Advertisement

ރައީސްގެ ރަނިންމޭޓު ކަމަށް ފައްޔާޒުގެ ޝައުގެއް ނެތް, ވާހަކަ ފަތުރާ ކަމުގެ ތުހުމަތު ރީކޯއަށް

18 ޖުލައި 2023 - 12:20 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރީކޯ އަލުން އެމްޑީޕީއަށް ސޮއިކުރުމަށް ފަހު ފައްޔާޒުއާ ފޯމު ހަވާލުކުރަނީ. މި ވާހަކަ ފަތުރަމުންދަނީ ރީކޯ ކަމަށް ފައްޔާޒު ތުހުމަތު ކުރޭ -- ފޮޓޯ: އެމްޑީޕީ


ރައީސްގެ ރަނިންމޭޓު ކަމަށް ފައްޔާޒުގެ ޝައުގެއް ނެތް, ވާހަކަ ފަތުރާ ކަމުގެ ތުހުމަތު ރީކޯއަށް

18 ޖުލައި 2023 - 12:20 0

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު ކަމަށް ވުމުގެ ޝައުގެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް 53 ދުވަހަށް ވެފައިވާއިރު ފުޅާދާއިރާއެއްގައި ކެމްޕޭން ކުރައްވަމުން ގެންދަވަނީ ހަމައެކަނި ރައީސް ސޯލިހެވެ. ރައީސް ސޯލިހާ އެކުގައި ނިކުންނަވާނެ ރަނިންމޭޓަކު އަދި ކަނޑައަޅާފައި ނުވާއިރު, ގާތް ބައެއް ބޭފުޅުން އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަން ހާމަވެފައިވެ އެވެ.

އެމަނިކުފާނުގެ ރަނިންމޭޓަކަށް ވާނެ ބޭފުޅަކާ މެދު "އަދަދު" އިން ތައްޔާރުކުރި ރިޕޯޓަކަށް ޓްވިޓާގައި ހިޔާލު ފަޅުކުރައްވަމުން ރައީސްގެ ކެބިނެޓުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާ ފައްޔާޒް ވިދާޅުވީ ރަނިންމޭޓަކަށް ވުމުގެ "އެއްވެސް ޝައުގުވެރިކަމެއް ނެތް" ކަމަށެވެ.

"ކޮންމެވެސް ސަބަކާ ގުޅިގެން ތި ވާހަކައެއް [ރަނިންމޭޓަކަށް ފައްޔާޒުގެ ޝައުގު ހުރި ވާހަކަ] ދައްކަވަމުން ގެންދަވަނީ ރީކޯ މޫސަ. އެއީ ވަރަށް ދެރަ ކަމެއް," ފައްޔާޒު ވިދާޅުވި އެވެ.

މިފަދަ ވާހަކަތަކެއް ރީކޯ ފަތުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވެފައިވާއިރު ރީކޯ އަކީ ރައީސް ސޯލިހުގެ ވަރަށް އަރިސް ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގައި ތިން ދައުރު އަދާކުރައްވާފައިވާ ރީކޯ މޫސަގެ ސިޔާސީ ހަޔާތް ފެއްޓެވީ ވެސް އެމްޑީޕީންނެވެ. އަލުން އޭނާ އެމްޑީޕީއަށް ސޮއިކުރީ ނޮވެމްބަރު 2022, ގަ އެވެ.

ރާއްޖޭގެ އިގްތިސާދަކީ މިހާރު އެންމެ ބާރަށް ކުރިއަރަމުންދާ އެއް އިގްތިސޯދު ކަމަށްވާއިރު ފައްޔާޒުގެ މިނިސްޓަރުކަމުގައި ރާއްޖޭން އިގްތިސޯދީ ދަތި ދުވަސްތަކެއް ވެސް ތަހައްމަލުކުރި އެވެ. ކޮވިޑު މެނޭޖުކުރުމުގައި ރައީސް އެންމެ ބޮޑު އިތުބާރެއް ކުރައްވައި ބުރަ މަސްއޫލިއްޔަތުތައް ހަވާލުކުރެއްވީ ވެސް ފައްޔާޒުއާ އެވެ.

ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވުން ވެގެންދިޔައީ އެމްޑީޕީގެ ބާރުތައް ރައީސްގެ އަތްމައްޗަށް ފުރޮޅިގެންދިޔަ ކަމަކަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހާއި ކޮންގްރެސްގައި ވެސް ރައީސް ސޯލިހުގެ ފެކްޝަނަށް ކުރި ލިބުނީ ފައްޔާޒު އިސްވެ ހުންނަވައި ކުރެއްވި މަސައްކަތްތަކުންނެވެ.

އޭނާއަކީ މަޖިލިސް މެމްބަރުންނާއި, ގައުމީ މަޖިލީހުގެ މެމްބަރުންނާއި, ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ އިތުބާރު އޮތް ކެބިނެޓުގެ އެންމެ ނުފޫޒުގަދަ މިނިސްޓަރެވެ. މި ސަބަބަށްޓަކާ ބައެއް މީހުން ގަބޫލުކުރަނީ މިފަހަރު ރައީސް ސޯލިހުގެ ރަނިންމޭޓުގެ ގޮތުގައި ފައްޔާޒު ފެނިގެން ހިނގައިދާނެ ކަމަށެވެ.

ފައްޔާޒުގެ އިތުރުން އެހެން ބައެއް ބޭފުޅުންވެސް ރަނިންމޭޓުކަމަށް ވެދާނެކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި މިހާރުގެ ނައިބުރައީސް ފައިސަލް ނަސީމް އާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން މިހާރު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އަކީ ވެސް ރަނިންމޭޓަކަށްވުން ގާތް ބޭފުޅުންނެވެ.