Advertisement

ދޮންލަވީޒާއި ދޮންމަލަވީޒާ ދެކޮޅަށް އިސްކަންދަރު ރަދުން ކުރެއްވި ހަނގުރާމަ

21 ޖުލައި 2023 - 13:24 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ދޮންލަވީޒާއި ދޮންމަލަވީޒާ ދެކޮޅަށް އިސްކަންދަރު ރަދުން ކުރެއްވި ހަނގުރާމަ

21 ޖުލައި 2023 - 13:24 0

އަހަރަކީ 1648 ވަނަ އަހަރެވެ. އެއީ ދިވެހި ތަޚުތައް އައްސުލްޠާން އިބްރާހިމް އިސްކަންދަރު (އެއްވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބުވަނަ މަހާރަދުން އިސްކުރި އަހަރެވެ. ޢުމުރުން އެންމެ 28 އަހަރުގައި ދިވެހި ތަޚުތައް އިސްވެ ވަޑައިގެންނެވި އިރުވެސް އިސްކަންދަރު ރަސްގެފާނަކީ ހަނގުރާމަމަތީ ހުނަރުތައް ލިބިވަޑައިގެންހުންނެވި ޢަދުލުވެރި، އިންސާފުވެރި ޒުވާނެއްކަމަށް މަޝްހޫރު ބޭކަލެކެވެ. ދިވެހި ތާރީޚުގެ ބައްޕަ ޙަސަން ތާޖުއްދީން އެމަނިކުފާނު ސިފަކުރައްވާފައިވަނީ، "މީސްތަކުން މި ރަސްކަލުންގެ އަރިހުން ކަނޑި އާއި އައްޑަނަ އާއި ދުނިދަނޑި އާއި ބޮޑުބަޑި އާއި އޮޅުލުމުގެ ހެވިކަން ދަސްކުރި"ކަމުގައެވެ.

ކޮންމެއަކަސް، ވެރިކަމަށް އިސްކުރެއްވިތާ އެންމެ ދެ މަސްދުވަހުގެ ތެރޭ މި ހުރިހާ ހެވިކަމެއްގެ ބޮޑު އިމްތިޙާނެއް އެ ރަސްގެފާނަށް ކުރިމަތިވެއްޖެއެވެ. ނަޞާރާ ދީން ޤަބޫލުކުރައްވައި ގޯވާއަށް ވަޑައިގެންނެވިކަމަށް ނުވަ ވަނަ ޙަސަން ރަސްގެފާނު (ފަހުން ދޮމް މެނުއެލް Dom Manoel)ގެ ދެ ކާފަ ދަރިންކަމުގައި ބުނެވޭ ޑޮމް ލުއީޒް ޑިސޯޒާ (Dom Luis de Souza)އާއި ޑޮމް މަނުއެލް މަލަވީސް (Dom Manoel Malavis) ޕޯޗިގީޒުންގެ ބޮޑު ލަޝްކަރެއް ގޮވައިގެން ރާއްޖެއާ ހަނގުރާމަކޮށް ވެރިކަން އަތުލަން އަތުވެއްޖެއެވެ.

މިހާ ހިސާބުން މި މީހުންގެ ވާހަކަ ކޮންމެވެސް ވަރަކަށް ދައްކާލަން އެބަޖެހެއެވެ. ނުވަ ވަނަ ހަސަން ރަސްގެފާނު ކްރިސްޓިއަން ދީން ޤަބޫލުކުރައްވައިގެން ގޯވާއަށް ވަޑައިގެންނެވި ހިސާބުން އެތަނުގައި އެ ޙަސަން ރަސްގެފާނުންގެ ވާރިސުން ދިރިއުޅެމުންދިޔައީ ދިވެހި ރަދުންގެ ނަމުގައެވެ. ކޮލިވެސް ލައި އުޅުނީ ދިވެހި ގޮތަށެވެ. އެހެން ނަމަވެސް މިއީ ހަމައެކަނި ނަމެއްގައި އޮންނަ ކަމެކެވެ. އެގޮތުން މި ދޮމް ލުއީޒަކީ (ދިވެހި ތާރީޚު ފޮތްތައް ވުނަ ދޮންލަވީޒަކީ) 1639 ވަނަ އަހަރު އެ މަޤާމަށް ޢައްޔަންކުރި ކަމަށް އެފްރިކާ، އެމެރިކާ، އޯޝޭނިޔޭ އަދި އޭޝިޔާގެ ޝާހީ ޢާއިލާތައް ދިރާސާކުރާ ކްރިސްޓަފަރ ބަޔަރސް ވިދާޅުވެއެވެ.

