24 ޖުލައި 2023 - 05:39 0
ފާތިމަތު ސާޔާ އަހުމަދު
ޕުޓިން އަދި ލުކަޝެންކޯ. -- ފޮޓޯ: އޭއެފްޕީ
24 ޖުލައި 2023 - 05:39 0
ވާގްނާ ގްރޫޕުގެ މެމްބަރުން ބެލަރޫސްއަށް ފޮނުވާލި ފަހުން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ފުރަތަމަ ފަހަރަށް ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯއާ ބައްދަލުކުރައްވައިފި އެވެ.
ބެލަރޫސްއިން އާއްމުކުރި ވީޑިއޯއަކުން ފެންނަނީ ރަޝިއާގެ ސެއިންޓް ޕީޓާޒްބާގްގެ ގަނޑުވަރެއްގައި ދެ ލީޑަރުން ބައްދަލުކުރައްވާ މަންޒަރެވެ.
ރަޝިއާ ސިފައިން ފަހަތަށް ޖެއްސުމަށް ޔޫކްރެއިނުން ފެށި ވަރުގަދަ އޮޕަރޭޝަން ފެއިލްވެފައިވާ ކަމަށް އެ ބައްދަލުވުމުގައި ޕުޓިން ވިދާޅުވި އެވެ.
ރަޝިއާގެ ސިފައިންގެ ވެރިންނާ ދެކޮޅަށް އަސްކަރީ ބަގާވާތެއް ހިންގަން އުޅުމުން ބެލަރޫސްއަށް ފޮނުވާލި ކުލީ ސިފައިންގެ ގްރޫޕު ވާގްނާގެ މެމްބަރުން ތިބީ ގައުމުގެ މެދުތެރޭގައި ކަމަށް ލުކަޝެންކޯ ވިދާޅުވި އެވެ.
ވާގްނާގެ މެމްބަރުން އެހެން ހިސާބުތަކަށް ދާން ބޭނުންވި ނަމަވެސް އެއްބަސްވި ގޮތަށް ބެލަރޫސްގެ މެދުތެރޭގައި ތިބި ކަމަށާއި ހާލަތު ކޮންޓްރޯލްވެފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ވާގްނާ ސިފައިން ތިބީ "ގޯސް މޫޑެއްގައި" ކަމަށް ފާހަގަ ކުރެއްވި އެވެ.
އެގޮތުން އެ މީހުން ބޭނުންވަނީ ޕޮލޭންޑަށް އެތެރެވެ "ކަންތައްތަކެއް ހިންގަން" ކަމަށް ލުކަޝެންކޯ ވިދާޅުވި އެވެ. އެހެން ނަމަވެސް، އެއީ ސީރިއަސްކަމާ އެކު ދެއްކެވި ވާހަކައެއް ކަމެއް ސާފެއް ނޫނެވެ.
ޕޮލޭންޑަކީ ނޭޓޯގެ މެމްބަރު ގައުމަކަށްވާ އިރު، ޕޮލޭންޑުގެ ފަސްގަނޑަށް އަރައިފި ނަމަ ނޭޓޯގެ އެހެން ގައުމުތަކުން ރައްދުގައި ހަމަލާ ދިނުމުގެ ފުރުސަތު އޮންނާނެ އެވެ.
ޕޮލޭންޑުން މިހާރު ވެސް ވަނީ ބެލަރޫސްއާ ގުޅޭ ބޯޑަރު ވަރުގަދަ ކުރަން އިތުރު ސިފައިން ފޮނުވައި ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.
Comment