Advertisement

އިދިކޮޅުގެ ކެމްޕެއިން އުކުޅުތަކަށް ރައީސް ފާޑުވިދާޅުވެއްޖެ

16 ޖުލައި 2023 - 22:08 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު


އިދިކޮޅުގެ ކެމްޕެއިން އުކުޅުތަކަށް ރައީސް ފާޑުވިދާޅުވެއްޖެ

16 ޖުލައި 2023 - 22:08 1

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަން މ. މުއްޔަށް ވަޑައިގަތުމުން މަރުހަބާ ކިޔަން އެއްވެފައި ތިބި ސަފުގައި ހުރި މީހަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދިމާލަށް ހަޅޭއްލެވި ހާދިސާއަށްފަހު، ވާދަވެރިން ކެމްޕެއިނު ކުރާ ގޮތާއި އުކުޅުތަކަށް އެމަނިކުފާނު މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

މުއްޔަށް އިއްޔެ ވަޑައިގަތުމުން ރައީސް ސޯލިހާ ދިމާލަށް ހަޅޭއްލެވީ ނޫކުލައިގެ ހެދުމަކާއި ރީނދޫ ކުލައިގެ ބުރުގައެއް އަޅައިގެން ހުރި އަންހެނެކެވެ. އޭނާގެ ވާހަކަތައް ކޮންމެވެސް ވަރަކަށް އަޑުއެއްސެވުމަށްފަހު ރައީސް ވަޑައިގަތް އިރު ވެސް އޭނާ ހަޅޭއްލަވަމުންދިޔަ އެވެ. އޭގެ ފަހުން މިއަދު ވެސް ރައީސްއާ ދެކޮޅު ހަރަކާތެއް ރަށަކުން ފެނުނެވެ.

މިރޭ މ. ދިއްގަރުގައި ވާހަކަ ދައްކަވަމުން އެ ހާދިސާއަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ވާދަވެރިންގެ ފަރާތުން އަދިވެސް ފެންނަނީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު އެމްޑީޕީން ބޭނުން ކުރި އުކުޅުތައް ކަމަށެވެ.

"ބައެއް ފަހަރު ހިތަށް އަރާ އަޅުގަނޑުމެންގެ ވާދަވެރިންނަށް އެ އުޅެނީ ދެހާހުގެ ކުރީ ކޮޅުގައޭ. އެއިރު އަޅުގަނޑުމެން ކުރަން ފެށި ކަހަލަ ކޮންމެވެސް މަސައްކަތްތަކެއް ބައެއް ރަށްރަށުން އެބަ ފެނޭ. އަޅުގަނޑު ވަރަށް އިހުތިރާމާއެކު އެބޭފުޅުންނަށް ދަންނަވާލާނީ [އެކަން] ދޫކޮށްލައްވާށޭ. ރަނގަޅަށް ވާދަވެރި ކެމްޕެއިނެއް ކުރައްވާށޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޒަމާނީ ޑިމޮކްރަސީގައި އެމްޑީޕީއަށް ކުރިއަށް ދެވިއްޖެ ކަމަށާއި ނަމަވެސް ވާދަވެރިން އަދިވެސް އުޅެނީ މާ ފަހަތުގައި ކަމަށެވެ.

"އަޅުގަނޑުމެން މީގެ އެތައް އަހަރެއް ކުރިން ފެށި މަސައްކަތެއް، ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ގެނައުމަށްޓަކައި. މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މިހުރި ހިސާބަކީ ވާދަވެރި ކެމްޕެއިނެއް ހިންގައި، އިންތިހާބުގައި ވާދަކޮށް، ވޯޓުން ނަތީޖާ ނެރުން. އަޅުގަނޑުމެންނަށް އެހިސާބަށް އާދެވިއްޖެ ގައިމުވެސް. އެމްޑީޕީއަށް އާދެވިއްޖެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ރަށުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރަށް އެންމެ ދަތި ވަގުތުގައިި ވެސް ދިއްގަރަށް ބޭނުންވާ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.

"ސަރުކާރަށް ދިމާވި އެންމެ ދަތި އުނދަގޫ ދުވަސްވަރުގައި ވެސް މި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގަތިން. މުޅި ދުނިޔެ އެއިރު އޮތީ ހުއްޓުމަކަށް އައިސް. ރާއްޖެ ވެސް އޮތީ ލޮކްޑައުނެއްގައި،" ރައީސް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނު ކުރައްވާފައި ވަނީ ރައީސް ސޯލިހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ވެސް އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. ނަމަވެސް ވާދަކުރެއްވުމުގެ ޝަރުތު އެމަނިކުފާނުގެ ހަމައެއްނުވެ އެވެ.