23 ޖުލައި 2023 - 09:40 0
މުހައްމަދު އުޝާމް
23 ޖުލައި 2023 - 09:40 0
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގައި ދައުވާކޮށްފައިވާ ސަން ކުންފުނިތަކުގެ ވަކީލުން އެހެން ޝަރީއަތަކަށް މިއަދު ހާޒިރުވާން ޖެހޭތީ، ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ހިޔާނާތުގެ ޝަރީއަތް ނުބޭއްވި ކެންސަލް ކުރަން ޖެހިއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ހިމެނޭ އެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނާއި ކްރިކް ރިޒާގެ އިތުރަށް ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
އޭގެ ތެރެއިން ކްރިކްގެ ބައި ވަގުތީ ގޮތުން އަނބުރާ ގެނެސް މިހާރު ކުރިއަށް ދަނީ ޔާމީން އަދި ސަންގެ ދެ ކުންފުނީގެ ބައެވެ. އެ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ބާކީ ދެ ހެކިން ހާޒިރުކުރުމަށް މިއަދު ތާވަލުކޮށްފައިވީ ނަމަވެސް ދިފާއީ ވަކީލުންނަށް ހާޒިރުނުވެވޭތީ ވަނީ ކެންސަލްކޮށްފަ އެވެ.
"ސަން ކުންފުނިތަކުގެ ދިފާއީ ވަކީލުން އެހެން މައްސަލައަކަށް ހާޒިރުވާން އޮތީމަ، ކެންސަލް ކުރަން ޖެހުނީ،" މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމްގެ ސެކްޝަނުން ބުންޏެވެ.
ހެކިބަސް ނުނެގި އޮތް ދެ ހެކިވެރިންގެ ހެކިބަސް ނެގުމަށް މިދިޔަ ބުރާސްފަތި ދުވަހު ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް ލަންކާ އެމްބަސީގައި އިންޓަނެޓް ކަނެކްޝަންގެ މައްސަލަތަކެއް އުޅޭތީ އެކަކުގެ ހެކިބަސް ނުނެގުނެވެ. އަނެކަކުގެ ހެކިބަސް ނުނެގުނީ، ހައި ކޮމިޝަން އޮންނަ ގައުމުތަކުގައި އެ ތަނުން ބައިވެރިވާން ގާނޫނުގައި އޮއްވައި، ސައުދީގެ ކޮންސިއުލްގައި ހުރެގެން ޝަރީއަތުގައި ބައިވެރިވުމުންނެވެ.
މި މައްސަލާގައި ދައުލަތުގެ ހެކިންގެ ގޮތުގައި ސަން ކުންފުނިތަކުގެ ވެރިޔާ އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި އެމްޑީއޭގެ ނައިބު ރައީސް އަހަމަދު މައުރޫފުގެ ނަން ވެސް ހުށަހެޅި އެވެ. ނަމަވެސް، ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް އެ ދެ ބޭފުޅުން ވެސް ސިޓީއެއް ފޮނުވާފައިވާތީ، ދައުލަތުން ވަނީ އެ ދެ ބޭފުޅުންގެ ހެކިބަސް ދޫކޮށްލައިފަ އެވެ.
ކޯޓްގައި މި މައްސަލަ ހިނގަމުންދާއިރު، ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި އެމަނިކުފާނަށް އިއްވި ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވެ އެވެ. ނަމަވެސް ހައި ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން މި ވަގުތަށް އިސްތިއުނާފު މައްސަލަ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަން އަރުވާފައިވާ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
ރިޒާގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަކުން ސަން ކޮންސްޓްރަކްޝަނަށް 1.1 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ މެއި 29، 2016 ގަ އެވެ. "އިންހައުސް ޓްރާންސްފާ" އެއް ގޮތަށް ސަން އިންވެސްޓްމަންޓުން ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރީ ޖޫން 7، 2016 ގަ އެވެ.
އަދި ހަމަ އެ ތާރީހުގައި އެ ފައިސާއަށް އަށްސަތޭކަ ޑޮލަރު އިތުރުކޮށްފައި އިސްލާމިކް ބޭންކުގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.
ޔާމީނާއި ކްރިކް ރިޒާ އަދި ސަންގެ ކުންފުނިތަކުން ބުނާ ގޮތުން ރ. ފުއްގިރި ކުއްޔަށް ދިނުމަށް ހިނގާފައިވާ މުއާމަލާތާއި ޔާމީނާއި ސަންގެ ކުންފުނިތަކާ މެދު ހިނގާފައިވާ މުއާމަލަތަކީ މުޅިން އެހެން މުއާމަލާތެއް ކަމަށެވެ. އެއީ ސަންގެ ކުންފުންޏަކާ ދެމެދު ހިނގި ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެ ކަން ސާބިތު ކުރަން ދިފާއީ ހެކިތަކެއް ވެސް ހުށަހަޅާފައިވެ އެވެ.
Comment