަދު ފުލުހަށް ހާޒިރުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
24 ޖުލައި 2023 - 10:17 0
މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި އިށީނދެ ތިބެނިކޮށް ފުލުހުން ހައްޔަރު ކުރި، ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ ފަސް ބޭފުޅަކު މިއަދު އެކި ވަގުތުތަކުގައި ފުލުހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފި އެވެ.
އެ ދުވަހުގެ ހަވީރު އިދިކޮޅު ކޯލިޝަންގެ އެ ލީޑަރުން އެ ތަނުގައި ތިއްބައި، ސްޕެޝަލް އޮޕަރޭޝަންސް ފުލުހުން ގޮސް ވަނީ އެ މީހުން ހައްޔަރުކޮށްފަ އެވެ. ހައްޔަރުކޮށްފައި އިރުކޮޅެއް ވަންދެން ބޭތިއްބުމަށް ފަހު ދޫކޮށްލީ ތަހުގީގަށް ފަހުން ހާޒިރުވުމަށް ޝަރުތު ކުރުމަށް ފަހެވެ.
އެ މީހުން ހާޒިރުވުމަށް ފުލުހުން އަންގާފައިވާ ވަގުތުތައް ޕީޕީއެމުން ދެންމެ ވަނީ ހިއްސާކޮށްފަ އެވެ.
އިދިކޮޅު ލީޑަރުން ޖުމްހޫރީ މައިދާނަށް ވެދެވަޑައިގެން އިށީނދެވަޑައިގެންނެވީ އިދިކޮޅު ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީން އިންސާފުވެރި ޝަރީއަތެއް ހޯދުމާއި ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެ މަނިކުފާނު ވާދަކުރަން ފުރުސަތު ހޯދަން ކަމަށް ބުނެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އާދީއްތަ ދުވަހުން ފެށިގެން އޮގަސްޓް 7، ދުވަހުގެ މެންދުރުފަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ. ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނަށް ވާދައެއް ނުކުރެވޭނެ އެވެ.
އެމަނިކުފާނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި މަޑުޖެހިފައިވަނީ މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމަށް ފަހު އެވެ. އަދި ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށް އޭގެ ޝަރީއަތް ދަށު ކޯޓުގައި އެބަ ދެ އެވެ.
ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ވެސް މައްސަލައެއް ވެއްދެވި އެވެ. ނަމަވެސް އެ ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ. އެ މައްސަލަ ފަނޑިޔާރުންގެ މަޖިލިހަށް އިސްތިއުނާފު ކުރުމާ މެދު ވަކީލުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ނެރޭނެ ކެންޑިޑޭޓަކާ ގުޅޭ ގޮތުން ފާޅުގައި ވާހަކަ ދައްކަން ޕީޕީއެމްގެ ލީޑާޝިޕުން ދަނީ ދެކޮޅު ހަދަމުންނެވެ. އެ މަޝްވަރާތައް އެތެރޭގައި ކުރެވެމުންދާއިރު، ކެންޑިޑޭޓަކާ މެދު ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަން ވެސް ވަނީ އެނގިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment