Advertisement

ފުލުހުންގެ ތެރޭ އޮތް ސިޔާސީ ނުފޫޒު މުޅިން ކަނޑުވާލެވިއްޖެ: ރައީސް

15 ޖުލައި 2023 - 11:58 0

މ. ކޮޅުފުށި

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯމް މިނިސްޓަރު އިމްރާނާއެކު؛ ވަރަށް ތައުރީފް ކުރައްވައި ވިދާޅުވީ ފުލުހުންގެ ތެރެއިން ސިޔާސީ ނުފޫޒު މުޅިން ކަނޑުވާލެވިއްޖެ ކަމަށް-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ފުލުހުންގެ ތެރޭ އޮތް ސިޔާސީ ނުފޫޒު މުޅިން ކަނޑުވާލެވިއްޖެ: ރައީސް

15 ޖުލައި 2023 - 11:58 0

މ. ކޮޅުފުށި

ވެރިކަމަށް ވަޑައިގެންނެވިއިރު ފުލުހުންގެ ހިދުމަތުގެ ތެރޭގައި އޮތް ސިޔާސީ ނުފޫޒު މުޅިން ކަނޑުވާލެވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އުފަން ރަށް މ. ކޮޅުފުށީގައި ބޭއްވި ކެމްޕެއިނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް މުއައްސަސާތަކަށް ނުފޫޒު ފޯރުވާފައި އޮތް މިންވަރު އެނގޭ ކަމަށާއި އެކަން ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ.

"ހަމައެކަނި ފުލުހުންގެ މުވައްސަސާއަށް ބެލިޔަސް، ޕޮލިސް ކޮމިޝަނަރު ފަސް ކޮމިޝަނަރު ބަދަލުވެގެން ދިޔަ، އަހަރަކަށް މީހެއް، އަހަރަކަށް މީހަކު، ތަނެއް ހިންގާނީ ކިހިނެއްތޯ، ސިޔާސީ ބޭނުމަށް ވަކި މީހަކާ މެދު ވަކި ކަމެއް ކުރަން ބުނުމުން ގެއަށް، ދެން ހުންނަ މީހާ ލަނީ، މިގޮތަށް އެބަހުރި ގާތްގަނޑަކަށް ހަތް ދުވަހުގެ ތެރޭގައި ބަދަލުވެފައި،" ރައީސް ވިދާޅުވި އެވެ.

ފުލުހުންނަކީ ތައުލީމާއި ތަމްރީނު ލިބިގެން ތިބި ބައެއް ނަމަވެސް އެގޮތުގައި އެކަން ހިންގުމުގެ ފުރުސަތު އޭރު ނުލިބުނު ކަމަށާއި އޮތީ ސިޔާސީ ނުފޫޒު ބާރާއި ވަދެ، ފޯވެފައި ކަމަށް ރައީސް ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ ކުރަން ޖެހުނު ކަމަކީ ފުލުހުންގެ ހިދުމަތް އޭގެ ޒާތުގައި ހިންގުމަށް ޖާގަ ދިނުން ކަމަށާއި މިއަދު އެ ތަނުން ފެންނަ މަންޒަރު ތަފާތު ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު އިރާދަކުރެއްވިއްޔާ އެ މަންޒަރު ތިޔަ ބޭފުޅުންނަށް ފުލުހުންގެ މުވައްސަސާއިން ފެނިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މިއަދު ރާއްޖޭގައި އަމާން ކަން ގާއިމްވެފައި އޮތީ އެ ސަބަބުތަކަށް ޓަކައި ކަމަށާއި އެ މުއައްސަސާ ބަލަހައްޓަމުން ގެންދިޔައީ މި ރަށަށް އުފަން ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން އެ މުވައްސަސާއަށް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ،" ކޯލިޝަން ޕާޓްނަރަށް ތައުރީފް ކުރައްވައި ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމަށް ވަޑައިގެންނެވިއިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ އަބްދުﷲ ރިޔާޒެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ދެން އެ މަގާމަށް އައްޔަން ކުރީ ހުސައިން ވަހީދެވެ. އޭނާ އެ މަގާމުން ވަކިކޮށް ދެން އެ މަގާމަށް އައްޔަން ކުރީ އެސިސްޓެންޓް ކޮމިޝަނަރަކަށް ހުންނެވި އަހުމަދު އަރީފެވެ.

ފެބްރިއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް މަގާމުން ވަކިކޮށް، އެ މަގާމަށް އަހްމަދު ސައުދީ އައްޔަންކުރިއެވެ. ނަމަވެސް ފަހުން ރައީސް ޔާމީން ވަނީ ސައުދީ ވެސް މަގާމުން ވަކިކޮށް، އެކްޓިން ސީޕީގެ މަގާމަށް އަބްދުﷲ ނަވާޒް އައްޔަކޮށްފައެވެ.

ރައީސް އެ ފަސް ކޮމިޝަނަރުންގެ ވާހަކަ ގެންނެވިއިރު، މި ސަރުކާރުން ފެށުނީއްސުރެ އެ މަގާމުގައި ހުންނަވަނީ މުހައްމަދު ހަމީދެވެ. ހަމީދަކީ މިހާތަނަށް އެންމެ ގިނަ ދުވަސްވީ ޕޮލިސް ކޮމިޝަނަރެވެ.