Advertisement

ބުރުގެ 95 ޕަސެންޓް ކުޅުންތެރިން ބަރާބަރަށް ޕްރެކްޓިސް ކުރި: ނިޒާމްބެ

14 ޖުލައި 2023 - 11:44 0

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވާހަކަ ދައްކަނި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ބުރުގެ 95 ޕަސެންޓް ކުޅުންތެރިން ބަރާބަރަށް ޕްރެކްޓިސް ކުރި: ނިޒާމްބެ

14 ޖުލައި 2023 - 11:44 0

ސާފް ޗެމްޕިއަންޝިޕަށް ލީގުގެ ކުޅުން މެދު ކަނޑާލައި ލިބުނު ބްރޭކްގައި ޓީމްގެ 95 އިންސައްތަ ކުޅުންތެރިން ޕްރެކްޓިސްތަކުގައި ބައިވެރިވިކަމަށާއި، ޓީމްގެ ތައްޔާރީތަކާ މެދު ހިތްހަމަޖެހޭކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހަ ށްފަހު ލީގުގެ ކުޅުން މިއަދު ފަށާނީ ކުލަބު ގްރީން ސްޓްރީޓްސް އާއި ބުރު ސްޕޯޓްސް ކުލަބު ވާދަކުރާ މެޗުންނެވެ.

ޓީމްގެ ތައްޔާރީތަކާ ގުޅޭގޮތުން ބުރުގެ ކޯޗު ނިޒާމްބެ ބުނީ ލީގުގެ ބޭނުން އެންމެ ބޭނުންވާ ގޮތަށް ނުހިފުނު ނަމަވެސް ހިތްހަމަޖެހޭ ވަރުގެ ކުރިއެރުމެއް ޓީމަށް ގެނެވުނު ކަމަށެވެ. ބައެއް ކުޅުންތެރިންނަށް ހުރިހާ ޕްރެކްޓިސްތަކުގައި ބައިވެރިނުވެވުނު ނަމަަވެސް ޓީމްގެ 95 އިންސައްތައެއްހާ ކުޅުންތެރިން ރަނގަޅަށް ޕްރެކްޓިސް ކުރިކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ބޭނުންވި ޝެޑިއުލްއާ އެއްގޮތަށް ޕްރެކްޓިސްތައް ކުރިއަށްގެންދެވުނު ކަމަށާއި، ޓީމުގެ ގިނަ ކުޅުންތެރިންގެ ކުޅުމަށް ރަނގަޅު ބަދަލުތަކެއް ގެނެވުނު ކަމަށެވެ.

"ވަރަށް ހިތްހަމަޖެހޭ ބައެއްކަންތައްތައް އެބަހުރި. މީގެ ތެރޭގައި ބެންޗުން އަރުވަން ބަލާއިރު ތިބި ކުޅުންތެރިންގެ ކުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެވުނު. އެއީ ހިތްހަމަޖެހޭ ކަމެއް. ބައެއް ކުޅުންތެރިންނަށް އެމީހުންގެ އަމިއްލަ ކަންކަމުގެ ސަބަބުން ޕްރެކްޓިސް މަދުކޮށްދިޔަ. އެހެންނަމަވެސް އެއީ އަބަދުވެސް ބޮލުތެރޭގައި އިންނަ ކަމެއް. ޓީމްގެ 90 ނޫނީ 95 ޕަސެންޓް ކުޅުންތެރިން ބަރާބަރަށް ޕްރެކްޓިސް ކުރި." ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ ލީގުގައި އަންނަ ބްރޭކްތަކަކީ އާ ކަމެއް ނޫން ކަމަށާއި، ތައްޔާރީތައް ބައްޓަން ކުރަނީ ކުއްލި ބްރޭކްތަކަށްވެސް ވިސްނައިގެންކަމަށެވެ.

ބޮޑު ޗުއްޓީގައި ކުރިއަށްދިޔަ ފުޓްސަލް މުބާރާތްތަކުގެ ސަބަބުން ޓީމަށް އަސަރުކުރިތޯ އެހުމުން ނިޒާމްބެ ބުނީ ބުރުން ކުޅުންތެރިންނާ ކޮންޓްރެކްޓް ހެދީ ފުޓްސަލް މުބާރާތްތަކުގައި ނުކުޅެވޭ ގޮތަށްކަމަށާއި، ބޮޑު ޗުއްޓީގައި ފުޓްސަލް މުބާރާތްތަކުގައި ކުޅުނު ކުޅުންތެރިންނަށް ބުރުގެ މެނޭޖްމަންޓުން ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ.

