Advertisement

ދެބަސްވުންތައް ގިނަ، ސަރުކާރު ބަލިކުރާނެ އެކަކު ދެއްކޭނެތަ؟

ރައީސް ސޯލިހު ބަލިކުރުމަށް، ދެބަސްވުންތައް ގިނަ އެހެން ސިޔާސީ ޕާޓީތައް މަޝްވަރާގައި މަޑުޖެހިފައިވާ މަންޒަރު - ގްރެފިކްސް: ރަް


ދެބަސްވުންތައް ގިނަ، ސަރުކާރު ބަލިކުރާނެ އެކަކު ދެއްކޭނެތަ؟

19 ޖުލައި 2023 - 15:57 3

މުހައްމަދު އުޝާމް
އަހުމަދު އާއިދު

މުހައްމަދު އުޝާމް

އަދި

އަހުމަދު އާއިދު

ސިފަވީ މީގެ ފަސް އަހަރު ކުރިން ވެސް ފެނުނު މަންޒަރެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމުމަކަށް ގެންނަން ވެއްޖެ ކަމަށް އޭރުގެ އެހެން ހުރިހާ ޕާޓީއަކަށް އެއްބަސް ވެވުނެވެ. ހިޔާލުތަފާތުވުންތަކާއި، ދެބަސްވުންތައް ގިނަ ސިޔާސީ ޕާޓީތަކުން ގުޅިގެން އެއް ކެންޑިޑޭޓަކު ހޯދުމުގެ މަޝްވަރާ، ބަހުސަކަށްވެ އެތައް ބަހުގެ ހަމަލާއެއް ބަދަލުވި އެވެ. ނަމަވެސް އެންމެ ފަހުން އެންމެނަށް ވެސް ރުހޭ އެއް ކެންޑިޑޭޓަކު ހޯދައިގެން އެ ފަހަރުގެ ރިޔާސީ އިންތިހާބަށް ވާދަވެރި ޕާޓީތަކުން ނުކުތެވެ.

ނަމަވެސް އެ ދުވަހުގެ ހާލަތަކީ އޭރު ވާދަކުރަން ބޭނުންވާ ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުން ތިބީ ވާދަނުކުރެވޭނެ ހާލަތަކަށް ގެނެސްފަ އެވެ. ޖަލު ހުކުމެއްގަ އެވެ. ނުވަތަ ހުކުމެއް ނެތި ބަންދުގަ އެވެ. ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފަ އެވެ. ކެމްޕޭން އިވެންޓެއް، އެއްވުމެއް، ހިނގާލުމެއް، ހަރުގެ ޖަލްސާއެއް، ހަރުގެ ސަޔެެއް ވެސް ނުބޭއްވެ އެވެ.

އޭރު އެ ހާލަތުގައި ދިވެހި ސިޔާސީ މަސްރަހު އޮތް ނަމަވެސް މި ފަހަރު ހާލަތު މުޅީން އެއް ގޮތެއް ނޫނެވެ. ކުރީގެ ރައީސް ޔާމީން ފިޔަވައި ވެރިކަމުގެ ޝައުގު ހުންނެވި ގިނަ ބޭފުޅުން މިއަދު ތިއްބެވީ ޖަލު ހުކުމަކު ނޫނެވެ. އެ ވެރީންނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮތް އިރު، ވެރިކަމުގެ ޝައުގުވެރިކަން އޮންނާނެ އެވެ. އެ ނޫނަސް ފަލްސަފީ އެތައް ހިޔާލު ތަފާތުވުމެއް އޮތް މި ޕާޓީތަކުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމަން ޖެހޭ ކަމަށް އެއްބަސްވެވިފަ އެވެ.

ދެން އެއްބަސްވާން އޮތް ކަމަކީ ހުރިހާ ޕާޓީއަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދުމެވެ. އޭގެ ފޯމިއުލާއެއްގެ ވާހަކަ ފުރަތަމަ ދެއްކެވީ ވެރިކަން ކުރާ އެމްޑީޕީގެ ލީޑަރަކަށް ހުންނެވުމަށް ފަހު ސަރުކާރާ މެދު ހިތްހަމަނުޖެހިގެން އެ ޕާޓީން ވަކިވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު އޭރު ދެއްކެވި އެއް ފޯމިއުލާއަކީ ޔާމީން އަދި ނަޝީދު ވެސް ނޫން ކެންޑިޑޭޓަކު ހޯދުމެވެ.

އެ ހިޔާލު ފާޅު ކުރައްވާފައި ވަނިކޮށް، ނަޝީދާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވަނީ މިއަދު ބައްދަލު ކުރައްވައިފަ އެވެ. އަދި ހުރިހާ ޕާޓީއަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދުމަށް އެ ތިން ލީޑަރުންނަށް މިހާރު ވަނީ އެއްބަސްވެވިފަ އެވެ. އެކަމަކު އެއީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ވެސް ރުހުން އެކަމުގައި އޮތް ނަމަ އެވެ.

"އަޅުގަނޑުމެން އަދި ޕީޕީއެމާއި އެމްއާރުއެމް ވެސް ވާހަކަ ދައްކާނަން، މި ކަމަށް އެއްބަސްވެވޭތޯ، އަޅުގަނޑުމެން ތިން ޕާޓީން ބޭނުންވަނީ އެއް ކެންޑިޑޭޓަކު ނެރެން މި ރިޔާސީ އިންތިހާބަށް،" ވިލާ ވިޔަފާރީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް ވިދާޅުވި އެވެ.

ވާދަވެރި ހުރިހާ ސިޔާސީ ޕާޓީތަކަށް ރައީސް ސޯލިހުގެ ވެރިކަން ނިންމަން އެއްބަސްވެވުނު އިރު، މަލްޓި ޕާޓީ ޑިމޮކްރެސީގެ އަސާސްތަކުގެ މައްޗަށް ބިނާކޮށްފައިވާ ފެހި ގާނޫނު އަސާސީއަށް ފަހު ތިން ވެރިކަމެއް ފެނި ދިޔައިރު ރާއްޖޭގައި އޮތް ގިނަ މައްސަލަތަކަށް ހައްލެއް ނުހޯދެ އެވެ. ކުރިން ވެސް އިސް ސަފުގައި ތިބި ސިޔާސީ ލީޑަރުންނަށް، ދެން ރައްޔިތުން ރުހޭނެ ކެންޑިޑޭޓަކު ދައްކަން ދަތިފުޅު ވާނެ އެވެ.

"އެހެން ފަހަރު ފަހަރަށް ސިޔާސީ ކަންކަމުގައި އާންމުން އެހާވަރަށް ހަރަކާތްތެރިވެފައި މިފަހަރު ހަރަކާތްތެރި ނުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް، އެކަމުގެ އެއް ސަބަބަކީ ރައްޔިތުންނަށް [ވޯޓުލާނެ] ޗޮއިސްއެއް ނުދެއްކުން" މި ރިޕޯޓަށް މައުލޫމާތު ދެއްވަމުން ކުރީގެ ފޮރިން މިނިސްޓަރު އަދި ޕޮލިޓިކަލް އެނަލިސްޓް ޑރ. އަހުމަދު ޝަހީދު ވިދާޅުވި އެވެ.

ޖުލައި 26، 2018، އޭރުގެ އިދިކޮޅު ކެންޑިޑޭޓު ރައީސް ސޯލިހު ފޯމު ހުށަހެޅުއްވުމަށް ވަޑައިގަތުމުން، އިދިކޮޅު ކޯލިޝަންގެ ބައެއް މީހުން އިލެކްޝަންސް ކޮމިޝަންގެ ބޭރުގައި މަޑުކޮށްލައިގެން.----ފޮޓޯ: އެމްޑީޕީ


ސަރުކާރުގެ ނުފޫޒާއި އިދިކޮޅަށް ހުރަސް އަޅާ ކަމުގެ ޝަކުވާ

ރައީސް ސޯލިހުގެ ވެރިކަމުގައި އިދިކޮޅު ޕާޓީގެ ގޮތުގައި ޕީޕީއެމް އެކަނި އޮތް ދުވަސްވަރު ވެސް އެންމެ އަޑުހަރުކޮށް ދެކެވުނު އެއް ވާހަކައަކީ ސަރުކާރުން އެ ފަރާތްތަކުގެ މަސައްކަތަށް ހުރަސްއެޅުމެވެ. ސަރުކާރު ކޯލިޝަނުގައި ހަތަރު އަހަރު އޮވެފައި ފޭވި ޖޭޕީންވެސް ވަކިން ރިޔާސީ ރޭހަށް ނުކުތް ހިސާބުން އެފަދައިން ރާގު ބަދަލުވި އެވެ.

އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައި ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ކުރެއްވި މަސައްކަތާއި ގުޅުވާ، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އެމަނިކުފާނުގެ އަރިސް ބޭފުޅުންވެސް އެންމެ ހަރުކޮށް ގޮވަމުން ގެންދަވަނީ އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދޭން ރައީސް ސޯލިހު ބޭނުންނުވާ ވާހަކަ އެވެ.

"މުވައްޒަފުންނަށް ބިރުދައްކާ އެތައް ކަންކަމެއް ކޮށްގެން ރަނގަޅު ފޮޓޯ ގަނޑެއް އެ ނަގަނީ، އަޅުގަނޑުމެނަށް ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުން އެބަ ބުނޭ [ރައީސް ސޯލިހަށް] ވޯޓެއް ނުދޭނަމޭ.. ބިރުދައްކާތީ ދަނީއޭ" އަލަށް އުފެއްދި ޑިމޮކްރެޓްސްގެ ވަގުތީ ޗެެއާޕާސަން ހަސަން ލަތީފު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރިން ކުރެއްވި ހަސަން ލަތީފު އިތުރަށް ވިދާޅުވީ، ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހު މަކަރު ހެއްދެވި ކަމަށާއި އެ ފުރުސަތު އީސީގެ އޮފިޝަލުން ނުދެއްވާނެ ކަމަށެވެ. ނަޝީދު އާ ޕާޓީއެއް އުފެއްދުމުގެ ހަރަކާތް ފެށިގެން ދިޔައީވެސް އެ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ބަލިވެވަޑައިގެންނެވި ހިސާބުންނެވެ.

ޕީޕީއެމުން ދައްކަނީ ހަމަ ޔާމީން

މި އަހަރުގެ ރިޔާސީ އިންތިހާބަށް ފުރަތަމަ ކެންޑިޑޭޓަކު ދެއްކީ އިދިކޮޅު ޕީޕީއެމުންނެވެ. އެ ޕާޓީގެ ސެނެޓުގެ ނިންމުމާއެކު އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސަކަށް ވެސް ހުންނެވި ޔާމީނަށް ރިޔާސީ ޓިކެޓު ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓު 19، ގަ އެވެ.

