Advertisement

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަދުލު އިންސާފުގެ ހިދުމަތް ދެނީ އިހުލާސްތެރިކަމާއެކު ކަމަށް

16 ޖުލައި 2023 - 18:08 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކޯޓަށް ފަރިތަ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވާހަކަ ދައްކަވަނީ


އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަދުލު އިންސާފުގެ ހިދުމަތް ދެނީ އިހުލާސްތެރިކަމާއެކު ކަމަށް

16 ޖުލައި 2023 - 18:08 0

ދިވެހިންނަށް އަދުލު އިންސާފުގެ ހިދުމަތް ފޯރުކޮށްދެނީ އިހުލާސްތެރިކަމާއެކު ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިއަދު ވިދާޅުވެއްޖެ އެވެ.

ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް އާންމުން ހޭލުންތެރިކުރަން "ކޯޓަށް ފަރިތަ" ނަމުގައި ކެމްޕޭނެއް ލޯންޗުކުރަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިދިޔަ ހަފުތާގައި ކޯޓުތަކުގައި ފަނޑިޔާރުން ވަރަށް ކުރިން ނިންމަވާފައިވާ ނިންމެވުންތަކުގެ ލިޔުންތަކެއް ބެއްލެވި ކަމަށެވެ.

އެއީ ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށާއި ދެކުނު ބައެއް ރަށްރަށަށް އުއްތަމަ ފަނޑިޔާރު ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން އެ ރަށްރަށުގެ ކޯޓުތަކަށް ޒިޔާރަތް ކުރައްވައި، ކޯޓުތަކުގައި ހުރި ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓްތަކެއް ބެއްލެވި ވާހަކަ އެވެ.

"އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަމަކީ ފަނޑިޔާރު މީހާގެ ގާތަށް މީހަކު ގެނައުމުން ވަރަށް ތެދު ބަހުން ވާހަކަ ދައްކާފައި ހުރި ކަން، ޒަމާންތަކެއް ކުރިން ވެސް، ނައިބުކަލޭގެ، ފަނޑިޔާރުން، އެ މައްސަލައިގެ ހައްލު ހޯއްދަވައި ހައްލު ހޯއްދެވި ގޮތް ލިޔުއްވާފައިވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

މިހާރު ވެސް ފަނޑިޔާރުން ކުރައްވާ މަސައްކަތަކަށް ބަދަލެއް ނާންނަ ކަމަށް ވިދާޅުވި އެވެ.

"މިހާރު ވެސް އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ އަދުލު އިންސާފު ގާއިމް ކުރުން، އަޅުގަނޑުމެން މި ކުރާ މަސައްކަތް މި ކުރަނީ ހިދުމަތެއްގެ ގޮތުގައި، ވަރަށް އިހުލާސްތެރިކަމާއެކު،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެމެރިކަން ބާ އެސޯސިއޭޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން މިއަދު ލޯންޗުކުރި ކެމްޕޭނަކީ މުހިންމު ކެމްޕޭނެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކޯޓުތަކުން ހިދުމަތް ދިނުމުގައި، ހިދުމަތަށް އެދޭ ފަރާތަށް ވީހާވެސް ލުއި އިންތިޒާމުތަކެއް ހަމަޖެއްސުމަށް އިލްތިމާސްކުރެއްވި އެވެ.

"މި ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ކޮބައިކަން އެނގެން ޖެހޭނެ، އަދި އެ ފަރާތްތަކަށް ލިބޭނެ އެންމެ ފަސޭހަ ލުއި ހައްލަކީ ކޮބައިކަން އެނގި އެ ކަމުގެ ބޭނުން ހިފުމުގައި އަޅުގަނޑުމެންނަށް ވެވެން އޮތް ވަރަކަށް އެހީތެރިވެދިނުން،" އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވި އެވެ.