Advertisement

ފުރާވަރު ކުދިން ހަބަރު ހޯދަނީ ޓިކްޓޮކުން: ދިރާސާ

21 ޖުލައި 2023 - 07:26 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ޓިކްޓޮކަކީ އާންމުގޮތެއްގައި ލުއި އަދި މަޖާ ކަންކަމަށް ހާއްސަ އެޕެއްގެ ގޮތުގައި ފެނިފައި ވިޔަސް، ކޮވިޑްގެ ސަބަބުން އެކަމަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވޭ


ފުރާވަރު ކުދިން ހަބަރު ހޯދަނީ ޓިކްޓޮކުން: ދިރާސާ

21 ޖުލައި 2023 - 07:26 0

ފުރާވަރުގެ ކުދިން ހަބަރު މައުލޫމާތު ހޯދުމަށް އެންމެ ގިނައިން ބޭނުންކުރާ ޕްލެޓްފޯމަކީ ޓިކްޓޮކް ކަމަށް އިނގެރޭސިވިލާތުގައި ކުރި ދިރާސާއަކުން ދައްކައިފި އެވެ.

އެގައުމުގެ މީޑިއާ ރެގިލޭޓާ އޮފްކޮމް އިން ކުރި ދިރާސާގެ ރިޕޯޓްގައި ވާގޮތުން، 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން 28 އިންސައްތަ ހަބަރު ހޯދުމަށް ބަލަނީ ޓިކްޓޮކެވެ. މިއީ އެހެން ޕްލެޓްފޯމްތަކާ އަޅާބަލާ އިރު ބޮޑު އަދަދެކެވެ.

މި އުމުރުގެ ކުދިން ހަބަރު އޮޅުން ފިލުވުމަށް ދެން އެންމެ ގިނައިން ބޭނުންކުރަނީ ޔޫޓިއުބާއި އިންސްޓަގްރާމްކަމަށް ދިރާސާއިން ދައްކަ އެވެ. އެއީ ބައިވެރިވި ކުދިންގެ 25 އިންސައްތަ އެވެ. ނަމަވެސް ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން ދެބަކުޅަ އެއްބައި ކުދިން ވަނީ، އާންމުކަންކަމުގެ ހަބަރުތަކަށް ޝައުގުވެރިކަން ނުހުންނަ ކަމަށް ބުނެފަ އެވެ.

މިކަމާއި ގުޅޭގޮތުން ރޫޓާސް އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ޖާނަލިޒްމް ގެ ސީނިއާ ރިސާޗް އެސޯސިއޭޓް، ނިކް ނިއުމޭން ވަނީ ސްކައި ނިއުސްއާ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނެފައިވަނީ ޓިކްޓޮކަކީ އާންމުގޮތެއްގައި ލުއި އަދި މަޖާ ކަންކަމަށް ހާއްސަ އެޕެއްގެ ގޮތުގައި ފެނިފައި ވިޔަސް، ކޮވިޑްގެ ސަބަބުން އެކަމަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ.

އަދި ކޮވިޑްގެ ދުވަސްވަރު ގިނަބަޔަކު އެވާހަކަ ވަރަށް ސީރިއަސްކޮށް ޓިކްޓޮކްގައި ދައްކަމުން ދިޔަކަމަށާއި، ގިނަ ބަޔަކު ގޭގައި ތިބުމުން މި ޓިކްޓޮކްތައް ބަލަން ވަގުތު ލިބުނުކަމަށެވެ. އަދި ސީރިއަސް ހަބަރުތައް ޓިކްޓޮކަށް އަންނަން ފެށި ގޮތަކީ މިއީ ކަމަށް އޭނާ ބުނެ އެވެ.

ނިއުމޭން އިތުރަށް ބުނެފައިވަނީ ފުރާވަރުގެ ކުދިންގެ ތެރޭގައި އެންމެ މަގުބޫލީ ފެޝަނާއި މަޝްހޫރު މީހުންގެ ހަބަރުތައް ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އިތުރު ހަބަރުތައް ވެސް ލިބެނޭކަން ފާހަގަކުރި އެވެ. މީގެ ކުރިން ކުރި ދިރާސާއަކުން ވަނީ، ޒުވާނުންގެ މެދުގައި ވެސް ހަބަރު ހޯދުމަށް ޓިކްޓޮކް ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަން ހާމަވެފަ އެވެ.