ޔާމީން ކެމްޕޭން ފަށްޓަވައި އެކި އަތޮޅުތަކަށް ވަޑައިގެން ރިޔާސީ ރޭހުގައި ލީޑު ނެންގެވި އެވެ. ނަމަވެސް އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނަށް ހުރަސް އެޅިގެން ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާއެކު އެވެ. އެ ހުކުމާއެކު އިދިކޮޅު ރިޔާސީ ކެމްޕޭން އެއްކޮށްހެން ހުއްޓި، ޔާމީން ދޫކޮށްލުމަށް ގޮވާލާ ސިޔާސީ ހަރަކާތްތަކުގެ މިސްރާބު ބަދަލުކުރަން މަޖުބޫރުވި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން ޔާމީނުގެ މައްޗަށް ކުރި މި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، އަދިވެސް މައްސަލަ އޮތީ ކޯޓުގަ އެވެ. ފަނޑިޔާރުންތަކެއް ޗުއްޓީ ނެންގެވުމާ އެކު އިސްތިއުނާފުގެ ޝަރީއަތް އޮތީ މުޅީން ހުއްޓުމަކަށް އައިސްފަ އެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓު މި ވަގުތު މި ހުރީ ޖަލުގައި، މުޅި ޝަރުއީ ނިޒާމު ރައީސް ޔާމީނުގެ ފަހަތުން މި ދުވަނީ، ސަރުކާރުގެ ބޮޑެތި ޖަރީމާތައް ހިންގާފައި ތިބި މީހުންގެ މައްސަލަތައް އަނބުރާ ގެންނަނީ، ޖަލުގަ ތިބިިއްޔާ ތިބި ބަޔަކު ދޫކުރަމުން މި ދަނީ" ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

ޔާމީނު ޖަލުގައި އޮންނަވަނިކޮށް، އެމަނިކުފާނަށް އިންސާފު ހޯދުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، "ރަށްރަށަށް ފެތުރި" ރިޔާސީ ކެމްޕޭނު ކުރުމަކީ އުނދަގޫ ކަމެއްކަން ޝިޔާމް ވެސް ގަބޫލުކުރައްވަ އެވެ.

"އެހެން ނަމަވެސް އެ ރަށްތަކުގަވެސް އެ މަސައްކަތްތައް ކުރިއަށް އެބަދޭ، ބޮޑެތި ޖަލްސާތައް ހުރިހާ ރަށެއްގަ ކުރިއަށް ނުދިޔަޔަސް ބައެއް ރަށްރަށުގަ ފެނިގެންދާނެ،"

ޝިޔާމްގެ ވާހަކަ ސާފެވެ. އިދިކޮޅު ކެންޑިޑޭޓުގެ ގޮތުގައި ޔާމީނު ޖަލުގައި އޮންނަވާހާ ހިނދަކު، ޕީޕީއެމްގެ ކެމްޕޭން ފުލް ގިޔަރަށް އެރުން ނާދިރެވެ.

ކުރިން މި ރިޕޯޓަށް މައުލޫމާތު ދެއްވި، ޑރ. ޝަހީދު ދެކިލައްވާ ގޮތުގައި ވެސް މި އަހަރު ރިޔާސީ ކެމްޕޭނުގެ ފޯރި އެންމެ ދަށްވާ އެއް ސަބަބަކީ ޔާމީން ޖަލުގައި އޮތުމެވެ.

"ވަރަށް ގިނަ މީހުން ދެކޭ ގޮތުގަ ސަރުކާރާ އެންމެ ވާދަވެރި އެއް ކެންޑިޑޭޓަކީ އަބްދުﷲ ޔާމީން، ދެން އަބްދުﷲ ޔާމީން ޖަލުގަ ބާއްވައިގެން އިންތިހާބު ބާއްވަންޏާ އެހެން ކަންނޭނގެ [ރިޔާސީ ކެމްޕޭނުގެ ފޯރި މަޑުވުން] ވާނީ" ޝަހީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ތެރޭގައި އިތުރު ކެންޑިޑޭޓެއްގެ ވާހަކަ ވެސް ދެކެވެ އެވެ. މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ ޓިކެޓު ހޯއްދެވުމަށް ކުރައްވާ މަސައްކަތުގެ ވާހަކަ ޕީޕީއެމް އިސް ބޭފުޅުން ވަނީ "އަދަދު" އަށް ކަށަވަރު ވެސް ކޮށްދީފަ އެވެ. ޕީޕީއެމްގެ ކެމްޕޭން ފުލް ގިޔަރަށް ލެވޭނެ އަނެއް ގޮތަކީ އެއީ އެވެ. ޔާމީނުގެ އިރުޝާދުގެ މަތިން އެހެން ކެންޑިޑޭޓަކު ދެއްކުމެވެ.

އެއް ކެންޑިޑޭޓު ނުހޯދި، ކެމްޕޭންތައް މަޑުގިނީގައި؟

ސަރުކާރުގެ ނުފޫޒާއި، ކެންޑިޑޭޓަކު ޖަލުގައި އޮތް ވާހަކަތަކާއި ޝަކުވާތަކާ އެކުވެސް ހުރިހާ ޕާޓީތަކުގެ އިސް ބޭފުޅުން އެއްބަސްވާ ގޮތުގައި އެ ފަރާތްތަކުގެ ކެމްޕޭނު ދަނީ ރަނގަޅަށެވެ. ރޭވުންތެރިކަމާއެކު އެވެ. ރައީސް ސޯލިހުގެ ވާހަކަފުޅުން ވެސް ދޭހަވަނީ އެމަނިކުފާނަށް ވެސް މަންޒަރު ސިފަވަނީ އެ ގޮތަށް ކަމެވެ. ޕީޕީއެމް ނޫނީ މާ ބޮޑު ޗެލެންޖެއް ވެސް އެމަނިކުފާނަށް ނެތެވެ. ވީއިރު ޕީޕީއެމްގެ ކެންޑިޑޭޓު ހުންނެވީ ޖަލުގަ އެވެ. އަދި ވާދަވެރި ޕާޓީތަކުގެ ކެމްޕޭން އުކުޅުތަކަށް އެމަނިކުފާނު ފާޑުވެސް ވިދާޅުވި އެވެ.

ނަމަވެސް އެކަމާ ވާދަވެރި ޕާޓީތަކުން އެއްބަހެއް ނުވެ އެވެ. އެ ޕާޓީތަކުގެ ބޭފުޅުން ވިދާޅުވަނީ ކެމްޕޭން ވެސް ކުރިއަށް ދާކަމަށެވެ. ތާއީދު ވެސް އެބަ އޮތް ކަމަށެވެ. ސިޔާސަތުތައް ވެސް ދެއްކެ އެވެ. އެކަމަކު ގައުމީ މަސްލަހަތު އިސްކުރަން ބޭނުންވާތީ، ރައީސް ސޯލިހުގެ ވެރިކަން ނިންމޭނެ ކަމުގެ ޔަގީންކަން ހޯދަން މަޝްވަރާތައް ގެންދަވަން ބޭނުންވަނީ ކަމަށެވެ.

"އަޅުގަނޑުމެން ކުރަން ޖެހޭ ކަންކަން މިދަނީ ކުރަމުން، ރައީސް އެ ފަދައިން އެ ވިދާޅުވީ އެއްވެސް ބަޔަކު ރައީސާ ވާދަކޮށްފާނެތީ ހުރަސްތަކެއް އެޅުއްވުމުގެ ވިސްނުމުގަ ކަމަށް [ބެލެވެނީ]" ޖޭޕީގެ ސެކެޓްރީ ޖެނެރަލް، އަލީ އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ އެ ޕާޓީގެ ކެމްޕޭން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ދޮރުން ދޮރަށް ހިނގުމާއި، ރޭވުންތެރި އެހެން ހަރަކާތްތައްވެސް ކުރިއަށްދާ ކަމަށެވެ. އަދި، ޒަމާނާއެކު ކެމްޕޭން ކުރުމުގެ ވައްޓަފާޅި ބަދަލުވެފައިވާ ކަަމަށާއި، ކުލަފޮއްޗާއި ދިދަ ދެމުމަކީ މިހާރު ކެމްޕޭން ނޫންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ޕާޓީގެ ލީޑަރު ވެސް އެމަނިކުފާނުގެ ސްޓައިލްގައި ކެމްޕޭން ކުރައްވާ، ރަށްރަށް ވަޑައިގަންނަވަން އަދި ނުފައްޓަވަނީ،" ކެމްޕޭން ހަރަކާތްތަކުން ލީޑަރު ގާސިމް އިބްރާހިމް ނުފެންނަ ސަބަބުވެސް އާރިފް ބަޔާންކޮށްދެއްވި އެވެ.

ޕީޕީއެމުން ވެސް ދެކެނީ ހަމަ އެގޮތަށެވެ. ނައިބު ރައީސް ޝިޔާމް ވިދާޅުވީ އެ ޕާޓީން ކެމްޕޭން ކުރާ މިންވަރު ރައީސް ސޯލިހަށް ތަސައްވަރު ވެސް ނުކުރެއްވޭނެ ކަަމަށެވެ. ހެއްކެއްގެ ގޮތުން ދެއްކެވީ ރައީސް ސޯލިހަށް ތާއީދު ދަށްކޮށް ފެންނަމުންދާ ޕަބްލިކް ޕޯލްތަކެވެ.

މިހާތަނަށް ކެންޑިޑޭޓެއް ނެތަސް، ރޭ ރަސްމީކޮށް ރިޔާސީ ކެމްޕޭން ފެށި ޑިމޮކްރަޓުން ދެކޭ ގޮތުގައި ކުރިއަށް އޮތް 50 ދުވަހުގެ ތެރޭގައި އެ ޕާޓީއަށް ރިޔާސީ އިންތިހާބުގައި ނަތީޖާ ނެރެވޭނެ ކެމްޕޭނެއް ކުރެވޭނެ އެވެ. ހަސަން ލަތީފު ވިދާޅުވި ގޮތުގައި، އެ ޕާޓީން މިހާރު އަތޮޅުތަކަށް ކުރަމުންދާ ދަތުރުތަކަށްފަހު ބޭއްވޭ ޕްރައިމަރީއިން ކެންޑިޑޭޓަކު ހޮވާ، އޮގަސްޓު ތިނެއްގެ ކުރިން އީސީއަށް ފޯމު ހުށަހެޅޭނެ އެވެ.

"ރަނގަޅަށް ކެމްޕޭން ކުރެވޭނެ، ކުރިއަށް މިއޮތް ދުވަސްތަކުގަ ޖުމްލަ 50 އެއްހާ ރަށުގަ އަޅުގަނޑުމެންގެ މެނިފެސްޓޯގެ އެއް ސިޔާސަތު އެބަ ހުށަހެޅޭ. އެގޮތަށް ގޮސް އެ ކެމްޕޭން އަޅުގަނޑުމެން ކުރާނަން، އެކަމަށް ވަގުތު އެބައޮތް" މި ސަރުކާރު ގެނެސްދިން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވި އެވެ.

އެއްބަސްވެވޭ ކެންޑިޑޭޓަކު ދެއްކޭނެތަ؟

އިދިކޮޅު ރިޔާސީ ކެމްޕޭނުގެ ފޯރި ގެނައުމަށް ވެސް ދެން އޮތް މަގަކީ ހުރިހާ ޕާޓީއަކުން އެއް ކެންޑިޑޭޓެއްގެ ފަހަތަށް އެރުމެވެ. އެންމެނަށް ވެސް އެ އެއްބަސްވެވޭ ކަންކަން ފާހަގަކޮށް އެ މިސްރާބަށް ސިޔާސަތުތައް ބައްޓަންކޮށްގެން ވިއްކުމެވެ. ދެބަސްވެވޭ ކަންކަމުގައި އަމަލުކުރާނެ ގޮތެއް ވެސް ރައްޔިތުންނަށް ސާފުކޮށްދީ، ކެމްޕޭން މެކުހަށް ޖެހުމެވެ.

ނަމަވެސް ފުރަތަމަ ބުރުގައި އެއް ކެންޑިޑޭޓެއްގެ ފަހަތަށް ޕާޓީތައް އެރުމަކީ މިއަދުގެ ހާލަތުގައި ދުރު ކަމެއް ގޮތުގައި ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ.

