19 ޖުލައި 2023 - 06:22 0
ފާތިމަތު ސާޔާ އަހުމަދު
ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އަދި ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ. -- ފޮޓޯ: ގެޓީ އިމޭޖާޒް
19 ޖުލައި 2023 - 06:22 0
ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ދެކުނު އެފްރިކާއަށް ވަޑައިގެންނެވުމުން ހައްޔަރު ކުރަން މަސައްކަތްކޮށްފި ނަމަ އެކަން ވާނީ ރަޝިއާއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމުގެ އަމަލަކަށް ކަމަށް ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ވިދާޅުވެއްޖެ އެވެ.
ދެކުނު އެފްރިކާގެ ޖޮހަނެސްބާގްގައި އޮންނަ ބައިނަލްއަގްވާމީ ބައްދަލުވުމަކަށް ޕުޓިންއަށް ވަނީ ދައުވަތު ދީފަ އެވެ. އެހެން ނަމަވެސް ޕުޓިން ހައްޔަރު ކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރިފައިވެ އެވެ.
ރަޝިއާ ދޫކޮށް އެހެން ގައުމަކަށް ވަޑައިގެންފި ނަމަ އެ އަމުރު ތަންފީޒުކޮށް ޕުޓިން ހައްޔަރު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. ދެކުނު އެފްރިއާއަކީ އައިސީސީގައި ބައިވެރިވާ ގައުމަކަށްވާ އިރު، އަމުރު ތަންފީޒު ކުރަން ލާޒިމްވެ އެވެ.
އެހެން ނަމަވެސް މީގެ ކުރިން ވެސް ދެކުނު އެފްރިކާއިން ވަނީ އައިސީސީގެ އަމުރުތަކާ ހިލާފުވެފަ އެވެ. އެގޮތުން 2015 ވަނަ އަހަރު ސޫދާންގެ އޭރުގެ ރައީށް އުމަރް އަލް ބަޝީރު ވެސް ހައްޔަރެއް ނުކުރެ އެވެ.
އޯގަސްޓު މަހު އޮންނަ ބްރިކްސް ސަމިޓަށް ޕުޓިން ދެކުނު އެފްރިކާއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ އިރު، ހައްޔަރު ކުރުމުގެ އަމުރު ތަންފީޒު ކުރަން ބާރު އެޅުމަށް އެ ގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑިމޮކްރެޓިކް އެލަޔަންސުން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
ކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގޭ ގޮތުގައި އެއީ ގައުމީ ސަލާމަތަށް ނުރައްކާ ކުރިމަތިވާނެ ކަމެއްގެ ގޮތުގައި ރައީސް ރަމަފޯސާ ދެކިވަޑަައިގަންނަވަ އެވެ.
Comment