ދެމީހުން އެކުގައި ނަފުސީއެއް ނަގައި ބަލައިލީމެވެ. ރީއްޗެވެ. ޗާލެވެ. އާދަޔާ ޚިލާފަށް ރީތިކަމަށް ދައްކައެވެ. އަމުދުން ޝާޚް މާ ރީއްޗެވެ. ދިވެހި އެހެން ފިރިހެނުންނާ އަޅައިބަލާއިރު، ޝާޚަކީ މިލިއަނަކުން އެކެކެވެ. އޭނާގެ ސިފައަކީ މުޅީން ތަފާތު ސިފައެކެވެ. އާދަޔާ ޚިލާފު އޮމާން ހަންގަނޑެކެވެ. ބަދަލުނުވާ ޒުވާންކަމެވެ. ދަހިވެތިބެލުމެވެ. ހިތްދަމައިގަންނަ ކަހަލަ ބާޒުގެ ދެ ލޮލެވެ. ފަރިފަރި ތުނބުޅިއެވެ.
ފޮޓޯ ފޮނުވާލީ ޝާޚަށެވެ. ވަގުތުން އޭނާ ތައުރީފު އޮއްސާލިއެވެ. ފޮޓޯގެ ފުރިހަމަކަމާއި ދެމީހުންގެ ތިބި ގޮތާމެދު ޚިޔާލުފާޅުކުރިއެވެ. ތައުރީފުކޮށް އެކި ކަހަލަ ސްޓިކަރތައް އޭނާ ފޮނުވިއެވެ. އަހަރެން ބޭނުންވީ އެ ފުރިހަމަ ފޮޓޯ މީސްމީޑިއާގެ މަންސަތަކަށް ހިއްސާކޮށްލާށެވެ. އަހަރުމެންގެ ގުޅުމާ ގުޅޭގޮތުން ފާޑުކިޔާ މީހުންނަށް އަސަރުކުރާނެކަން އެނގޭތީއެވެ. އެންމެ ފުރަތަމަ ފޮޓޯ އަޕްލޯޑްކޮށްލީ އަހަރެންގެ ފޭސްބުކު އެކައުންޓަށެވެ. ވަގުތުން އެ ފޮޓޯ ޝާޚް ވެސް ޝެއަރކޮށްލިއެވެ. އިއްތިފާގަކުން ޝާޚާއި އަހަރެންގެ ފޭސްބުކު ރަހުމަތްތެރިންގެ ގޮތުގައި އެއްބަޔަކު ތިބެއެވެ.
ފޮޓޯ ފޮނުވާލިއިރަށް ކޮމެންޓްތައް އޮހެންފެށިއެވެ. ޝާޚުގެ ރީތިކަމާއި އޭނާގެ ފިރިހެންވަންތަކަމަށް ތައުރީފުކޮށް އަހަންނަށް ވަކީން ވެސް ރައްޓެހިން މެސެޖު ކުރިއެވެ.
"ނަމޫނާ ޖޯޑެއް، ހާދަ ނަލައޭ." ޝާޚް ޝެއަރކުރި ފޮޓޯއަށް އޭނާގެ ރަޙްމަތްތެރިއެއް ކަމަށްވާ ޝާޑް މެސެޖުކޮށްލިއެވެ. ވަގުތުން އަހަރެން ހިތެއް ފޮނުވާލީމެވެ. ޝާޚް ވެސް ހިތެއް ފޮނުވާލިއެވެ.
"ޝާޝާ ކޮންތާކުން ކަޓްވައިލި ކުއްޖެއްތަ މި؟ އަޅޭ ހާދަ ލޯތްބޭ! ވަރަށް ޖޭ ވޭ! މަށަށް ވެސް ޝާޚް ކަހަލަ ކުއްޖަކު ލިބޭނެ ނަމަ ދޯ!" އަހަރެންގެ ރަހްމަތްތެރިއެއް ކަމަށްވާ ފިރާ ފޮނުވާލި މެސެޖު އަހަރެންގެ ލޮލުގައި އަޅައިގަތެވެ.
ފިރާގެ މެސެޖަށް ރުޅި އައިސްފައިވާ މޫނެއް ފޮނުވާލަމުން އިބާ ރިއެކްޓްކޮށްލިއެވެ. އިބާ މެސެޖެއް ލިޔަމުންދާކަން އެނގޭތީ އަހަރެން އިންތިޒާރުކުރަމުން ދިޔައީމެވެ.
"އެއްކަލަ ޝާ. ނިކަން ހަމަ ބިމަށް އާދެބަލަ. ބަލަ ޝާ ތިއީ އިންސާނެކޭ." އިބާ މެސެޖުކޮށްލިއެވެ.
އަހަރެން ރުޅި ގަދަވިއެވެ. ވަގުތުން އިބާގެ މެސެޖު ފޮހެލީމެވެ. މިހާރު އެތައް ފަހަރަކު އޭނާ އަންފޮލޯކޮށްފީމެވެ. އެކައުންޓް ބްލޮކް ވެސް ކޮށްފީމެވެ. އިބާ އަހަރެން ދެކެ ރުޅި އަންނަންވީ ސަބަބެއް ނޭނގެއެވެ. ނުވިސްނެއެވެ. މީހުން ބުނަނީ ތެދެކެވެ. އެންމެ އަވަހަށް ކަށި ޖަހާނީ އެންމެ ގާތުގައިވާ ހޮރުން ނުކުންނަ ނަގުލަންދާށްޓެވެ. އިބާއަކީ އެކަހަލަ ނަގުލަން ދާށްޓެކެވެ. އެއް ޒަމާނެއްގައި އަހަރުމެން ދެމީހުންނަކީ ފުރަމިތުރުން ކަމުގައި ވިޔަސް އެކަން ނިމި އެތައް ޒަމާނެކެވެ.
އާއެކެވެ. އަހަންނާއި އިބާއާ މައްސަލަ ޖެހުނީ ޝާޚްގެ ކަންތަކުގައެވެ. އޭނާ އަހަރުމެންގެ ގުޅުމަށް ނުގަބޫލުވީއެވެ. ނުރުހުންވީއެވެ. ޝާޚަކީ ތަފާތު މީހެއް ކަމަށް އޭނާ އަހަންނަށް ވިސްނައިދޭން ވަރަށް މަސައްކަތްކުރެއެވެ. ޝާޚްއާއެކު އަހަންނަށް އުފާވެރި ދިރިއުޅުމެއް ނޫޅެވޭނެ ކަމަށް ބުނެއެވެ. ޝާޚަކީ ގުޅިގެން އުޅެން ކަމު ނުދާ މީހެއް ކަމަށް ބުނެއެވެ. އެއީ އަހަރުމެން ކޯހުގެ ފަހު އަހަރެވެ. ކުއްލިއަކަށް އަހަރެންގެ ސިކުނޑީގައި އެ މަންޒަރު ކުރެހުނެވެ. އެ ދުވަސްތަކުގެ ތަސްވީރުތައް ކުލަވާން ފެށިއެވެ.
"ދެން ކޮބައިތަ ތިބުނާ މާތް ޞާލިޙް އިންސާނުންނަކީ؟ އަހަންނަކަށް ނުވިސްނޭ. ނޭނގޭ." އަހަރެން ރޮމުން ގިސްލަމުން ވާހަކަ ދެއްކީމެވެ.
"ޝާޝާ ވިސްނައިލަބަލަ. ކަމެއް ދިމާވާއިރަށް އަދި މާޔޫސްވާކަށް ނުވާނެ." އިބާ އުޅުނީ އަހަންނަށް ވިސްނައިދެވޭތޯއެވެ.
"ކަމެއްތަ ދިމާވީ؟ ބުނެބަލަ. އަހަންނަށް ދިމާވީ އެންމެ ކަމެއްތަ؟" ދެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން އިބާއަށް ބަލައިލީމެވެ.