އިދިކޮޅު ޕާޓީތަކުން އެއް މިސްރާބަކަށް އަމާޒު ހިފީ، ޕްރައިމަރީން ބަލިވެވަޑައިގެން އޭރު އެމްޑީޕީގައި ހުންނަވާ ނަޝީދު ވަކި ގޮތްޕެއް ހެއްދެވި ހިސާބުންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލުނު ކަމަށް ބުނެ ޖޭޕީއާ އޭރު އެމްޑީޕީގެ ތެރޭގައި އޮތް ފިކުރެއްގެ ދިރުމުން އިދިކޮޅު ޕީޕީއެމާއެކު މަޝްވަރާގެ މޭޒަށް އައެވެ.

އެއަށްފަހު ޑިމޮކްރެޓްސް އުފެދި، ޖޭޕީން ވަކިން ކެންޑިޑޭޓަކު ނެރެން ނިންމުމަށް ފަހު ވެސް، ޕީޕީއެމް ހިމެނޭހެން އެކި މަޝްވަރާތައް ކުރި އެވެ. ދެބަސްވާ ކަންކަން ހުރި ނަމަވެސް ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެއްބަސްވި އެވެ.

ނަމަވެސް، މި ރިޕޯޓަށް މައުލޫމާތު ދިން އެ ތިން ޕާޓީގެ އިސް ބޭފުޅުންގެ ވާހަކައިން ސާފުވީ، ރައީސް ސޯލިހު ދުރުކުރަން އެކުގައި މަސައްކަތް ކުރުމަށް މަގު ކޮށިފައި ނެތް ކަމެވެ.

ޑިމޮކްރެޓްސް ޕާޓީން ބޭނުންވަނީ ކޮންމެ ކެންޑިޑޭޓަކަސް، އެއްބަސްވެވޭނަމަ އެކުގައި މަސައްކަތް ކުރުމަށެވެ. ސަރުކާރު ބަދަލުކުރުމަށެވެ.

"އަޅުގަނޑުމެން މިތިބީ، ޕީޕީއެމާ އެކީގަވެސް، އެހެން ޕާޓީއަކާ އެކު ނަމަވެސް، އަޅުގަނޑުމެން ދެބައިމީހުންނަށް ނުވަތަ ތިން ބައި މީހުންނަށްވެސް އެއްބަސްވެވޭ ކެންޑިޑޭޓެއް ހުރިއްޔާ އެ ކެންޑިޑޭޓަކާ އެކީ މަސައްކަތް ކުރުމަށް ތައްޔާރަށް. އޭގެ ދެން ޗެލެންޖަކަށް ވަނީ ކޮން ޕާޓީއެއްތޯ މެޓާ ނުކުރާ ހިސާބަށް ދާނެ އަޅުގަނޑުމެންނަށް ކޮމަން ކެންޑިޑޭޓެއް ފެނިއްޖެ ކަމަށް ވަންޏާ" ރިޔާސީ ރޭހުގައި ޑިމޮކްރަޓުންނަށްވުރެ ބޮޑަށް ޗެލެންޖަކީ ޕީޕީއެމް ކަމަށް ރައީސް ސޯލިހު ވިދާޅުވި ބަސްފުޅަށް ރައްދުދެއްވާ ހަސަން ލަތީފު ވިދާޅުވި އެވެ.

ނަމަވެސް، ޕީޕީއެމްގެ ވާހަކަތައް ހުރީ އެހެން މިސްރާބަކަށެވެ. ޓާގެޓަކީ އެއް ބުރުން އެ ޕާޓީއަށް އިންތިހާބު ކާމިޔާބު ކުރުމެވެ. ކޯލިޝަނުގެ ސުވާލަށް ސީދާ ޖަވާބު ނުދެއްވައި ޝިޔާމް ވިދާޅުވީ އެއް ބުރުން އެ ޕާޓީގެ ކެންޑިޑޭޓު، ކުރީގެ ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. މާ ބޮޑަކަށް ޔާމީން ނޫން ކެންޑިޑޭޓެއްގެ ވާހަކަ ދައްކަވާކަށް ޕީޕީއެމްގެ ލީޑާޝިޕް ބޭނުންފުޅެއް ނުވެ އެވެ.

