Advertisement

އެއާޕޯޓު ޓެކްސީ ކިއުގެ މައްސަލަ ހައްލުކުރަން ފުލުހުން ނެރެފި

8 މޭ 2024 - 11:27 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލު ކައިރި ޓެކްސީއެއް: އެއާޕޯޓު ޓެކްސީ ކިއުގެ މައްސަލަ ހައްލުކުރަން ފުލުހުން ނެރެފި --- ފޮޓޯ: އަދަދު


އެއާޕޯޓު ޓެކްސީ ކިއުގެ މައްސަލަ ހައްލުކުރަން ފުލުހުން ނެރެފި

8 މޭ 2024 - 11:27 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއޫ އިން ޓެކްސީ ނުލިބުމުގެ މައްސަލައާއި ޑްރައިވަރުން އެކި އަގުތައް ނަގާ މައްސަލަ ހައްލުކުރުމަށް އިއްޔެއިން ފެށިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެއާޕޯޓު ޓެކްސީ ކިއޫ އާއި ޓެކްސީގެ އަގުތަކާ ގުޅިގެން ފުދޭވަރަކަށް ގިނަ ޝަކުވާތަކެއް އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

އޭގެ ތެރެއިން ބައެއް ޝަކުވާތައް ބެލުމަށް ބޭނުންވާ މައުލޫމާތު ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، ފުރިހަމައަށް މައުލޫމާތު ލިބިފައިވާ ޝަކުވާތަކާ ގުޅިގެން މައްސަލަ ބަލާ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ އެއާޕޯޓު ޓެކްސީތަކުގެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ އެމްއޭސީއެލްގެ ވެރިންނާއި ޕޮލިސް ކޮމިޝަނަރާ އެކީ އިއްޔެ ބައްދަލުވުމެއް ބާއްވާފަ އެވެ.

"މި މުއައްސަސާތަކާ މެދުގައި އެޕްރީލް 7، 2024 ގެ ވަގުތެއްގައި އަވަސް މަޝްވަރާތަކެއް ކުރެވި އެއާޕޯޓު ޓެކްސީ މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި އެދުވަހު ތަންފީކުރަން ފެށިފައިވޭ،" ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން އެ މައްސަލަ ހައްލުކުރުމަށް ޓެކްސީ ކިއޫ ބެލެހެއްޓުމަށް އިއްޔެއިން ފެށިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި ގަވާއިދާ ހިލާފުވާ ޓެކްސީތަކާމެދު މިހާރު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން، ޓެކްސީ ހިދުމަތްދޭ ބިދޭސީންނާ މެދު ހަރުކަށި ފިވަޅު އަޅާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.