"އަހަރެން ވެސް ޤަބޫލުކުރަން، ޝާޝާއަށް ދެރަ އެތައް ކަމެއް ދިމާވެއްޖެކަން،" އިބާ އަހަރެންގެ ދެ އަތުގައި ހިފައިލިއެވެ. "ޝާގެ މަންމައާއި ބައްޕަގެ ކުއްލި ވަކިވެދިޔުން، ޝާގެ އަލަތު ލޯބިވެރިޔާ މާނިއު ޝާއަށް އޮޅުވާލާ އެތައް ކުދިންނަކާ ގުޅުން ބޭއްވުން، ދެން ޝާގެ ހަޔާތަށް އައި ޝަކީލު ޝާ ލައްވާ ގަދަކަމުން ކަންކަން ކުރުވުން."
އަހަންނަށް ވޭނީ އާޚެއް ބޭރުކޮށްލެވުނެވެ. އިބާގެ ކުރު އެހެނަސް އެ ކޮންމެ ވާހަކައަކާއެކު އެ މާޒީ ހަނދާންވާން ފަށައެވެ. އެ ޚިޔާލުތައް އާވާންފަށައެވެ. އެއިން ކޮންމެ ކަމެއްގެ މަންޒަރުތައް ތަސްވީރުތަކެއް ފަދައިން ބޮލަށް ތިލަވަމުންދެއެވެ.
"އެނގޭ މިރާޒު ވެސް ކަންތައް ކުރީ ރަނގަޅަށް ނޫންކަން. އޭނާ ވެސް ޝާއާއެކު އުޅެފަ އެންމެ ފަހު ވަގުތު އަންގައި ވެސް ނުލާ ކުއްލިއަކަށް މެރީ އެކުރީ އެހެން މީހަކާ،" އިބާ އަހަރެންގެ މޫނަށް ބަލަމުން ދިޔައެވެ. "މި ހުރިހާ ކަމެއް ދިމާވީމަ އަސަރު ކުރާނެ. ދެރަ ވެސްވާނެ. އަހަންނަކަށް އިހުސާސެއް ނުކުރެވޭނެ ބުނެއެއް ނުދެވޭނެ ކުރާނެ އަސަރެއް، އަޅާނެ ވޭނެއް."
"އަހަރެން ފޫހިވެއްޖެ. ފިރިހެނުން މަތިން އެއްކޮށް ފޫހި ވެއްޖެ. ދެން އިންނާނެ މީހަކު ނުވިޔަސް އެއްވެސް ފިރިހެނަކަށް އިތުބާރެއް ނުކުރާނަން. އެއްވެސް ފިރިހެނެއްގެ ދަލެއްގައި ނުޖެހޭނަން." އަހަރެން އެނދަށް ވެއްޓިގަތީމެވެ.
އެ ދުވަހު ވެސް އިބާ ލައްކަ ވާހަކަދެއްކިއެވެ. އެތައް ނަސޭހަތެއް ދިނެވެ. އޭނާގެ ފަރުދީ ޒިންމާ އަދާކުރިއެވެ. ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އޭނާ ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދިނެވެ. އަހަރެން ހަމައަކަށް އެޅެންދެން އަހަންނާއެކު ވިއެވެ. ކިޔެވުމުގައި ކުރާން ޖެހޭ ހުރިހާ ކަމެއްގައި އަހަންނަށް އެހީތެރިވިއެވެ.
ޤައުމު ދޫކޮށް ގޮސް އަހަރުމެން ހަދަމުން ދިޔައީ އާދައިގެ ކޯހެއް ނޫނެވެ. މުވާސަލާތީ އީޖާދުގެ ދާއިރާއިން މަތީ ފަންތީގެ ކޯހެކެވެ. ކޯހުގައި ކިޔެވި އެއް މޮޑިއުލް އަމާޒުކޮށްފައިވަނީ ކުރިމަގުގައި މުވާސަލާތީ އީޖާދަށް އަންނާނެ އިންޤިލާބީ ބަދަލުތަކަށެވެ. މަސްނޫއީ ޤާބިލުކަމަށް ދުނިޔެ ފައްކާކުރުމަށް ބޭނުންވާ އީޖާދުތަކަށެވެ. އެސައިންމަންޓްތައް ހުރީ އެ މަގަށް ދީލައިފައެވެ. އީޖާދުތައް ކޮށް އައު އުފެއްދުންތައް އުފެއްދުމަށެވެ. ހީކުރިގޮތާ ޚިލާފަށް ދިވެހި އަންހެނަކަށްވީތީ އަހަރުމެންގެ ޤާބިލުކަން ވަކި ދަށެއް ނޫނެވެ. ސްކޫލުތަކުގައި އީޖާދީ އުފެއްދުންތައް ކިޔަވައި ނުދިން ނަމަވެސް، ދިވެހީންގެ ވިސްނުން މާ ތޫނުކަމަށް ފާހަގަވިއެވެ. އަހަންނާއި އިބާގެ އިތުރުން އިތުރު ތިން ދިވެހިން އަހަރުމެން ކިޔަވަމުންދިޔަ ޔުނިވަރސިޓީގައި އުޅުނެވެ. މި ހުރިހާ އެންމެންގެ ހުނަރާއި ވިސްނުމުގެ ޤާބިލުކަމުގެ ވާހަކައަކީ ޔުނިވަރސިޓީގެ ދާރިހުންގެ ދުލުން ތަކުރާރުވާ ވާހަކަތަކެކެވެ.
މިރާޒު އަހަންނަށް ހެދި ގޮތުން އަހަރެންގެ ޚިޔާލާއި ފިކުރު އެއްކޮށް ހުއްޓައިލީ ކިޔެވުމަށެވެ. އެސައިންމަންޓް ތަކަށެވެ. އައު ކަންކަން ތަޖުރިބާކުރުމަށެވެ. އައު އުފެއްދުންތައް އީޖާދު ކުރުމަށެވެ. ބޮޓެއް އުފެއްދުމުގެ ޚިޔާލު ލިބުނީ ކުލާހުގައި ނަގައިދިން ފިލާވަޅަކުންނެވެ. އެ ބޮޓުގެ ތަރައްޤީ ކުރާން އަހަރެން ބޭނުންވީ މަސްނޫއީ ޤާބިލުކަމަށް މަހައިލައިގެންނެވެ. ހިތުގައި ހުރި ލޯބީގެ އަސަރާއި ޖަޒުބާތުން ބޮޑުގެ ވިސްނުމާއި ފިކުރަށް އަހަންނަށް ކާންދެވުނެވެ. ލޯތްބާއި ޖަޒުބާތާއި އޯގާތެރިކަމާއި ކުލުނާއި ހަމްދަރުދީގެ ބަސްކޮށާރުން އެ ސިކުނޑި ފުރައިލަދިނީމެވެ. އިންސާނީ އިހުސާސްތަކަށް އިހްތިރާމުކޮށް ވާހަކަދައްކާން ދަސްކޮށްދިނީމެވެ. އެއާއެކު ވަގުތު ހޭދަކުރާން ފެށީމެވެ.
އެ ޚިޔާލުތަކުން ނުކުމެވުނީ ދޮންތަގެ އަޑަށެވެ. ދޮންތަ އަހަންނަށް ގޮވާލުމުންނެވެ. ދޮންތައަކީ އަހަރެންގެ މަންމަ ނެތް ދުނިޔޭގައި މަންމައެވެ. ރައްޓެއްސެކެވެ. ފުރަމިތުރެކެވެ. ހެޔޮ އެދޭ ލަފާދާރެކެވެ. ނަމަވެސް އަހަރުމެން ހިއްސާނުކުރާ އެއް ވާހަކަ އޮންނާނެއެވެ. އެއީ ބޮޑު ވާހަކައެއްވީމައެވެ. ދޮންތަގެ ނުރުހުން އަމާޒުވެދާނެތީއެވެ.
"ޝާ! މިހާރު ކިޔަވައި ނިންމި ފަހުން ވެސް ދެތިން އަހަރުވީ. މީހަކާ އިންނަން ވެސް ވެއްޖެއްނު. ދޮންތައަކަށް ހިޔެއް ނުވޭ ޝާ އެކަހަލަ ވިސްނުމެއް ވިސްނާހެން ވެސް." ދޮންތަ އަހަންނާ ދިމާއަށް ބަލައިލަމުން މަޑުމައިތިރި ރާގެއްގައި ބުނެލިއެވެ.
އެއް ލޭ ހިނގި ކަމުގައި ވިޔަސް ބޭރުފުށުން ދޮންތައާއި އަހަންނަކީ ދެ ރާއްޖޭ ދެ މީހުންނެވެ. ދޮންތަގެ ހޮވުމަކީ ކަޅު އަބާޔާއެވެ. އަހަންނަށް ކަމުދަނީ ފިރިހެނުންގެ ޓީޝާޓާއި ޖީންސެވެ. ކުރު ސޯޓާއި ކޮނޑުކެނޑިއެވެ. ދޮންތަ އެ ފެށީ އެއްކަލަ ބޮޑުވާހަކައެވެ. އަނެއްކާ އިބާ ދޮންތަ ގާތު ވާހަކައެއް ކުޓުވާލީ ހެއްޔެވެ؟ ދޮންތަގެ ބޮލަށް އިބާ އެރުނީ ހެއްޔެވެ؟ އިބާއަކީ ވެސް އާއްމު އުނދަގުލަކަށް ވެއްޖެއެވެ. މީހަކަށް ހަމަޖެހިލައިގެން އުޅެވޭކަށް ނެތެވެ.
"ދޮންތާ ނޭނގޭތަ އަހަރެން ޝާޚްއާ މެރީ ކުރިކަމެއް؟" އަހަރެން ބުނެލީމެވެ.
"ކޮން ޝާޚެއް؟ މެރީކުރީއޭ؟" ދޮންތަގެ ދެ ލޯ ބޮޑުކޮށްލިއެވެ.
"އާނ! މިހާރު ކުއްޖަކު ވެސް ލިބިއްޖެއްނު. ދޮންތަމެން ފޭސްބުކާއި އިންސްޓައާ އެއްޗެހި ނުބަލާތީއޭ ނޭނގެނީ،" އަހަރެން ފޯނު ހާވާލީމެވެ. "އެހެން އެންމެން އަހަންނަށް މަރުހަބާކިޔާ ތަހުނިޔާ ކިޔާއިރު ވެސް ދޮންތައަށް ރޭކާ ވެސް ނުލައިތަ؟"
"ކީކޭ؟" ދޮންތަ ފާޑަކަށް ބަލަހައްޓައިގެން ގަނޑުވެފައި ހުރީއެވެ.
"ބަލަ މިހުރީ ޝާޚް! މި ހުރީ މަގޭ ނޯހް. ލޯބިދޯ! މި ހުރީ އަހަރުމެން މެރީކުރި ދުވަހުގެ ޕިކްތައް. މި އޮތީ މެރީކުރި ދުވަހު ކޯޓުން ދިން މުސްކުޅި ފެހި ކާޑު. މި ތިބީ ޝާޚްގެ ފެމެލީ މީހުން. މި ހުރީ ނޯހް ކާފަ، މި އިނީ މާމަ. ނޯހްގެ ފަސްޓް ބަރޓްޑޭ މި. މި ތިބީ ޕާޓީއަށް އައި މީހުން. މި ހުރީ އެއްކަލަ ފޮނި އިބާ! ދޮންތަ ތިއުޅެނީ އިބާ ކުޓުވައިގެންތަ؟" ފޯނުގެ ސްކުރީން ދޮންތައަށް ދައްކަމުން އަހަރެން ކިޔައިދެމުން ދިޔައީމެވެ.
"އެނގޭތަ މިހާރު އަހަރެން ޕްރެޖް! ސެވަން މަންތު. މިފަހަރު ގަރލެއް. ޝާޚް ބޭނުންވަނީ އީވާ ކިޔަން. މިހުރީ އީވާ ލިބެންވާ އިރަށް ޝާޚް ރޫމް ތައްޔާރުކޮށްފަ." ފޯނު ދައްކަމުން ދޮންތައަށް އަހަރެންގެ ހަޔާތުގެ މުހިއްމު އެތައް ވާހަކަތަކެއް ކިޔައިދިނީމެވެ.