"އަޅުގަނޑުމެން އެއްބުރުން ކާމީޔާބު ކުރާނަން، އަޅުގަނޑުމެން އެހެން ޕާޓީތަކާ މި މަޝްވަރާކުރަނީ މި ސަރުކާރު ޖަވާބުދާރީކޮށް މި ސަރުކާރު ނިންމަން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މަޝްވަރާތައް.. ވަރަށް ސާފުކޮށް މި ދަންނަވަނީ ޕީޕީއެމް، ރައީސް ޔާމީނާއެކު އެއްބުރުން މި އިންތިހާބު ކާމިޔާބުކުރާނަން" ޝިޔާމް ވިދާޅުވި އެވެ.

ސުވާލަކީ ފުރަތަމަ ބުރުގައި ޖޭޕީއާއި ޑިމޮކްރަޓުން ގޮތް ދޫކުރުމަށް ޕީޕީއެމުން ގޮވާލާނެ ބާވަ އެވެ. ކުރިމަތިލެވޭކަން ކަށަވަރު ނުވާ ކެންޑިޑޭޓެއްގެ ފަހަތަށް އަލަށް އުފަންވި ޑިމޮކްރަޓުންނާއި، 'ކިންގް މޭކާ' ގާސިމް އަރުއްވާނެ ތޯ ކުރެވޭ ސުވާލެވެ. އަދި، އެ ޕާޓީތަކުގެ ތާއީދާ ނުލާ އެއްބުރުން ޔާމީނަށް ކާމިޔާބު ކުރެވިދާނެ ކަމާމެދު ކުރެވޭ ސުވާލެވެ.

ޗާގޯސް މައްސަލާގައި ވެސް މި ސިޔާސީ ޕާޓީތަކަށް މުޅީން އެއްބަހެއް ނުވެ އެވެ. ކަނޑު ވިއްކާލި ކަމަށް އެއްބަސްވެވުނަސް ވިއްކާލި ފަރާތައި ވިއްކާލި ގޮތާއި، މި ކަންކަމަށް އެއްބަހެއް ނުވެ އެވެ. އިންޑިއާގެ ނުފޫޒު ރާއްޖޭގެ ދާހީލީ ކަންކަމަށް އޮންނަ ކަމަށް ޕީޕީއެމުން ދެކޭ ދެކުމާ އެހެން ޕާޓީތަކުން ވަރަށް ދެކޮޅެވެ. އެކަމަކު އެއީ މި ސަރުކާރާ ދެކޮޅަށް މުޅި ޕީޕީއެމްގެ ސިޔާސީ ހަރަކާތް ބައްޓަން ކުރި މިސްރާބެވެ.

"އަޅުގަނޑަށް ހީވަނީ ދެވަނަ ބުރު އެއްވާން ތިބުން މާ ބުއްދިވެރިވާނެ، އޭރުން ރައްޔިތުންނަށް ޗޮއިސްތަކެއް ވެސް އެބަ ދެވޭ، ދެން އެއިން އެންމެ ގިނަ ވޯޓު ލިބޭ މީހާއަށް ހުރިހާ ޕާޓީއަކުން ވެސް ޖެހޭނީ އެއްބަސްވާންތާ، ދެން އެކަމަކު އޮތް ސުވާލަކީ އެ ކެންޑިޑޭޓަކާއެކު ކުރިއަށް ދާން އެ ބަޔަކަށް ފަސޭހަ ވެސް ވާނެ ހެއްޔެވެ؟" ސިޔާސީ މަސްރަހު ދިރާސާކުރާ މީހަކު ބުންޏެވެ.

ދެން މި ހާލަތުގައި އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދުމުގެ މަސައްކަތް ކުރެވޭނެ ހެއްޔެވެ؟