ކުރިއަށް އޮތް ކުލަބު މޯލްޑިވްސް ކަޕުގައި ބުރުގެ ކުޅުންތެރިން ކުޅުމާ ގުޅޭގޮތުން ނިޒާމްބެ ބުނީ ބައެއް ކުޅުންތެރިން އެ މުބާރާތުގައި ކުޅެން އޮފީސްތަކުން އެދިފައިވާ ކަމަށާއި، އޮފީސްތަކާއި މަޝްވަރާ ކުރެވި ކުލަބުގެ މެޗުތަކަށް އިސްކަންދޭނެ ކަމަށް އެއްބަސްވެވިފައިވާ ކަމަށެވެ. އޮފީސްތަކުގެ ފުޓްސަލް ޓީމްގެ ކޯޗުން ވެސް ކުލަބުގެ ފަރިތަކުރުންތަކާށް ބޮޑު އެއްބާރުލުމެއް ދެމުން އަންނަކަން ނިޒާމްބެ ފާހަގަކުރި އެވެ.

"ދެން ކުލަބު މޯލްޑިވްސްގައި އެބަ އުޅޭ އޮފީސްތަކުގައި އުޅޭ ކުޅުންތެރިން. އެކަމަކު ކުޅުންތެރިންވެސް އޮފީހުންވެސް އެއްބަސްވެފައި އޮތީ ކުލަބަށް އިސްކަންދޭން. ޓްރެއިނިންއާ މެޗުތަކަށްވެސް ކުލަބަށް އިސްކަންދޭގޮތަށް ހަމަޖެހިފައި އޮތީ. ކޯޗުންވެސް ވަރަށް ބޮޑަށް މި ކުލަބުގެ ޕްރެކްޓިސްތަކަށް ކުޅުންތެރިން ދޫކުރި." އޭނާ ބުންޏެވެ.

ނިޒާމްބެ ވަނީ ފުޓްސަލްގެ ސަބަބުން ފުޓްބޯޅައަށް ގެއްލުންވާކަމަށް ދެކެވޭ ވާހަކަތަކަށްވެސް އޭނާގެ ހިޔާލު ހިއްސާކޮށްފަ އެވެ.

އޭނާ ބުނީ ގިނަ ގޮތްގޮތަކުން ފުޓްސަލްގެ ސަބަބުން ފުޓްބޯޅައަށް ހެޔޮ އަސަރުކުރާކަމަށާއި، އޭނާއަަށް ފާހަގަވާ ހަމައެކަނި ގެއްލުމަކީ އެއް ފަހަރާ ދެ މުބާރާތް ކުރިއަށްދިޔުމުން ކުޅުންތެރިންނަށް އަނިޔާވުމުގެ ބިރު އޮތުންކަމަށެވެ.

"އަސްލު ފުޓްބޯޅައަކަށް ހީނަރުކަމެއް ނާދޭ ފުޓްސަލްގެ ސަބަބުން. ކުރިއާ އަޅާ ބަލާއިރު ކުޅުންތެރިންގެ ސްކިލް ލެވެލް ރަނގަޅުވާނެ. ފުޓްސަލް އެއީ ސްމޯލް ސައިޑެޑް ގޭމަކަށްވެފަ ކުޅުންތެރިން މަދުވެފަ ގިނައިން ބޯޅަ ކުޅެން ފުރުސަތު ލިބިފަ ގިނައިން ޑެސިޝަން މޭކްކުރަން ލިބެންޏާ ސްކިލް ޑިވެލޮޕްވާނެ. މިހާރު އަނެއްކޮޅުން ކޮމްޕެކްޓް ކޮށް ކުޅޭއިރު އެ ކޮންޕެކްޓް އޭރިއާސްތަކުގައި ކުޅެން ފަރިތަވާނެ." ނިޒާމްބެ ބުންޏެވެ.

ބުރު އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.