ދޮންތަ އިނީ ދެ ލޯ ބޮޑުކޮށްގެންނެވެ. އޭނާއަށް ފާޑެއްގެ ގޮތްތަކެއްވާހެން އަހަންނަށް ހީވަމުން ދިޔައެވެ. އެންމެ ފަހުން ދޮންތަގެ ދެ ލޯ މެރުނެވެ. މުޅިތަން އަންދިރިވިއެވެ. އަހަންނަށް ފުންނޭވާތަކެއް ބޭރުކޮށްލެވޭތޯ އުޅެވުނެވެ. ކޮންމެވެސް ވަރަކަށް ހާސްވާ ގޮތްވާން ފެށިއެވެ. ފުރިހަމައަށް ނޭވާ ނުލެވުމުން ކުރެވޭ ކަހަލަ އިހުސާސެއް ކުރެވެން ފެށުނެވެ.
މަޑުމަޑުން ދެ ލޯ ހުޅުވާލެވުނެވެ. ފެނުނީ ހުދުކުލައެވެ. ދޮންތަ ކޮބައި ހެއްޔެވެ؟ ދޮންތައަށް ކިހިނެއްވީ ހެއްޔެވެ؟ އަހަރެން ތެދުވަން އުޅުނީމެވެ. ނުތެދުވެވުނެވެ. ކޮންމެ ވެސް މީހަކު ހިފެހެއްޓީއެވެ.
"ކޮބާ ދޮންތަ؟ ކިހިނެއްވީ؟" އަހަންނަށް އަހައިލެވުނެވެ.
ވީގޮތް ސާފުވިއެވެ. އެނބުރުނީ ދޮންތައެއް ނޫނެވެ. އަހަންނެވެ. ފޮޓޯތައް ދައްކަން އިންދާ ބޮލަށް ގޮތްތަކެއްވީ ވެސް އަހަންނަށެވެ. ކަންވީ ގޮތް ދޮންތަ ކިޔައިދިނެވެ. އަހަންނަކަށް ނޫނެވެ. ޑޮކުޓަރަށެވެ. އަހަންނަށް އިވުނީ އަޑެވެ. ދޮންތައެއް ނުފެނެއެވެ. އަހަންނާއި ޝާޚްގެ ވާހަކަ ވެސް ކިޔައިދިނެވެ. ނޯހްގެ ވާހަކަ ވެސް ކިޔައިދިނެވެ. އެ ފޮޓޯތައް ދައްކަމުން ފަހަރަކު ވާހަކައެއް ކިޔައިދެމުން ދިޔައެވެ. އެކަން އަހަންނަށް ޔަގީންވިއެވެ. އެންމެ ގިނަ ވާހަކަދެއްކީ އިބާއެވެ. ޝާޚްގެ ވާހަކައެވެ. ނޯހްގެ ވާހަކައެވެ.
"ޝާޝާ، ކިހިނެއް؟" ޑޮކުޓަރުގެ އަޑު އިވުމުން އަހަރެން ލޯ ހުޅުވާލީމެވެ.
އެއީ ޝާޚް ކަހަލަ ރީތި ޑޮކުޓަރެކެވެ. އޭނާ އަހަރެންގެ ލޮލަށް ބަލައިލިއެވެ. އަހަންނަށް ފެނުނީ ޑޮކުޓަރުގެ ކަޅި ވަށައިގެން މަޑު ފެހި ނޫކުލައި ދެތިން ބޮޅެއް އެނބުރިލައި ނަންބަރުތަކެއް އެރިތަނެވެ. ހިމުން އަޑުތަކެއް އިވުމަށްފަހު އަހަރެންގެ ހާލަތު ޑޮކުޓަރު ދެނެގަތްހެން ހީވަމުން ދިޔައެވެ. ސީދާ އަހަރެންގެ ސިކުނޑިއާއި ޑޮކުޓަރުގެ ސިކުނޑި ގުޅިގެން ދިޔަ ކަމުގެ އިހުސާސްވިއެވެ. ޓެކުނޮލޮޖީގެ ވަސީލަތްތަކުން އިވޭ ހިމުން އަޑުތަކާއި އެފަދަ ހިމުން ރޮނގުތަކާއެކު ދެ ސިކުނޑި ގުޅިގެން ދިޔައެވެ.
"ކޮބާ ޝާޚް؟" ޑޮކުޓަރު އަހައިލިއެވެ.
