14 ޖުލައި 2023 - 14:28 2
ސާއިފް ޝިޔާދު
14 ޖުލައި 2023 - 14:28 2
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަމަށް ބެލެވޭ ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެންގް ސެންގް އެ ގައުމުގެ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އޮންގްގެ ހޮޓެލްސް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އިން ރާއްޖޭގައި އަށް ރިސޯޓަކާއި ލިވަބޯޑެއް މިވަގުތު ވެސް ގެންދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ފޯ ސީޒަންސް އާއި ސިކްސް ސެންސަސްގެ ރިސޯޓުތައް ހިމެނެ އެވެ.
ސިންގަޕޫރުގެ ކޮރަޕްޓް ޕްރެކްޓިސަސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ) އިން ވަނީ އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްރަމަނިއަމް އިސްވަރާންއާ ދެމެދު ހިނގާފައިވާ މުއާމަލާތްތަކުގެ މައުލޫމާތު ހޯދުމަށް އެދިފަ އެވެ. އިސްވަރާންގެ މައްޗަށް ގެންދަނީ ހިޔާނާތުގެ ތަހުގީގެއް ހިންގަމުންނެވެ. އަދި, އޮންގް ހައްޔަރު ކުރުމަށް ނޯޓިސްއެއް ވަނީ ނެރެފަ އެވެ.
އެޗްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި އޮންގް ހައްޔަރު ކުރުމަށް ނެރުނު ނޯޓިސްއާ ގުޅިގެން މިއަދު އެގައުމަށް އޭނާ ދާނެކަން އެވެ. އަދި, ކަފާލާތުގެ ގޮތުގައި ދައްކަން ޖެހޭ އެއް ލައްކަ ސިންގަޕޫރު ޑޮލަރު ވެސް އޭނާ ވަނީ ދައްކާފަ އެވެ.
މިއީ ސީދާ އޮންގްގެ މައްޗަށް ހިންގާ ތަހުގީގަކަށް ނުވި ނަމަވެސް, އެނބުރި ސިންގަޕޫރަށް އައިސް އޭނާގެ ޕާސްޕޯޓު ސީޕީއައިބީއާ ހަވާލުކޮށް އޭނާ ހުންނާނީ އެ ބިއުރޯގެ ބެލުމުގެ ދަށުގަ އެވެ. އޭނާގެ މައްޗަށް އޮތީ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރަން ޖެހޭ ފަދަ އަމުރަކަށް ނުވާތީ އޭނާ ހުންނާނީ ކަފާލާތުގެ ދަށުން މިނިވަން ވެފަ އެވެ.
މި އަމުރާއެކު ސީޕީއައިބީއަށް ދޭން ޖެހޭ އެއްބާރުލުން އެންމެ ފުރިހަމައަށް އޮންގް ދެމުންދާ ކަމަށް ވެސް އެޗްޕީއެލުން ވަނީ ބުނެފަ އެވެ. އޮންގް އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންދިޔުމާ އެކު އެޗްޕީއެލްގެ ހިއްސާގެ އަގުތައް ވަނީ ހަ އިންސައްތަ ދަށަށް ގޮސްފަ އެވެ.
އޮންގްގެ ކުންފުނިން ރާއްޖޭގައި ހިންގަމުންދަނީ އެންމެ މަތީ ފަންތީގެ ރިސޯޓުތަކެކެވެ. އެ ރިސޯޓުތަކަކަކީ;
ކޮވިޑު ދުވަސްވަރު ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ބޭރުގެ ވިޔަފާރިވެރިންގެ ލިސްޓުގެ ކުރީގައި އޮންގް ހިމެނެ އެވެ. އެގޮތުން, އޭނާ ވަނީ ރާއްޖެއަށް 15 ވެންޓިލޭޓަރާއި 150,000 މާސްކު ވެސް ހަދިޔާކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އޭނާއަށް މަންފާވި ކަމަށް އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް (އޯސީސީއާރުޕީ) ގެ ރިޕޯޓަކުން ވަނީ ހާމަވެފަ އެވެ. އެއީ, ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު އަދީބުގެ ފޯނުގައި ހުރި މައުލޫމާތުތައް އެއްކޮށްގެން އެކުލަވާލި ރިޕޯޓެކެވެ.
އެގޮތުން, އޯސީސީއާރުޕީން ފަޅާއަރުވާލި މައުލޫމާތުތަކުން އެނގޭ ގޮތުގައި ވ. ފޮއްތެޔޮ ބޮޑުފުށި ހޯދުމަށް އެޗްޕީއެލްއިން މަޝްވަރާ ކުރަމުން ދިޔަ ވަގުތުގައި ރާއްޖޭގެ އޭރުގެ ރައީސް އަބްދުالله ޔާމީނާއި އަދީބަށް އަގުބޮޑު ހޮޓެލްތަކުގައި ތިބުމުގެ ފުރުސަތާއި އަދި މާއްދީ އެކި ހަދިޔާ ދީފައިވެ އެވެ.
އެގޮތުން, ސިންގަޕޫރަށް އަދީބާއި ޔާމީން ވަޑައިގަތުމުން އޮންގް ގެ އެޗްޕީއެލްއިން ހިންގާ ހިލްޓަން ސިންގަޕޫރުގެ ޕްރެޒިޑެންޝަލް ސޫޓުގައި އެ ދެ ބޭފުޅުން ތިއްބެވިކަން ވެސް އެނގެ އެވެ. އަދި, އެތަނުގައި އެ ތިން ބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި އެވެ. ހަމައެހެންމެ, ސިންގަޕޫރުގައި ބޭއްވި ފޯމިއުލާ ވަންގެ ރޭހަކަށް ވެސް އޮންގްގެ މެހެމާނުންގެ ގޮތުގައި ޔާމީނާއި އަދީބު ވަޑައިގަތެވެ.
ފޮއްތެޔޮ ޑީލުގެ ތެރެއިން އޮންގްގެ އަންހެނުން ހިންގާ ކޮމޯ ބްރޭންޑުގެ ރާއްޖޭގެ ރިސޯޓު ކަމަށްވާ ކޮމޯ މާލިފުށި ކައިރީގައި އޮތް ލަވަދޫ ނަމަކަށް ކިޔާ ރަށެއް އޭނާއަށް ދިން ކަމަށް ވެސް އޯސީސީއާރުޕީގެ ފައިލްތަކުން އެނގެ އެވެ. އަދި, އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް އަދީބާއި ޔާމީންގެ އަރިހުން އޮންގް އެދުނުކަން ވެސް އެ ރިޕޯޓުން އެނގެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޮންގްއާ ދެކޮޅަށް ރާއްޖޭގައި ވެސް އެއްވެސް ތަހުގީގެއް ހިންގާފައިވާކަން އެނގެން ނެތެވެ. އަދި, އެއްވެސް ތަހުގީގީ އިދާރާއަކުން އޭނާއާ އެ މައްސަލާގައި ސުވާލުކޮށްފައިވާކަން ވެސް އެނގެން ނެތެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment