Advertisement

ޖުމްހޫރީ މައިދާނުން ހައްޔަރުކުރި އިދިކޮޅު ލީޑަރުން ތަހުގީގަށް ހާޒިރުވާން އެންގުމަށް ފަހު، ދޫކޮށްލައިފި

20 ޖުލައި 2023 - 22:33 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ޖުމްހޫރީ މައިދާނުގައި؛ ހައްޔަރުކުރި އެންމެން ދޫކޮށްލައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ޖުމްހޫރީ މައިދާނުން ހައްޔަރުކުރި އިދިކޮޅު ލީޑަރުން ތަހުގީގަށް ހާޒިރުވާން އެންގުމަށް ފަހު، ދޫކޮށްލައިފި

20 ޖުލައި 2023 - 22:33 0

އިހުތިޖާޖު ކުރުމުގެ ގޮތުން މިއަދު ހަވީރު ޖުމްހޫރީ މައިދާނަށް ވަދެ އިށީނދެ ތިބެނިކޮށް ފުލުހުން ހައްޔަރުކުރި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ދޫކޮށްލައިފި އެވެ.

ހައްޔަރުކުރީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގު، ޕީއެންސީގެ ނައިބުން ކަމަށްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި، މާލެ ސިޓީ ކައުންސިލްގެ މެމްބަރުން ކަމުގައިވާ އިބްރާހިމް ސުޖާއު އަދި އަހުމަދު އައިފާން އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް "އަދަދު" ނޫހަށް ވިދާޅުވީ އެ ހުރިހާ ބޭފުޅުން ވެސް މިހާރު ދޫކޮށްލާފައިވާއިރު ތަހުގީގަށް ބަޔާން ދިނުމަށް ޓަކައި އެކި ބޭފުޅުންނަށް އެކި ވަގުތު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި ޗިޓު ދީފައިވާ ކަމަށެވެ.

އިދިކޮޅު ލީޑަރުން މިއަދު ހަވީރު ޖުމްހޫރީ މައިދާނަށް ވެދެވަޑައިގެން އިށީނދެވަޑައިގެންނެވީ އިދިކޮޅު ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީން އިންސާފުވެރި ޝަރީއަތެއް ހޯދުމާއި، ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެ މަނިކުފާނު ވާދަކުރަން ފުރުސަތު ހޯދަން ކަމަށް ބުނެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާނީ އާދީއްތަ ދުވަހުންނެވެ. އެ ތާރީހަށް ދެން އޮތީ އެންމެ ދެ ދުވަހެވެ. ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނަށް ވާދައެއް ނުކުރެވޭނެ އެވެ.

އެމަނިކުފާނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި މަޑުޖެހިފައިވަނީ މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމަށް ފަހު އެވެ. އަދި، ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށް އޭގެ ޝަރީއަތް ދަށު ކޯޓުގައި އެބަ ދެ އެވެ.

ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ނެރޭނެ ކެންޑިޑޭޓަކާ ގުޅޭ ގޮތުން ފާޅުގައި ވާހަކަ ދައްކަން ޕީޕީއެމްގެ ލީޑާޝިޕުން ދަނީ ދެކޮޅު ހަދަމުންނެވެ. އެ މަޝްވަރާތައް އެތެރޭގައި ކުރެވެމުންދާއިރު، ކެންޑިޑޭޓަކާ މެދު ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަން ވެސް ވަނީ އެނގިފަ އެވެ.