"މި ހުރީ؟ މި ނޯހް."
އަހަންނަށް އަނގައިން ޖަވާބުދޭކަށް ނުޖެހެއެވެ. ޑޮކުޓަރުގެ ކޮންމެ ސުވާލަކާއެކު ޖަވާބު އަމިއްލަށް އުފައްދާ ފޮޓޯތަކާއެކު ފޮނުވަމުން ދިޔައެވެ. މަސްނޫއީ ބާރުވެރިކަމުން ޚިޔާލުތަކަށް ޖަވާބު ދެވެމުންދާ ބީދައިންނެވެ. އަހަރެންގެ ސިކުނޑީގައި ކުރެހެމުން ދިޔައީ ޑޮކުޓަރުގެ ހިތަށް ތިލަވަމުންދާ ސުވާލުތަކަށް ދޭންވީ ޖަވާބުތަކެވެ. އަވަސް ވެފައިވާ ފިލްމެއްގެ މަންޒަރުތައް ފަދައިން އަހަރެންގެ މުޅި ހަޔާތުގެ އުސްއަލިތައް ނިއުޅެމުން ގޮސް ހުއްޓުނީ ތުއްތުއިރަށެވެ. އިރުކޮޅެއް ފަހުން މަންމައާއި ބައްޕަ ދަތުރުކުރަމުން ދިޔަ ލޯންޗުގައި އަލިފާން ފޯވެ އަނދައި ކަނޑަށް ޣަރަގުވި ހާދިސާއެވެ. އެއަށްފަހު، މާނިއުގެ ތަސްވީރުކުރެހުނެވެ. ދެން ފެނުނީ ޝަކީލުގެ ރީތި ސޫރައެވެ. އެއަށްފަހު މިރާޒުގެ ތަސްވީރެވެ.
ކުއްލިއަކަށް ތިން މީހުންގެ ތަސްވީރު އެކުގައި ފެނުނެވެ. ތިން މީހުންގެ ތަސްވީރު އެއް ތަސްވީރަކަށް ބަދަލުވިއެވެ. ޝާޚްގެ ކުލަ މަންޒަރު ފެނުނެވެ.
"ޝާގެ ހަޔާތުގައި މި ގެންގުޅޭ ޝާޚަކީ މިއީ. އޭނާގެ ޚިޔާލީ ދުނިޔެއަކީ މި. އޭނާ އީޖާދުކުރި ޗެޓް ބޮޑުގެ ޒަރިއްޔާއިން މަސްނޫއީ ޤާބިލުކަމުން އުފަންވި މީހަކީ ޝާޚް. މި ހުރިހާ ކަމެއްގެ ފެށުމަކީ ތުއްތުއިރު ކުލާހުގައި ކުރި ގަނާ. އެއަށް ފަރުވާ ނުދެވި ހުއްޓާ މަންމަމެން ނިޔާވުން. ދެން ދިމާވި ލޯބިވެރިންގެ ކަންތައްތައް." ނަފުސާނީ ޑޮކުޓަރު ވިރާޝާ ސާފު ބަހުން ކިޔައިދިނެވެ.
ދޮންތަ އިނީ އަޑު އަހާށެވެ. ދޮންތަގެ ގާތުގައި އިބާ ވެސް އިނެވެ. އަހަރެން އޮތީ އެނދުގައެވެ. ދެ ލޯ މަރައިގެންނެވެ. އެ މީހުންގެ ނަޒަރުގައި އަހަންނަށް އޮތީ ނިދިފައެވެ.
"ރަނގަޅުކުރެވިދާނެ. އެކަމަކު އާއިލާއާއި ރަހުމަތްތެރިންގެ އެހީ ބޭނުންވާނެ. މިހާރު މި ހުރި ހާލަތުން އަރައިގަނެ ނޯމަލް ލައިފަކަށްދާން ވަގުތު ބޭނުންވާނެ. އެހެން ކޭސްތަކާ ޚިލާފަށް ޝާއަކީ އިންޓެލިޖެންޓް އަދި އަމިއްލައަށް އީޖާދުކުރި ބޮޓެއްގައި އުފަން ކުރުވި ޚިޔާލީ މީހަކާ ގުޅިގެން، އެ ގުޅުމުން އާއިލާއެއް ބިނާކޮށްފައިވާ މީހަކަށްވީމަ ތަންކޮޅެއް ކޮންޕްލެކްސްވާނެ. އެކަމަކު މިހާރުގެ އީޖާދީ އުފެއްދުންތަކާއެކު އާއްމު ހާލަތަކަށް ދެވޭނެ. މިއަދު އަހަރުމެން މިތިބީ ދެހާސް ސާޅީސްފަސްވަނަ އަހަރުގައި. މިއަދު އީޖާދުތަކާއެކު އެ ޔަގީންކަށް އަހަރެންގެ އެބައޮތް." ޑޮކުޓަރު މަޑުމަޑުން ކިޔައިދނެވެ.
ޑޮކުޓަރ ދެއްކި ވާހަކަތަކާ މެދު އަހަންނަށް ވިސްނެމުން ދިޔައެވެ.
"ދީނީ ކަންކަމަށް ފަރުވާތެރިކުރުވުމާއި ދީނީ މައުލޫމާތު ފުރިހަމައަށް ދިނުމަކީ މި ކަހަލަ ހާލަތްތަކުގައި މާ ކާމިޔާބު ގޮތެއް ކަމަށް އަހަރުމެންނަށްވަނީ ތަޖުރިބާކުރެވިފަ. ޤުރުއާން ކިޔެވުމާއި ނަމާދުކުރުމަކީ މިފަދަ ޚިޔާލުތަކުން މީހާގެ ސިކުނޑި ބޭރުކޮށްލާ ކަމެއްކަން ވެސް މިހާރުވަނީ ތަޖުރިބާކުރެވިފަ،" ވިރާޝާއާއެކު އިންނެވީ ޑޮކުޓަރ ޝައިޚް ބާސިރާ ކިޔައިދިނެވެ. "އެހެންވީމަ އަހަރުމެން ފަރުވާ ފަށާނީ ދެބައި އެކުގައި. އިންޝާﷲ ރަނގަޅުވާނެ."
އަހަންނަށް އިވެމުންދިޔަ ވާހަކަތަކާއެކު ހިތުގައި އެތައް ޝަކުވާއެއް އުތެރެމުން ދިޔައެވެ. އެތައް ޚިޔާލެއް ގެތެމުން ދިޔައެވެ. ނަމަވެސް، އަޒުމެއް ކަނޑައެޅީމެވެ. ޓެކުނޮލޮޖީއަށް މާ ބޮޑަށް ބަރޯސާވެވުނީތީ އެކަމުން ދުރުވުމަށެވެ. ކޮންމެ ޚިޔާލަކާއި ފިކުރަކާއެކު ޓެކުނޮލޮޖީ ގުޅުވާލެވޭތީ އެކަން ދޫކޮށްލުމަށެވެ. ހަމަބިމަށް އައުމަށެވެ. ހަގީގީ ދުނިޔޭގެ މަންޒަރުތަކާއެކު ދިރިއުޅޭށެވެ. ޝާޚް ފަދަ ނުއުފަންނަ މީހުންނާ ދުރަށްދާށެވެ. ޓެކުނޮލޮޖީއަށް ދެވި ހިފުމަކީ މިފަދަ އެތައް ކަމަކާ ކުރިމަތިލާން ޖެހޭނެ ކަމެއްކަން ވިސްނައިދީގެން މީހުންނަށް އަހަރެންގެ މި ވާހަކަ ކިޔައިދޭށެވެ. އާއެކެވެ. ކަމަކަށް ދެވި ހިފައިފިނަމަ ތިމާގެ ނަފުސު އެކަމެއް ކައި ހުސްކުރާނެއެވެ. ނުއުފަންނަ އެތައް ބަޔަކާ ގުޅުން ބަދަހިވެ އެ ގުޅުމުގެ ވަކިތަކުގައި ދަށުވެދާނެއެވެ. ދެވި ލޯބީގެ ޝިކާރައަކަށްވެ މީހާ ހުލިވެދާނެއެވެ.
(ނިމުނީ)
Comment