ކޮންމެއަކަސް އިމާދުއްދީން ރަދުންގެ ވެރިކަން ނިމި، އިސްކަންދަރު ރަސްގެފާނު ތަޚުތައް އިސްވެވަޑައިގެންނެވި ދަނޑިވަޅަކީ، ރަނގަޅު ފުރުޞަތެއްކަމުގައި ދެކި މި ދޮންލަވީޒާއި ދޮންމަލަވީޒް އިސްވެތިބެ، ބޮޑު ލަޝްކަރެއް ގޮވައިގެން ރާއްޖެ ހިފަން އަތުވެއްޖެއެވެ. އެމީހުންނަށް އޮޅިފައި އޮތީ އިސްކަންދަރު ރަސްގެފާނުގެ ޝަޚުޞިއްޔަތެވެ. ރަސްގެފާނަކީ ލަޝްކަރުގެ ބޮޑުމިން ފެނި ފަސްޖެހިވަޑައިގަންނަވާ ފަދަ ބޭފުޅެއް ނޫނެވެ. "ފަރަންޖީ ނަޞާރާއިން" މާލޭ ބަނދަރާ ކައިރިކުރާ ޚަބަރު ލިބުމާއެކު އެ ރަސްގެފާނުގެ ތިން އަޚުންނާއި ވަޒީރުންގެ މަޝްވަރާ ހޯއްދަވައިފިއެވެ. ރަށް ދިފާޢުކުރުމަށް އެ ގުރާބުތަކަށް ހަމަލާދޭން ހުރިހާ ބޭފުޅުން ނިންމެވިއެވެ. އިސްކަންދަރު ރަދުންގެ ބައްޕާފުޅު ބޮޑުރަސްގެފާނުން ވަނީ މާލޭގެ ދިފާޢު ހަރުދަނާކުރެއްވުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން މާލޭގެ ވަށައިގެން ތޮށިލެއްވިއެވެ. ގަނޑުވަރާއި އިންވެގެން ކޯއްޓޭ ބިނާކުރެއްވިއެވެ. ކޯއްޓޭގައި ބޮޑު ބަޑި ބެހެއްޓުމަށް ބަޑި އާނގަ ހެއްދެވިއެވެ. ރަށުގެ އެކި ފަރާތްތަކުގައި ބަޑި ބުރުޒު ބިނާކުރައްވާ ދެ ބުރުޒު ދޭތެރޭ ފާރު ރޭނުއްވިއެވެ. އަދި އެ ފާރުގެ އެކި ދިމަ ދިމާލުގައި ދޮރުތަކާއި ބަޑިއާނގަތައް ލެއްވިއެވެ. އަދި މޮޅު މާލިމީއެއް އަސޭކަރައަށް ފޮނުއްވައިގެން ސާޅީސް އެއް ބޮޑު ބަޑި ހޯއްދެވިއެވެ. އަދި ރާއްޖެއަށް އުރޭ އޮޑިތަކުންވެސް ހަތިޔާރު ހޯއްދެވިއެވެ.

ދޮންލަވީޒާއި ދޮންމަލަވީޒް ހަނގުރާމަކުރަން ދިމާކުރި މާލެއަކީ އެމީހުންގެ ކާފަ ދޮންމެނުއެލް ދޫކޮށްދިޔަ މާލެއެއް ނޫނެވެ. އަޅުވަތެކަމުގެ ހިތި ފެނިފައި ތިބި ދިވެހިން، ދިވެހި ޤައުމުގެ މިނިވަންކަން ދިފާޢުކުރަން ތައްޔާރުކޮށްފައިވާ މާލެއެކެވެ. އެ މާލޭގައި ލަޝްކަރުގެ އިސްސަފުގައި މި ހުންނެވީ ހެވިކަމުގެ މާހިރެއްކަމުގައިވި ޒުވާން އިސްކަންދަރު ރަސްގެފާނެވެ. އަދި އޭރުވެސް އެއްވެސް ބަހަނާއެއް ދެއްކުމަކާ ނުލައި ދިވެހިން ދިޔައީ، އައްސުލްޠާން މުޙައްމަދުގެ ދުވަސްވަރުއްސުރެ ދައްކަމުންދިޔަ ޖިޒީވެސް ދައްކަމުންނެވެ. މިކަން ނުދަނެ މި މީހުން ހަމަލާ ދޭން އައުމުން، އިސްކަންދަރު ރަދުން މަރުޙަބާ ވިދާޅުވީ ބޮޑުބަޑިންނެވެ. ބުނެވޭ ގޮތުގައި އެ ހަނގުރާމައިގައި ދޮންމަލަވީޒުގެ ގަޔަށް އުންޑައެއް އަރައި މަރުވީއެވެ. އަދި ދޮންލަވީޒުގެ ގަޔަށްވެސް ހަމަލާއެއް އަރާ ޒަޚަމުވީއެވެ. ލަޝްކަރުގެ ގިނަ ބަޔަކު މަރުވެ، އެ ގުރާބުތަކައިގެން އެ ލަޝްކަރު އެނބުރި ގޯވާއަށް ދާންޖެހުނީއެވެ. އަދި މި ހަނގުރާމައިން ދިވެހިންނަށް ނަޞްރުލިބުމުން، ކަންނަންނޫރު އަލީ ރާޖާ އަށާއި، ގޯވާއަށް ދިވެހިން ދައްކަމުން ދިޔަ ޖިޒީ ދިނުންވެސް ދިވެހިން ހުއްޓާލީއެވެ.

