Advertisement

ދެ ވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އިސްކަންދެއްވާނީ ޒުވާނުންނަށް ކަމަށް ރައީސް ވިދާޅުވެއްޖެ

13 ޖުލައި 2023 - 22:22 0

ކ. މާފުށި

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މާފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ؛ ވިދާޅުވީ ދެ ވަނަ ދައުރެއްގެ އަމާޒަކީ ޒުވާނުންނަށް ބަސްބުނެ ހަރަކާތްތެރިވުމުގެ ޖާގަ ފަހިކޮށްދިނުން ކަމަށް-- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ދެ ވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އިސްކަންދެއްވާނީ ޒުވާނުންނަށް ކަމަށް ރައީސް ވިދާޅުވެއްޖެ

13 ޖުލައި 2023 - 22:22 0

ކ. މާފުށި

ދެ ވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ، އެންމެ ބޮޑު އަމާޒަކަށް ހަދާނީ ގައުމުގެ މުހިންމު ކަންކަމުގައި ޒުވާނުންނަށް ބަސްބުނެވި، ހަރަކާތްތެރިވުމުގެ ޖާގަ މިހާރަށް ވުރެ ބޮޑަށް ފަހިކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

"އުފާވެރި އަމާން ރާއްޖެ" ރިޔާސީ ކެމްޕެއިނުގައި މާފުށީގައި މިރޭ ބޭއްވި ކެމްޕެއިނު ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް އޮތީ އާ އަޒުމަކާއި އުންމީދުތަކެއް ކަމަށާއި މި ދައުރުގައި އެޅުއްވި ބިންގާގެ މަތިން ކުރިއަށް އޮތް ދައުރުގައި ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ކުރިއަށް މިއޮތް ދައުރު އެންމެ މުހިންމު އަމާޒަކީ އާ ޒުވާނުންނަށް، އެ ޖީލަށް ފުރުސަތު ހުޅުވާލުން، ރާއްޖޭގެ ކަންކަމުގައި ބަސްބުނެ، ހަރަކާތްތެރިވުމުގެ ހަޖާގަ ޒުވާނުންނަށް މިހާރަށްވުރެ ރަނގަޅަށް ދިނުން، އަމާން މުޖުތަމައެއް ގާއިމް ކުރުމަށް ފަށާފައިވާ މި މަސައްކަތައިގެން ކުރިއަށް ދިއުން،" ރައީސް ވިދާޅުވި އެވެ.

އިސްކަން ދޭނެ އެހެން ކަންކަމުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމާއި ހެޔޮވެރިކަމެއް ކޮށް، އިގްތިސޯދު ދެ ގުނަ ކުރުމެވެ.

ރައީސް އިތުރަށް ވިދާޅުވީ މާފުއްޓަށް މިދިޔަ ރިޔާސީ އިންތިހާބުގައި ވީ ވައުދުތައް ފުއްދި އިތުރަށް ވެސް ކަންކަން ކޮށްދެވިފައިވާ ކަމަށެވެ.

ދެ ވަނަ ދައުރެއް ލިބިއްޖެނަމަ މި ރަށުގެ މަގުތައް ހަދައި، ފެރީ ޓާމިނަލްއަކާއި އެރައިވަލް ޖެޓީއެއް ހަދައި، އަލަށް ހިއްކި މާފުށީގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. އަދި އިއްުޔެ ސިއްހީ މަރުކަޒަކަށް ބަދަލުކުރި މާފުށީ ހޮސްޕިޓަލު "ފެންވަރު ރަނގަޅު" ހޮސްޕިޓަލަށް ހަދައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ބޭނުންވަނީ މަސައްކަތް ކުރެވޭނެ ޖާގަ ހޯދައިދޭން، ސަރުކާރެއްގެ މަސައްކަތަކަށް ވާން ޖެހޭނީ އެ މަސައްކަތް، ރައްޔިތުން ބޭނުންވާ މަސައްކަތް ކުރެވޭނީ މި ދެންނެވި ފުރުސަތު ރައްޔިތުންނަށް ދީގެން، ސަރުކާރުން ބޭނުންވާ އަސާސީ ހިދުމަތްތަކާއި އިންފްރާސްޓްރަކްޗާ ގާއިމްކޮށްދެވިގެން،" ރައީސް ވިދާޅުވި އެވެ.

މާފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ؛ ފޮޓޯ: މިރާޝް/ އަދަދު


ރައީސް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ އެކަމަށް ކަމަށެވެ.

"މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް އެ ނިމެނީ، ކަރަންޓާއި ބަނދަރާއި އަދިވެސް ބޭނުންވާ ސިއްހީ ހިދުމަތާއި ތައުލީމު ގާތުން ދިނުމާއި މި ހުރިހާ ކަމެއް އެއް ފަހަރާ އެ ދަނީ ހިނގަމުން،" ރައީސް ވިދާޅުވި އެވެ.

މާފުށިން މިއަދު ރައީސަށް ކީ މަރުހަބާގެ ތެރެއިން-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ގުރައިދޫ ދާއިރާއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިނު ދަތުރުފުޅުގައި މި ދާއިރާގެ ހުރިހާ ރަށަކަށް ރައީސް މިއަދު ވަޑައިގަންނެވި އެވެ. އެގޮތުން މިއަދު މެންދުރު ގުޅިއަށް އަދި ހަވީރު ގުރައިދޫއަށް ވަޑައިގެންނެވި އެވެ. މާފުއްޓަކީ ދަތުރުގެ ފަހު މަންޒިލެވެ.

ރައީސްގެ ދަތުރުފުޅުގައި އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި، ކޯލިޝަން ލީޑަރު އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝާޒުގެ އިތުރުން ސަރުކާރުގެ މަތީ ފަންތީގެ ގިނަ ބޭފުޅުން ބައިވެރިވަޑައިގަންނަވަ އެވެ.