Advertisement

ބާސެލޯނާގައި ސާބިތުކޮށްދޭންޖެހޭ ކަންތައްތައް އެބަހުރި: ގުންޑޮގާން

19 ޖުލައި 2023 - 18:14 0


ބާސެލޯނާގައި ސާބިތުކޮށްދޭންޖެހޭ ކަންތައްތައް އެބަހުރި: ގުންޑޮގާން

19 ޖުލައި 2023 - 18:14 0

ބާސެލޯނާ (ޖުލައި 19) - ބާސެލޯނާއާ އެކު ވެސް މޮޅަށް ކުޅެ، ކާމިޔަބު ހޯދޭނެކަން ސާބިތުކޮށްްދޭން ބޭނުންވާ ކަމަށް އެ ޓީމާ އަލަށް ގުޅުނު ޖަރުމަންގެ މިޑްފީލްޑަރު އިލްކޭ ގުންޑޮގާން ބުނެފި އެވެ.

މިދިޔަ ސީޒަންގައި ގުންޑޮގާންގެ ކެޕްޓަންކަމުގެ ދަށުން މެންޗެސްޓާ ސިޓީން ވަނީ އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ތުރުކީގެ ދަރިކޮޅަށް ނިސްބަތްވާ ގުންޑޮގަން، 32، އެ ކްލަބު ދޫކޮށްލީ ކޮންޓުރެކްޓް ހަމަވުމުންނެވެ. ހިލޭ ޓްރާންްސްފާއެއްގައި ބާސެލޯނާ އަށް އޭނާ ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ގުންޑޮގާން ބުނީ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދިޔަސް، ބާސެލޯނާގައި ވެސް ސާބިތުކޮށްދޭންޖެހޭ ކަންތައްތައް އެބަހުރި ކަމަށެވެ.

"އަހަރެން މިހާރު އުމުރުން ދޮށީވިޔަސް، އަހަރެން މިހުރީ ޗެޖެންޖަށް ތައްޔާރުވެގެން. ބާސެލޯނާގައި ވެސް ތަފާތު ދެއްކޭނެކަން ސާބިތުކޮށްދޭން ބޭނުން،" ގުންޑޮގާން ބުންޏެވެ.

ގުންޑޮގާން ބުނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އަކީ ވަރަށް އެއްގޮތް ސްޓައިލްތަކެއް ގެންގުޅޭ ދެ ކޯޗުން ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ސީޒަންގައި ވެސް ޗެމްޕިއަންސް ލީގު ހޯދުން ކަމަށް ގުންޑޮގާން ވަނީ ބުނެފަ އެވެ.

"ގާޑިއޯލާ އާއި ޒަވީގެ ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި. ޒަވީއާ ވާހަކަދައްކާލެވުނީމަ އެނގޭ އެ ކްލަބު އޮތީ ރަނގަޅު މިސްރާބެއްގައިކަން،" ގުންޑޮގާން ބުންޏެވެ.

ބާސެލޯނާ އަށް ބަދަލުވުމަށް ފަހު، އެންމެ ހާސިލްކުރަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ގުންޑޮގާން ވަނީ ރެއާލް މެޑްރިޑް އަތުން މޮޅުވުން ހިމަނައިފަ އެވެ. ކުރިން ޖަރުމަނުގެ ނިއުރެންބާގާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ގުންޑޮގާން 2016 ވަނަ އަހަރު ސިޓީ އަށް ބަދަލުވިއިރު، އޭނާ އަކީ ގާޑިއޯލާގެ ކޯޗުކަމުގައި އެ ޓީމަށް ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.