Advertisement

އަލީ ވަހީދު ގާސިމް އަރިހަށް؛ އެކުގައި ކުރިއަށް ދާނެ ކަމުގެ އިޝާރާތެއް

14 ޖުލައި 2023 - 23:24 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އަލީ ވަހީދު މިއަދު މާމިގިއްޔަށް ވަޑައިގަތުމުން ގާސިމް މަރުހަބާ ދަންނަވަނީ--- ފޮޓޯ: ޖޭޕީއ


އަލީ ވަހީދު ގާސިމް އަރިހަށް؛ އެކުގައި ކުރިއަށް ދާނެ ކަމުގެ އިޝާރާތެއް

14 ޖުލައި 2023 - 23:24 1

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ އަރިހަށް ޒިޔާރަތްކޮށް، ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެކުގައި ކުރިއަށް ދާނެ ފަދަ އިޝާރާތެއް ދެއްވައިފި އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ގޯނާގެ ދައުވާތައް ކުރިއަށް ނުގެންދިއުމަށް ދައުލަތުން ނިމިދިޔަ ޖޫން މަހު 14 ގައި ވަނީ ނިންމުމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު އޭނާ ވަނީ ތިން އަހަރަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފަ އެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގައި ހުންނެވި އަލީ ވަހީދު މިއަދު ގާސިމްގެ އަރިހަށް ޒިޔާރަތް ކުރުމަށް ފަހު ދިން އިންޓަވިއުއެއްގައި ވިދާޅުވީ ސިޔާސީ ދާއިރާގައި އަބަދުވެސް އެންމެ ބޮޑު މަދަދުގާރަކީ ގާސިމް ކަމަށެވެ. އަދި, އިނގިރޭސިވިލާތަށް އަރުވާލެވިގެން ހުންނެވި ތިން އަހަރު ތެރޭގައި ކޮންމެ ދުވަހަކު ވެސް "އިރު އަރަނީ ގާސިމްގެ ހެޔޮ އެދުންތަކާއެކު" ކަމަށެވެ.

"މިދިޔަ ހިތްދަތި ދުވަސްތަކަށް ފަހު، އުފާވެރިކަމެއް ލިބުމުން އެންމެ ފުރަތަމަ މަރުހަބާ ކިޔުއްވީ ވެސް ގާސިމް،" އަލީ ވިދާޅުވި އެވެ.

ސިޔާސީ މުސްތަގްބަލާ މެދު ވާހަކަ ދައްކަވަމުން ގާސިމަށް ތާއިދު ކުރައްވާނެ ވާހަކަ ސީދާ ވިދާޅުނުވި ނަމަވެސް އޭނާ ވިދާޅުވީ އަދިވެސް ހުންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ކަމަށާއި މި މަހުގެ 20ގެ ފަހުން ދާއިރާއިން ފެނިގެންދާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް ދާއިރު އަޅުގަނޑުމެންގެ ތަފާތުވާނެ މާ ބޮޑު ހިޔާލެއް ނުހުންނާނެ، އެއީ ވަރަށް ތުރާތަކާއެކު އުނދަގުލުގައި އެކުގައި ތިބި ބައެއް އަޅުގަނޑުމެންނަކީ،" ގާސިމް ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކަން ފާހަގަކުރައްވައި އަލީ ވިދާޅުވި އެވެ.

އަލީ ވަހީދަށް ކުރެވޭ ޖިންސީ ގޯނާގެ ވާހަކަތައް ގަބޫލުނުކުރެވޭ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައިވާ ގާސިމް މިއަދުވެސް ވިދާޅުވީ އެއީ ސިޔާސީ ގޮތުން ބަޔަކު ރާވައިގެން، އަލީ ފްރޭމް ކުރުމަށް ކުރި ކަމެއް ކަމަށެވެ.

"ކޮވިޑުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި މިނިސްޓަރަކީ އަލީ ވަހީދު، އެކަން އެނގިވަޑައިގަންނަވާނެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ،" އަލީ ވަހީދަށް ދިމާވީ "ހަސަދަވެރިންގެ އެތިފަހަރެއް" ކަމަށް ވިދާޅުވެ އޭނާއަށް ތައުރީފް ކުރައްވައި ގާސިމް ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްސަލަ އަނބުރާ ގެންދިއުމުން އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ ވެސް ގާސިމެވެ.

ޕީޖީ އޮފީހުގެ ނިންމުމުގެ ހަބަރެއްގެ ސްކްރީން ޝޮޓަކާއެކު، ގާސިމްކުރެއްވި ޓްވީޓްގައި ގާސިމް ވިދާޅުވީ "ހޮނަރަބަލް އަލީ ވަހީދަށް ފަށްފަށުން މަރުހަބާ" މިހެންނެވެ.

މައްސަލައިގެ ފަސްފަހަތް

އަލީ ވަހީދު ރާއްޖެއިން ފިއްލެވީ ފެބްރުއަރީ 10، 2021 ގަ އެވެ. އޭގެ ފަހުން އޭނާ ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރު ކުރުމަށް ނޮވެމްބަރު 28، 2021 ގައި ކޯޓުން އަމުރެއް ނެރުނު ނަމަވެސް މިހާތަނަށް އޭނާ ރާއްޖެއަށް ގެނެވިފައެއް ނުވެ އެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު އެނބުރި ރާއްޖެއަށް ވަޑައެއް ނުގަންނަވަ އެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރި އެވެ. ނަމަވެސް، އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޗިޓް ނުފޮނުވިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލީ އެވެ.

އެ ފަހުން ދެވަނަ ފަހަރަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެނުދިން މައްސަލާގައި ހައިކޯޓަށް ދިޔަ އެވެ. ނަމަވެސް، އަލީގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، މައްސަލަ ބަލައިގެންފައިނުވެ އެވެ.

އަލީ ވަހީދު މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ.

އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން ޖުލައި 9، 2020 ގައި އޭނާ މަގާމުން ވަކިކުރި އެވެ.