މިއާމީ (19 ޖުލައި) - އެމެރިކާގެ އިންޓަ މިއާމީއާ އަލަށް ގުޅުނު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަށް އެެމެރިކާ ލީގަށް ހޭނެން ވަގުތުކޮޅެއް ބޭނުންވާނެ ކަމަށް އެ ކްލަބުގެ އެއް ހިއްސާދާރު ކަމަށްވާ ޑޭވިޑް ބެކަމް ބުނެފިއެވެ.
ޕީއެސްޖީ ދޫކޮށް، ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުން އިންޓަ މިއާމީއާ ގުޅުނު މެސީ ,36، ވަނީ އެ ކްލަބުގެ ފަރިތަކުރުންތަކުގައި އިއްޔެ ބައިވެރިވެފަ އެވެ. މެސީގެ ފުރަތަމަ ފަރިތަކުރުންތައް ބަލާލުމަށް އިންގްލެންޑްގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ބެކަަމް ވެސް ދިޔަ އެވެ.
ބެކަމް ބުނީ މެސީ އާއި އިންޓަ މިއާމީއާ އަލަށް ގުޅުނު ސާޖިއޯ ބުސްކެޓްސް ވެސް އެމެރިކާ ލީގަށް ހޭނެން ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.
"ކިތަންމެ މޮޅު ކުޅުންތެރިޔަކަށްވިޔަސް. މެސީ އަދި ސާޖިއޯ (ބުސްކެޓްސް) އަށް އެމެރިކާ ލީގަށް ހޭނެން ވަގުތު ބޭނުންވާނެ،" ކުރިން މެންޗެސްޓާ ޔުނައިޓަޑް، ރެއާލް މެޑްރިޑް، ޕީއެސްޖީ އަދި އޭސީ މިލާނަށް ކުޅުނު ބެކަމް ބުންޏެވެ. "އެކަމަކު ފަހަރެއްގައި އެ ދެ ކުޅުންތެރިން އަހަރަމެން ހައިރާންކޮށްލަފާނެ. އެކަމަކު އަހަރަމެން ޖެހޭނެ ކެތްތެރިވާން." އެމެރިކާގެ އެލްއޭ ގެެލެކްސީ އަށް މީގެ ކުރިން ކުޅުނު ބެކަމް ބުންޏެވެ.
ލީގު ކަޕްގައި ހުކުރު ދުވަހު ކްރޫޒް އަޒުލްއަ ދެކޮޅަށް އިންޓަ މިއާމީ ނުކުންނާނެ އެވެ. އެކަމަކު، އެ މެޗުގެ ފުަރަތަމަ 11 އިން މެސީ ފަހަރެއްގައި ނުފެނިދާނެ ކަމަށެވެ.
"ކުޅުމާ ދުރުގައި މެސީ ހުންނަތާ ދުވަސްކޮޅެއްވެއްޖެ. މެސީ އެ މެޗުގައި ކޮންމެވެސް ރޯލެއް އަދާކުރާނެ. އެކަމަކު އެނާ އަރުވާނެ ވަގުތެއް އެނގޭނީ ކޯޗަށް. ދެން މެސީ އަށް. އެޢީ އޭނާ ކުޅުމާ ދުރުގައި ދުވަސްކޮޅަކު ހުރީމަ މިހާރު އޭނާ ހުރި ހާލަތު އެންމެ ރަނގަޅަށް އެނގޭނީ އޭނާ އަށް،" ބެކަމް ބުންޏެވެ.
ބެކަމް ބުނީ މެސީ އަކީ އިންޓަ މިއާމީގެ މުހިންމު ކުޅުންތެރިއަކަށް ވާނެ ކަމަށެވެ. އެކަމަކު، އެންމެ ފުރަގަމަ ދުވަހު ވެސް މެސީގެ "ޖާދޫ" ފެންނާނެ ކަމަށް އުންމީދުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި މެސީ އަށް ވަގުތުކޮޅެއް ބޭނުންވާނެ ކަމަށާއި ސަޕޯޓަރުން ކެތްތެރިވާންޖެހޭ ކަމަށެވެ.
Comment