Advertisement

ނަޝީދު އެމްޑީޕީއާ ދުރުވީ ޒާތީ ކަމެއްގައި، ޕާޓީ ރޫޅާ ނުލެވޭނެ: ފައްޔާޒް

14 ޖުލައި 2023 - 19:21 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރައީސް ސޯލިހު އަދި ރައީސް ނަޝީދާ އެކު. ނަޝީދު ވަނީ އެމްޑީޕީ ރުޅާލާނެ ކަމުގެ އިންޒާރު ދީފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ނަޝީދު އެމްޑީޕީއާ ދުރުވީ ޒާތީ ކަމެއްގައި، ޕާޓީ ރޫޅާ ނުލެވޭނެ: ފައްޔާޒް

14 ޖުލައި 2023 - 19:21 1

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްްދެވި ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމަށް ފަހު އެމަނިކުފާނު ކުރިން އުޅުއްވި ޕާޓީ ރުޅާލާނެ ކަމަށް ވިދާޅުވުމުން އެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރައްދު ދެއްވައިފި އެވެ.

އެމްޑީޕީގެ އެއް ބާނީ ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ޖެހުނު ސިޔާސީ މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސް ޖޫން 21، ގަ އެވެ. އެއިރު އެމަނިކުފާނުގެ އަރިސް ބޭފުޅުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރައްވަނީ އެވެ.

ރޭ ބޭއްވި ޖަލްސާއެއްގައި ނަޝީދު ވަނީ "ކެޔޮގަނޑުގެ ފޫ ވައް، ވެއްޓިއްޖެ" ކަމަށް ވިދާޅުވެ އެ ޕާޓީ ރުޅާލާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ފައްޔާޒް ވަނީ އެއީ ޒާތީ ކަމެއްގެ ގޮތުގައި ނަޝީދު ދެއްކެވި ވާހަކަފުޅެއް ކަމަށް ވިދާޅުވެފަ އެވެ.

"އެމްޑީޕީ ރޫޅާލާ ވާހަކަ ނަޝީދު ދެއްކެވީ ޒާތީ ކަމެއްގައި ގޮތުގައި. އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދުކުރައްވައިގެން އެމްޑީޕީން ދުރުވި ބައެއް ބޭފުޅުންނަކީ ވެސް ޒާތީ ކަމެއްގައި ޕާޓީއާ ދުރުވި ބޭފުޅުން," ފައްޔާޒް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އެމްޑީޕީގައި ތިބި ނަޝީދުގެ ރަހުމަތްތެރިން ވެސް އެ ޕާޓީން ވަކިވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

"ނަޝީދު ޕާޓީ ރޫޅާލުމުގެ ވާހަކައަކީ އެމަނިކުފާނު ދެކޭ ހުވަފެނެއް ފަދަ ކަމެއް. ކަމެއް ނުވެސް ވާނެ. ވިޔަވެސް ނުދޭނަން,"

ނަޝީދަކީ އެމްޑީޕީ އުފައްދަން 2003 ވަނަ އަހަރު ސަރުކާރަށް ޕެޓިޝަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ. ނަޝީދަކީ އެ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.

އެމްޑީޕީ ރުޅާލާނެ ކަމަށް ނަޝީދު ވިދާޅުވިއިރު މިވަގުތު ވެސް ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީ އެވެ. އެމްޑީޕީގައި މިވަގުތު 58,000 އަށްވުރެ ގިނަ މެމްބަރުން އެބަތިއްބެވެ. ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބަށް ވެސް އެ ޕާޓީން ވަނީ ކެމްޕޭނު ފަށާފަ އެވެ.

ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ދެވަނަ ދައުރެއް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭން ފަށްޓަވާފައިވާއިރު އެމްޑީޕީން ވަނީ އެމްޑީއޭ އަދި އަދާލަތު ޕާޓީއާ އެކު ވެސް ކޯލިޝަން ހަދާފަ އެވެ.