Advertisement

ޖުމްހޫރީ މައިދާނުގައި ތިބި އިދިކޮޅު ލީޑަރުން ފުލުހުންގެ ވެހިކަލުގައި ގެންގޮސްފި

20 ޖުލައި 2023 - 18:04 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ފުލުހުން ޖުމްހޫރީ މައިދާނަށް ވަދެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވެހިކަލަށް އެރުވުމަށް ގެންދަނީ، ފުލުހުން ވަނީ އެތަނުގައި ތިބި އިދިކޮޅު ހުރިހާ ލީޑަރުން ވެހިކަލަށް އަރުވައިގެން ގެންގޮސްފައި -- ފޮޓޯ: ޝާބިން/އަދަދު


ޖުމްހޫރީ މައިދާނުގައި ތިބި އިދިކޮޅު ލީޑަރުން ފުލުހުންގެ ވެހިކަލުގައި ގެންގޮސްފި

20 ޖުލައި 2023 - 18:04 0

ޖުމްހޫރީ މައިދާނުގައި ތިބި ޕީއެންސީ/ޕީޕީއެމް ހިމެނޭ އިދިކޮޅު އިއްތިހާދުގެ ލީޑަރުން ފުލުހުންގެ ވެހިކަލުގައި ގެންގޮސްފި އެވެ.

އިދިކޮޅު ކޯލިޝަނުގެ އިސްވެރިން ޖުމްހޫރީ މައިދާނަށް މިއަދު އެއްވީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކެންޑިޑެސީ ފޯމު ހުށަހަޅަން ހުޅުވާލާ ތާރީހަށް ދެ ދުވަސް ވުމުން، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަކުރުމުގެ ޖާގަ ނުލިބޭތީ އެވެ.

ޖުމްހޫރީ މައިދާނަށް އެއްވީ ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގު، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު، ޕީއެންސީގެ ދެ ނައިބުން ކަމަށްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެވެ.

ފުލުހުން ވަނީ ދާދި ދެންމެއަކު ޖުމްހޫރީ މައިދާނަށް ވަދެ ހުރިހާ ބޭފުޅުން ފުލުހުންގެ ވެހިކަލަށް އަރުވާފަ އެވެ. އެވަގުތު އިދިކޮޅު ލީޑަރުން ދިޔައީ އެގޮތަށް އެބޭފުޅުން ދުރު ނުކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ.

ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.

އެހެންވެ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމު ދެމިއޮތްހާ ހިނދަކު އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައިވެ އެވެ.

ހުކުމުގެ އިސްތިއުނާފު މި ވަގުތު މަޑުޖެހިފައިވަނީ މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުންނެވެ. އެ މައްސަލާގައި ހަތަރު އަޑުއެހުމެއް ބޭއްވުމަށް ފަހު ދެން އަޑުއެހުމެއް ބާއްވާފައެއް ނުވެ އެވެ.

އޭގެ އިތުރަށް ރ. ފުއްގިރި ކުއްޔަށް ދޫކުރި ކަމަށް ބުނާ މައްސަލާގައި ޔާމީނާއި ސަންގެ ދެ ކުންފުންޏެއްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތްތައް ދަށު ކޯޓުގައި ކުރިއަށް އެބަ ދެ އެވެ. އެ މައްސަލާގައި ކައިރި ކައިރީ ގިނަ އަޑުއެހުންތަކެއް ދަނީ ތާވަލުކުރަމުންނެވެ.

އިދިކޮޅުން މިއަދު ޖުމްހޫރީ މައިދާނުގައި ސިޔާސީ ހަރަކާތެއް ހިންގާ އިރު، ޕީޕީއެމްގެ ސަރުކާރުގައި އޭރުގެ އިދިކޮޅުފަރާތްތަކުން އެތަނަށް އެއްވުމުގެ ފުރުސަތެއް ނުދެ އެވެ.