15 ޖުލައި 2023 - 13:53 0
މުހައްމަދު އުޝާމް
15 ޖުލައި 2023 - 13:53 0
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގައި ހުސްވެފައިވާ އެ ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް މީހުން އިންތިހާބު ކުރުން ކުރިއަށް ގެންދާނީ ރިޔާސީ އިންތިހާބަށް ފަހު ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީގެ ލީޑާޝިޕްގެ އެންމެ އިސް ދެ މަގާމު ހުސްވެގެން ދިޔައީ އެ ޕާޓީގެ ރައީސް ކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު ޝިފާޒު (ސިއްޕެ) އެ ޕާޓީން ވަކިވުމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް "އަދަދު" ނޫހަށް މިއަދު ވިދާޅުވީ ރައީސް އަދި ނައިބު ރައީސްގެ މަގާމުގެ އިންތިހާބު ހިމެނޭހެން އެ ޕާޓީގެ އެތެރޭގެ އިންތިހާބުތައް ދެން ކުރިއަށް ގެންދާނީ ރިޔާސީ އިންތިހާބަށް ފަހު ކަމަށެވެ.
"ރިޔާސީ އިންތިހާބަށް ފަހު ދެން އަޅުގަނޑުމެންގެ އެތެރޭގެ އިންތިހާބުތައް އޮންނާނީ،" މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ކަމުގައި ވެސް ހުންނެވި ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ އެއް ބާނީ، އަދި އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސް ކަން ވެސް ކުރެއްވި ނަޝީދު ސަތާރަ އަހަރަށް ފަހު އެ ޕާޓީ ދޫކޮށްލެއްވީ އެތެރޭގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގަ އެވެ.
ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މީހުން މިހާރު ވަނީ "ދަ ޑިމޮކްރެޓްސް" ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދައިފަ އެވެ. ނަޝީދު އާ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު އެމްޑީޕީ "ރޫޅާލާނެ" ކަމަށް އިންޒާރު ވެސް ދެއްވި އެވެ. ނަމަވެސް އެމްޑީޕީ ވަރުގަދަވަމުންދާނެ ކަމަށް ފައްޔާޒު ގަބޫލުކުރައްވަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނަޝީދު އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ މަގާމު ފުރުއްވި ނަޝީދުގެ ބާރު ޕާޓީގައި ގެއްލެން ފެށީ 2018 ވަނަ އަހަރު ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް ދޫކޮށްލެއްވި ފަހުންނެވެ.
އެ އަހަރު ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އިންތިހާބުކުރި ކެންޑިޑޭޓަކީ ނަޝީދެވެ. ޕްރައިމަރީގައި ވާދަކުރެއްވީ ވެސް އެމަނިކުފާނު އެކަންޏެވެ. ނަމަވެސް, އޭރު ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އޮތުމުން އިންތިހާބުގައި ވާދަކުރެވޭ ގޮތް ނުވުމުން، އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ރައީސް ސޯލިހަށް ރިޔާސީ ޓިކެޓު ދިނުމަށް ނިންމީ އެވެ.
އޭގެ ފަހުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އަދި އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށްވާ ގައުމީ މަޖިލިހުގެ ބާރު ވެސް އޮތީ ރައީސަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ ކޮންމެ އިންތިހާބެއް ވެސް ރައީސް ގެންދެވީ ކާމިޔާބުކުރައްވަމުންނެވެ. ނަޝީދާ ވާދަކުރައްވައި ހޯދި ކާމިޔާބީއާއެކު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކީ ވެސް ރައީސް ސޯލިހެވެ.
Comment