Advertisement

މި ދައުރު ނިމެންދެން ކޯލިޝަން ދަމަހައްޓާނަން: ރައީސް

20 ޖުލައި 2023 - 11:46 0

ނިމާ ހަސަން

ނިމާ ހަސަން

018ގެ އިންތިހާބަށް އުފެއްދި ކޯލިޝަންގެ އިސްވެރިން; މި ދައުރު ނިމެންދެން ކޯލިޝަން ދަމަހައްޓާނެ ކަމަށް ރައީސް ވިދާޅުވި


މި ދައުރު ނިމެންދެން ކޯލިޝަން ދަމަހައްޓާނަން: ރައީސް

20 ޖުލައި 2023 - 11:46 0

މި ދައުރު ނިމެންދެން, 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް ހެދި ކޯލިޝަން ދަމަހައްޓާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ހއ. މާރަންދުއަށް ވަޑައިގެން ރައީސް ވިދާޅުވީ, 2018 ވަނަ އަހަރު ރައްޔިތުން އިންތިހާބު ކުރީ ކޯލިޝަން ސަރުކާރެއް ކަމަށް ވާތީ މި ދައުރު ނިމެންދެން އެ ކޯލިޝަން ދަމަހައްޓަވާނެ ކަމަށެވެ.

އެ އަހަރުގެ އިންތިހާބަށް އުފެއްދި ކޯލިޝަނުގައި ހިމެނެނީ, އެމްޑީޕީ, ޖުމްހޫރީ ޕާޓީ, އަދާލަތު ޕާޓީގެ އިތުރުން އެމްއާރްއެމެވެ.

"އެ [ކޯލިޝަން] ދަމަހައްޓަމުން މިގެންދަނީ. ނޮވެމްބަރު މަހާ ހަމައަށް, މި ދައުރު ނިމި, އަނެއް ދައުރު ފެށެން ވަންދެން އެ ކޯލިޝަން ދަމަހައްޓާނަން. ނަމަވެސް މި އިންތިހާބަށް ކުރިމަތިލާއިރު އެ ކޯލިޝަނުގެ ބައެއް ބޭފުޅުން ދުރަށް ޖެހިވަޑައިގަންނަވައިފި. މައްސަލައެއް ނޫން އެއީކީ," ރައީސް ވިދާޅުވި އެވެ.

ކުރީގެ ކޯލިޝަނުން ބައެއް ބޭފުޅުން ދުރަށްޖެހިވަޑައިގެންނެވި ނަމަވެސް ރައްޔިތުންނަށް ކޮށްދޭ ކަންތައް, ގަބޫލުކޮށް, އިތުރު ކަންތައްތަކެއް ކޮށްދެވޭނެ ކަމަށް ގަބޫލުކުރާ ޕާޓީތަކެއް ތިބި ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ, މިފަހަރުގެ އިންތިހާބަށް އުފައްދާފައިވާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އަދި އެމްޑީއޭ އެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ރައީސް ސޯލިހާއި އެމްޑީޕީ އާއެކު ކުރިއަށްދާން ނިންމާފައިވީ ނަމަވެސް, ޖުމްހޫރީ ޕާޓީން ވަނީ, ވަކިން ވާދަކުރުމަށް ނިންމާފަ އެވެ.

ޖުމްހޫރީ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ކަނޑައަޅާ, ކެމްޕޭން ކުރަމުންދާއިރު, އެ ޕާޓީން ދަނީ އަލަށް އުފެއްދި ޑިމޮކްރެޓްސް އާއި އެމްއެންޕީ އަދި ޕީޕީއެމާއެކު ކޯލިޝަނެއް ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. ޖޭޕީން ވަކިން ވާދަކުރި ނަމަވެސް އަދިވެސް ޖޭޕީއަށް ލިބުނު ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ގިނަ ބަޔަކު އެބަތިއްބެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނެނު އެމްއާރްއެމުން ވެސް ވަނީ މި އިންތިހާބަށް ރައީސާއެކު ކުރިއަށް ނުދާން ނިންމާފަ އެވެ. ނަމަވެސް, އެމްއާރްއެމަށް ދިން ބައެއް ސްލޮޓްތަކުގައި ސަރުކާރު މަގާމުތަކުގައި އަދިވެސް ބައެއް މީހުން އެބަތިއްބެވެ. އެ ޕާޓީއަށް 3000 މެންބަރުން ހަމަނުވާތީ އުވާލަން ވެސް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ކޯލިޝަނުގެ އެންމެ ކުރީގައި އޮތް އެމްޑީޕީ ވެސް މިހާރު ވަނީ ބައިބައި ވެފަ އެވެ. އެގޮތުން އެ ޕާޓީގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދު ވަނީ އެ ޕާޓީން ވަކިވެވަޑައިގެން 'ދަ ޑިމޮކްރެޓްސް'ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާ, ރިޔާސީ އިންތިހާބަށް ކެމްޕޭން ފައްޓަވާފަ އެވެ. ރައީސް ނަޝީދާއެކު އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ އެ ޕާޓީން ވަކިވެފަ އެވެ.