އެހެން ނަމަވެސް އަދި މި ހިސާބުން ނިމުނިއްޔަކީ ނޫނެވެ. ޢަލީ ރާޖާއަކަށް މި ބަލި ޙަޖަމެއް ނުކުރެވުނެވެ. ރާއްޖެއިން ޖިޒީ ދިނުން ހުއްޓާލުމުން އެކަމާ ނުރުހުންވެ އަނެއްކާވެސް ލަޝްކަރެއް ފޮނުވައިފިއެވެ. އަދި ރާއްޖޭގެ ރަށްރަށައި އަރައި، ލޫޓުވައި ފޭރި، އަނިޔާކޮށް މިކަންކަން ކުރާ ޚަބަރު ލިބިވަޑައިގެން އިސްކަންދަރު ރަދުން އެ މީހުންނާ ދިމާކުރަން ނިކުމެވަޑައިގެންފިއެވެ. އިސާހިތަކު އެ މީހުންވެސް ބަލިވެ، އެނބުރި ދާން ޖެހިއްޖެއެވެ.

އަނެއްކާވެސް ރާއްޖެއާ ހަމަލާދޭން ޢަލީ ރާޖާ ބަޔަކު ފޮނުވިއެވެ. މި ފަހަރުވެސް ދިވެހި ލަޝްކަރުގެ މައްޗަށް އެމީހުންނަށް ކުރިއެއް ނުހޯދުނެވެ. ބަލިވުމުން އެނބުރިދަމުން ދިޔައީ ކުޑަފަރީ ހުކުރުމިސްކިތްވެސް އަންދާލާފައެވެ.

އިސްކަންދަރު ރަސްގެފާނަށް މި އުނދަގޫ ބޮޑުވެ، ނިންމެވީ ޢަލީ ރާޖާއަށް ރަނގަޅު ފިލާވަޅެއް ދެއްވުމަށެވެ. ކަންނަންނޫރުގެ ބާރުގެ ދަށުގައި އޮތް އަންދުރޯތުގެ ރަށްރަށަށް އަރައި "ޢަލީރާޖާގެ ލަޝްކަރީން ދިވެހިރާއްޖެއަށް އަރައި ކަންކުރާ ގޮތަށް ކަން ކުރާން" ޢަމުރުދީ އެމީހުން ފޮނުވައިފިއެވެ. އެމީހުން އެތަނުގައި ކުރާނޭހާ ކަމެއް ކޮށްފައި މާލެ އަކީ މަލިކުގެ ވެރި މީހާ އާއި އެތަނުގެ ބޮޑުން ވެސް ގޮވައިގެންނެވެ. އަދި އެތައް ދުވަހެއް ވަންދެން އެމީހުން ހައްޔަރުކޮށްގެން ގެންގުޅުމަށްފަހު މިނިވަންކުރީ، މަލިކުން ރާއްޖެއަށް ދޭ ވާރުގެ ގޮތުގައި އަހަރަކު 12 ލާރި ދިނުމަށް ޝަރުޠުކޮށްފައެވެ.

ދޮންމެނުއެލްގެ ޢާއިލާގެ އުނދަގޫ ދިވެހި ވެރިކަމަށް ކެނޑުނީ މި ހިސާބުންނޭ ދެންނެވިދާނެއެވެ. އަދި އެތައް ދުވަހެއް ވަންދެން ޢަލީ ރާޖާގެ އުނދަގުލެއްވެސް ރާއްޖެއަކަށް ނުކުރެއެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އިސްކަންދަރު ރަދުންގެ ދުވަސްވަރު މި ކުރި ހަނގުރާމަތަކަކީ ދިވެހި ތާރީޚުގައި އެއަށް ޙައްޤު މަޤާމު ނުދެވި އޮތް ހަނގުރާމަތަކެކެވެ. ގިނަ ފަހަރަށް އަޅުގަނޑުމެންގެ ރާޑަރަށް އަރަނީ ތާރީޚުގެ ތެރޭގައިވެސް ދިވެހިން އަޅުވެތިކަމަށް ވެއްޓުމަށް މެދުވެރިވި ހަނގުރާމަތަކާއި، އެ ދަތި ޙާލަތްތަކުން އަރައިގަތުމަށް ކުރި ޖިހާދުތަކެވެ. އެހެންނަމަވެސް އެފަދަ ޙާލަތަކަށް ޤައުމު ދިޔަ ނުދީ، ޤައުމަށް ނަޞްރު ހޯދައިދިން މި ފަދަ ހާދިސާތަކަށްވެސް އަހައްމިއްޔަތު ދޭން އެބަ ޖެހެއެވެ. ދޮންލަވީޒާއި ދޮންމަލަވީޒުގެ ހަނގުރާމައިގެ ވާހަކައަށްވެސް މި އަލިއަޅުވާނީ މި މަޤްޞަދުގައެވެ.